Roadha Mihaaru
އިހުމާލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނަން: ރައީސް

ކުޑަކުދިންނަށް އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނަން: ރައީސް

22 ޖެނުއަރީ 2020

ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ކ. ގުރައިދޫ އެމްޑީޕީ ޖަގަހަ ހުޅުވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި، ރައީސް ވިދާޅުވީ ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ ލިބުނީ ޒަމާނުންސުރެ އެކަންކަމާ އަޅާނުލެވި އޮތުމުން ކަމަށެވެ.

ވާހަކަ ދައްކަން މިއަދު ތިބެވެން ނެތް ކަމަށާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ބިނާ ކޮށްދިނުމަށް އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖެހެނީ ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން. އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކަން މި އަރުވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަށް ހަވާލުވެ ތިބި ދައުލަތުގެ އެއްވެސް މުވައްޒަފަކު އެކަމަށް އިހުމާލުވެއްޖެ ނަމަ އެކަމާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު އެ މުވައްޒަފަކާ ދޭތެރޭ އަޅުގަނޑު އަޅާނަން،" ރައީސް ވިދާޅުވި އެވެ.

"އަދި ޒިންމާދާރު ކުރުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްވެސް ފަސްނުޖެހި އަޅުގަނޑުމެން ކުރާނަން."

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ފެއިލްވެފައި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ. ޖެންޑާ މިނިސްޓްރީިން މިއަދު ވަނީ އެކި ސެކްޝަންތަކުގެ ވެރިން ވެސް ބަދަލުކޮށްފަ އެވެ.

ޑުރަގާއި ކޮރަޕްޝަނާއި ހަރުކަށި ފިކުރުގެ މައްސަލަތަކަކީ އެކުއެކީގައި ކުރިމަތިލާން ޖެހިފައިވާ މައްސަލަތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރެވޭނީ ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރާނެ ބައެއް ލިބިގެން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

"އަނެއްކާވެސް ތިބޭފުޅުންނަށް ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިކަންތައްތަކަށް ހައްލު ގެނެސްދޭނަން" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުރަން ބޭނުންވާ ކަންތައްތައް ކުރެވޭނީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކުގައިވާ ގޮތުގެ މަތިން މަސައްކަތް ކުރާނެ ކައުންސިލެއް ލިބިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.