Roadha Mihaaru
ދެ ދޯނީ ދޭތެރޭގައި ފިތިގެން މީހަކު މަރުވެއްޖެ

ދެ ދޯނީ ދޭތެރޭގައި ފިތިގެން މީހަކު މަރުވެއްޖެ

10 މެއި 2022

މ. ކޮޅުފުށި ކައިރީގެ ފަޅު ރަށަކަށް ދެ ދޯންޏެއް ކައިރިކޮށްގެން އުޅެނިކޮށް، އެ ދެ ދޯނި ދޭތެރޭގައި ފިތުނު މީހަކު މިއަދު މަރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މ. ކޮޅުފުށި ކައިރީގެ ފަޅު ރަށަކަށް ދެ ދޯންޏެއް ކައިރިކޮށްގެން އުޅެނިކޮށް، އެ ދެ ދޯނި ދޭތެރޭގައި ފިތުނު މީހަކު މިއަދު މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވި ބ. ހިތާދޫ އަބްދުﷲ އަހުމަދު، 60 އަކީ މާލެ އިން މުދާ ބަރުކޮށްގެން އައްޑު އަށް ދަތުރުކުރި ސަޕްލައި ދޯންޏެއްގައި މަސައްކަތްކުރާ މީހެކެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާފިޒު "މިހާރު" އަށް ވިދާޅުވީ އައްޑު އަށް މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި މަޑުކުރީ މ. ތުވަރު ކައިރީގައި ކަމަށެވެ.

އެ ދޯންޏާއެކު، އިތުރު ދޯންޏެއް ވެސް ދަތުރުކުރަމުން ދިޔައިރު، ދެ ދޯނި އެ ތަނުގައި ބަންނަން އުޅެނިކޮށް، އަބްދުﷲ އަހުމަދު ދޯނިން ކަހާލައިގެން ވެއްޓި އަނިޔާވި ކަމުގެ ރިޕޯޓް ހޮސްޕިޓަލަށް ލިބުނީ ހަވީރު 5:15 ހާއިރު ކަމަށް ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކާއި ދެ ނަރުހުން އެމްއެންޑީއެފްގެ އުޅަނދެއްގައި އެ ސަރަހައްދަށް ދެވުނީ 5:40 ހާއިރެވެ. އޭރު ވެސް އަބްދުﷲ އަހުމަދު އޮތީ މަރުވެފައި ކަމަށާއި އެކަމަކު އިތުރަށް ތަހުގީގު ކުރުމަށް ހޮސްޕިޓަލަށް ހަށިގަނޑު ގެނައީ ކަމަށް ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އަބްދުﷲ އަހުމަދުގެ މޭމަތިން ތަނެއް މަށައިގެން ދިއުން ފިޔަވައި ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތެވެ. އެކަމަކު ހޮސްޕިިޓަލުން ހެދި އެކްސްރޭ އިން ދައްކާ ގޮތުގައި އަބްދުﷲ އަހުމަދުގެ މޭމަތީގެ ގިނަ ކަށިތައް ހުރީ ބިނދިފައި ކަމަށް ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަބްދުﷲ އަހުމަދުގެ ހަށިގަނޑު މާލެ ގެންނަން އާއިލާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަބްދުﷲ އަހުމަދުގެ ފަސް ކުދިންނާއި އަންހެނުން އަދި އާއިލާގެ ގިނަ މީހުން އުޅެނީ މާލޭގަ އެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ، ދެ ދޯނީގެ ދޭތެރޭގައި ތާށިވި މީހާ އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.

އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހަވީރު 4:40 ހާއިރު އެވެ. އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ކަނޑުމަތީގެ މި ހާދިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.