Roadha Mihaaru
އޮމްބަޑްސްޕާސަން އަށް ނިއުމާތު ޝަފީގުގެ ނަން

ކުޑަކުދިންގެ އޮމްބަޑްސްޕާސަން އަށް ހުށަހެޅި ނިއުމާތުއާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަނީ

16 ޖޫން 2020

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ މިންވަރު ކަނޑައަޅަން މިނިވަން މުސްތަގިއްލު މަގާމެއް ގޮތަށް އުފެއްދި އޮމްބަޑްސްޕާސަންގެ މަގާމަށް ހުށަހަޅާފައިވާ ނިއުމާތު ޝަފީގުއާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިރޭ ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މި މަގާމަށް މީހަކު އައްޔަނުކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އޮމްބަޑްސްޕާސަންގެ މަގާމަށް މ. މާފުށީގެ ނިއުމާތު އައްޔަނުކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް، ނިއުމާތުގެ ނަން ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުންޏެވެ. ނިއުމާތު އަކީ ރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ނިއުމާތުއާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނަމަ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި މި ކަން ކުރަން ޖެހޭނީ ޝަކުވާ ހުށަހަޅާ މީހާގެ ނަމާއި ދާއިމީ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރެއް ފޯރުކޮށްދިނުމަށް ފަހު އެވެ. މަޖިލީހުގެ ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލްކޮށް ނުވަތަ މަޖިލިހުގެ އިދާރާއަށް ލިޔުމެއް ފޮނުވައިގެން ޝަކުވާ ހުށަހެޅޭނެ އެވެ.

ނިއުމާތުއާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވަނީ މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ފޮނުވުމަށް ފަހު އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށްފައި ވަނީ މިދިޔަ އަހަރެވެ. އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަނުކުރާ މީހަކަށް 35،000 ރުފިޔާގެ މުސާރައެއް ދޭން ރައްޔިތުންގެ މަޖިލިހުން ވަނީ މިދިޔަ މޭ މަހު ފާސްކޮށްފަ އެވެ.