Roadha Mihaaru
އިސްލާމީ ތަރުބިއްޔަތަށް އިސްކަން ދޭންޖެހޭ: ރައީސް

ކުޑަކުދިންނަށް ޒަމާނީ ތައުލީމު ފަދައިން އިސްލާމީ ތަރުބިއްޔަތު ދޭންޖެހޭ: ރައީސް

10 މެއި 2022

ޒަމާނީ ތައުލީމުން ކުދިންގެ ސިކުނޑިތައް ތަރައްގީކުރަން މަސައްކަތްކުރާ ފަދައިން އިސްލާމީ ރިވެތި އަދަބު އަހްލާގުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ޒަމާނީ ތައުލީމުން ކުދިންގެ ސިކުނޑިތައް ތަރައްގީކުރަން މަސައްކަތްކުރާ ފަދައިން އިސްލާމީ ރިވެތި އަދަބު އަހްލާގުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ މިއަދުގެ ކުޑަކުދިންގެ ކުރިމަތީގައި އުފެދިފައިވާ ސުވާލަކީ އެ ކުދިންގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ސުވާލު ކަމަށެވެ. އެއީ ރައީސް ވިދާޅުވި ގޮތުގައި އެ ކުދިންގެ ކުރިމަގު ބިނާކުރަން އޮތް ވެށީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކާ މެދު އުފެދިފައިވާ ސުވާލެވެ. އަދި އެ ކުދިން ދިރިއުޅެން އޮތް މާހައުލުގެ ސުލްހަޔާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަންވީ ކަންކަމާ މެދު އުފެދިފައިވާ ސުވާލެވެ.

ރައީސް ވިދާޅުވީ މުޖުތަމައުގައި ހުރި އެންމެހައި ނޭދެވޭ ސިފަތަކާއި އަމަލުތަކުން ކުދިން ދުރުހެލިކޮށް މުޖުތަމައުގެ ސުލްހަޔާއި ހަމަޖެހުމަށް އިސްކަންދޭ ބައެއްގެ ގޮތުގައި ކުދިން ބޮޑެތިކުރުން ވަރަށް މުހިންމު ވެފައިވާ ކަމަށެވެ.

ކޮންމެ މީހަކު ވެސް ކުޑަކުދިންގެ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމްކޮށް އެ ކުދިންގެ ކަރާމާތާއި އިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭ މީހަކަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތްކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިކުރުމަކީ އެ ކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަސައްކަތެކެވެ. އަދި މުޖުތަމައުގައި ފެތުރެމުންދާ ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނެ އެފަދަ އަމަލުތައް ހުއްޓުވަން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކުދިން ބޮޑެތިކުރުމަކީ އެ ކުދިންނަށް ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ކުރެވިދާނެ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

''ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމަކީ މުޅި މުޖްތަމައުގެ ޒިންމާއެއް. އަޅުގަނޑުމެން ކޮންމެ މީހަކުމެ ވާންވީ ކުޑަކުދިންގެ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމްކުރާ އެ ކުދިންގެ ކަރާމާތާއި އިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭ މީހަކަށް.'' ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގައި ތިބި ދިވެހިންނާ ބައްދަލު ކުރެއްވި އިރު ކުއްޖަކު އުރާލައިގެން. ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގައި ތިބި ދިވެހިންނާ ބައްދަލު ކުރެއްވި އިރު ކުއްޖަކު އުރާލައިގެން. ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ތަހުޒީބާއި ތަރައްގީގެ ކުލަތަކުން މަލަ ފެވޭ ގައުމެއް ބިނާކުރެވޭނީ އުފެއްދުންތެރި އަދި އީޖާދީ ވިސްނުންހުރި ދަރިންތަކެއް އުފެއްދިގެން ކަމަށެވެ. އަދި ކޮންމެ މުޖުތަމައެއްގައި ވެސް ކުޑަކުދިންނަކީ އެ މުޖުތަމައުގެ ކުރިމަގުގެ އުންމީދު ކަމަށާއި ކުދިންގެ ހެދި ބޮޑުވުމަށާއި ތައުލީމަށާއި ތަރުބިއްޔަތަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ, ކުރެވޭ ކޮންމެ ހޭދައަކީ މުޅި ގައުމުގެ ކުރިމަގަށްޓަކައި ކުރެވޭ ވަރަށް މަތިވެރި އިންވެސްޓެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހި މުޖުތަމައުއަކީ ކުޑަކުދިންނަށް ލޯތްބާއި އޯގާތެރިކަމާއި އަޅައިލުން ލިބޭ މުޖުތަމައަކަށް ވުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު އުންމީދެކެވެ.