Roadha Mihaaru
ޑްރަގް އުފުލާ މީހާގެ ސޮއި ވެސް ޗެއިންގައި އޮންނަންޖެހޭ

ޑްރަގް ގެންނަ މީހާ ޗެއިން އޮފް ކަސްޓަޑީގައި ސޮއިކުރުވަންޖެހޭ އުސޫލު ހައި ކޯޓުން ބަދަލެއް ނުކުރި

13 އޯގަސްޓް 2022

މަސްތުވާތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދުމަށްޓަކައި، ތުހުމަތު ކުރެވޭ މީހާގެ އަތަށް މަސްތުވާތަކެތި ދީގެން ހިންގާ އޮޕަރޭޝަންތަކުގައި ޗެއިން އޮފް ކަސްޓަޑީގައި ތުހުމަތުކުރެވޭ މީހާ ސޮއިކުރަންޖެހޭ ގޮތަށް ނިންމާފައިވާ ނިންމުން ބަދަލުކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދުމަށްޓަކައި، ތުހުމަތު ކުރެވޭ މީހާގެ އަތަށް މަސްތުވާތަކެތި ދީގެން ހިންގާ އޮޕަރޭޝަންތަކުގައި ޗެއިން އޮފް ކަސްޓަޑީގައި ތުހުމަތުކުރެވޭ މީހާ ސޮއިކުރަންޖެހޭ ގޮތަށް ނިންމާފައިވާ ނިންމުން ބަދަލުކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި އެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ ފުލުހުން ހޯދާ މާއްދީ ހެކިތައް ފުލުހުންގެ ތެރޭގައި އެކަކު އަތުން އަނެކަކު އަތަށް ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ލިޔުމެކެވެ. އެކަމަކު މަސްތުވާތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދުމަށްޓަކައި ހިންގާ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ބަހައްޓާފައި ހުންނާނީ ތުހުމަތު ކުރެވޭ މީހާގެ އަތުގަ އެވެ. ފުލުހުން ތިބޭނީ އެ ތަކެތި ހޯދަން އަންނަ މީހަކު ބެލުމަށް ފާރައަަށެވެ. މިގޮތަށް އެ މީހުންގެ އަތަށް މަސްތުވާތަކެތި ދިނަސް، ޗެއިން އޮފް ކަސްޓަޑީގައި އެ މީހުންގެ ނަމެއް ނޯންނާނެ އެވެ.

އެކަމަކު ހައި ކޯޓުން ކުރިން ނިންމާފައި އޮތީ އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ މީހާގެ އަތަށް ފުލުހުން މަސްތުވާތަކެތި ދީފި ނަމަ، އޭނާގެ ނަން ޗެއިން އޮފް ކަސްޓަޑީގައި އޮންނަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ ނިންމުމަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން 2020 ވަނަ އަހަރު ވެސް އެގޮތަށް ނިންމި އެވެ.

ހައި ކޯޓުގެ ކުރީގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ. އެކަމަކު ކްރިމިނަލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު ދައުލަތުން ހައި ކޯޓުގައި އެދުނީ އެ ކޯޓުގެ ކުރީގެ ނިންމުން މުރާޖާކޮށް ދިނުމަށެވެ.

ދައުލަތުން ބުނިގޮތުން ތުހުމަތު ކުރެވޭ މީހުންގެ ނަން ޗެއިންގައި އޮންނާކަށް ނުޖެހެ އެވެ. އެއީ އެ މީހުންގެ އަތަށް މަސްތުވާތަކެތި ދެނީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބެގެން ކަމަށްވާތީ އެވެ. އަދި އެ މީހުންގެ ނަން ޗެއިންގައި ހިމަނަން ޖެހޭނަމަ، އޭގައި ސޮއިކުރުމަށްފަހު ފަހުން އެކަމަށް އިންކާރު ވެސް ކޮށްފާނެ ކަމަށާއި އަދި ހައި ކޯޓުގެ ކުރީގެ ނިންމުމުގެ ސަބަބުން މަސްތުވާތަކެތީގެ އެތައް މައްސަލައަކަށް އޭގެ ނުބައި އަސަރުކުރާ ކަމަށް ދައުލަތުން ހައި ކޯޓުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ތުހުމަތުކުރެވޭ މީހުންގެ ނަން ޗެއިންގައި އޮންނަންޖެހޭ ގޮތަށް ހައި ކޯޓުން ކުރިން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިނުވާ ކަމަށެވެ. އަދި ހައި ކޯޓުގެ ނިންމުމެއް މުރާޖާކުރަން އެ ކޯޓުގައި އެދެވޭނެ ގާނޫނީ ހަމައެއް ދައުލަތަށް ނުދެއްކޭ ކަމަށާއި އެހެންވެ، އެ ނިންމުން މުރާޖާ ނުކުރެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.