Roadha Mihaaru
އަޑަށް ވުރެ ބާރު މިސައިލުން ޔޫކްރޭނަށް ހަމަލާދީފި

ޔޫކްރޭނާ ދެކޮޅަށް، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ބޭނުންކޮށްފި

10 މެއި 2022

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ބޭނުންކޮށްގެން، ޔޫކްރޭންގެ ދެކުނު އައްސޭރީގެ ބަނދަރު ސަހަރެއް ކަމަށްވާ އޮޑެއްސާ އަށް ހަމަލާތަކެއް ދީފި އެވެ.

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ބޭނުންކޮށްގެން، ޔޫކްރޭންގެ ދެކުނު އައްސޭރީގެ ބަނދަރު ސަހަރެއް ކަމަށްވާ އޮޑެއްސާ އަށް ހަމަލާތަކެއް ދީފި އެވެ.

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި އޮޑެއްސާގައި ހުންނަ ދެ ޓޫރިސްޓް ހޮޓަލަކަށް، ރަޝިޔާ ސިފައިން އިއްޔެ ހަމަލާ ދިނީ، ހަނގުރާމަމަތީ މަތިންދާބޯޓަކުން ފޮނުވައިލި، ކިންޒަލް މަރުކާގެ ތިން މިސައިލަކުންނެވެ. މިއީ ރަޝިޔާގައި އެންމެ ފަހުން އުފެއްދި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައިގައި، އެންމެ ފުރަތަމަ ފަހަރަށް ކިންޒަލް މިސައިލް ބޭނުންކުރީ، މިދިޔަ މާޗް މަހުގެ މެދުތެރޭގަ އެވެ. އަޑަށް ވުރެ ދިހަ ގުނަ ބާރަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ކިންޒަލް މިސައިލަކީ، 2018 ވަނަ އަހަރު ރަޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރަން ނެރުނު މިސައިލެކެވެ.

ޔޫކްރޭނުން ބުނި ގޮތުގައި އިއްޔެ ދިން މިސައިލް ހަމަލާގައި މީހަކު މަރުނުވި ނަމަވެސް، ދެ މީހަކު ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. ރަޝިޔާ އިން އިއްޔެ އޮޑެއްސާ އަށް ފޮނުވައިލި ތިން ކިންޒަލް މިސައިލް އަމާޒުކުރީ، އޮޑެއްސާގެ ޒަޓޯކާ ކިޔާ އަވަށުގައި ހުރި ދެ ޓޫރިސްޓް ހޮޓަލަކަށެވެ.

ކިންޒަލް މިސައިލްގެ އިތުރުން، އެހެން ބާވަތުގެ މިސައިލް ބޭނުންކޮށްގެން އިއްޔެ ދިން ހަމަލާތަކުގައި އޮޑެއްސާގެ ޝޮޕިން މޯލްއަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޮޑެއްސާގައި ތިބި ޔޫކްރޭންގެ އޮފިޝަލުން ބުނާ ގޮތުގައި، ޝޮޕިން މޯލަށް ހަތް މިސައިލް އަމާޒުވި އެވެ. މި ހަމަލާތަކުގައި އެކަކު މަރުވެ އިތުރު ފަސް މީހަކު ޒަހަމްވި އެވެ.

ރަޝިޔާ ސިފައިންގެ ގިނަ ހަމަލާތައް އިއްޔެ އޮޑެއްސާ އަށް އަމާޒުކުރި އިރު، އެ ހަމަލާތައް ދީފައިވަނީ ކަޅު ކަނޑުގައި ހަރަކާތްތެރިވާ ރަޝިޔާގެ ކަނޑުގެ ލަޝްކަރުގައި ހިމެނޭ މަނަވަރުތަކާއި ސަބްމެރިންތަކުގެ އިތުރުން، ރަޝިޔާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުންނެވެ.

ޔޫކްރޭންގެ ދެކުނުން ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ މަރިއުޕޯލް ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގޮސްފައިވާ އިރު، އެ ސަހަރުން ނުފައިބައި ތިބި ޔޫކްރޭންގެ ދެތިން ސަތޭކައެއްހާ ސިފައިން، އެ ސަހަރުގައި ހުންނަ ދަގަނޑު އުފައްދާ ކާރުޚާނާއެއްގެ ތެރޭގައި އަދިވެސް އެބަ ތިއްބެވެ. އެ ކާރުޚާނާ އަދިވެސް ހުރީ ރަޝިޔާ ސިފައިންގެ ހިސޯރުގެ ދަށުގައި ކަމަށްވާއިރު، އެ ތަނުގެ ތެރޭގައި މިހާރު ތިބީ ޔޫކްރޭންގެ ދެތިން ސަތޭކަ ސިފައިންގެ އިތުރުން، ރަޝިޔާގެ ހަމަލާތަކަށް ފިލަން ވަދެ ތިބި އާންމުންގެ ތެރޭގައި ހިމެނޭ ފިރިހެނުންނެވެ.

އެ ކާރުޚާނާ އިން ރައްކާތެރިކަން ހޯދި އާންމުންގެ ތެރެއިން، އަންހެނުންނާއި ކުޑަކުދިންނާއި ހުރިހާ މުސްކުޅިން މިހާރު ވަނީ، އދ. އާއި ރެޑް ކްރޮސްގެ ބެލުމުގެ ދަށުން، އެ ތަނުން ނެރެ ރައްކާތެރި ތަންތަނަށް ގެންގޮސްފަ އެވެ.