Roadha Mihaaru

އިންޑިއާގެ 220 މަސްވެރިން ޕާކިސްތާނުން މިނިވަންކޮށްފި

ކަރާޗީ (ޑިސެމްބަރު 26) - ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާހިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅުނު އިންޑިއާގެ 220 މީހުން ދޫކޮށްލައިފި އެވެ.

އިންޑިއާގެ 220 މަސްވެރިން ޕާކިސްތާނުން މިނިވަންކޮށްފި
ހަސަން އާމިރު
ހަސަން އާމިރު

26 ޑިސެމްބަރ 2016

ކަރާޗީ (ޑިސެމްބަރު 26) - ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާހިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅުނު އިންޑިއާގެ 220 މީހުން ދޫކޮށްލައިފި އެވެ.

ކްރިސްމަސް ދުވަހާ ދިމާކޮށް "ހެޔޮކަމެއްގެ ގޮތުން" ދޫކޮށްލި މަސްވެރިން މިއަދުގެ ވަގުތެއްގައި ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާ އަށް އެތެރެވާނެ އެވެ.

ކަރާޗީ މަލީރް ޖަލުގެ ޑިޕިއުޓީ ސުޕްރިންޓެންޑެންޓް ހަސަން ސެހްޓޯ ވިދާޅުވީ 220 މަސްވެރިން ދޫކޮށްލި ނަމަވެސް އަދިވެސް އިންޑިއާގެ 219 މަސްވެރިން ޕާކިސްތާނުގެ ޖަލުތަކުގައި އެބަތިބި ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މަސްވެރިން އެއް ގައުމު އަނެއް ގައުމުން ވަރަށް ގިނައިން ހައްޔަރު ކުރެ އެވެ. އަރަބި ކަނޑުގެ ސަރަހައްދީ ރޮނގު ސާފުކޮށް އެނގެން ނެތުމާ އެކު އޮޅިގެން ވަނީ އެއް ގައުމުގެ މަސްވެރިން އަނެއް ގައުމުގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅެނިކޮށް ހައްޔަރުކޮށްފަ އެވެ. މަސްވެރިން ބޭނުން ކުރާ އުޅަނދުތަކުގައި ލޮކޭޝަން އެނގޭނެ ޓެކްނޮލޮޖީ ހަރުކޮށްފައެއް ވެސް ނުހުރެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުން ސިޔާސީ ރަނގަޅު ގުޅުމެއް ގާއިމްކޮށްފައި ނުވާތީ ކަނޑުމަތިން ހައްޔަރުކުރާ މަސްވެރިން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ތިބެން ޖެހެ އެވެ.

ކަޝްމީރުގެ އުރީގައި ސެޕްޓެމްބަރު މަހު ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އިންޑިއާ އިން ތުހުމަތު ކުރަނީ އެ ހަމަލާ ދީފައި ވަނީ ޕާކިސްތާނުގެ ޖަމާއަތެއް ކަމަށްވާ ޖައިޝީ މުހައްމަދުން ކަމަށެވެ. އޭގެ ފަހުން ކަޝްމީރުގެ ސަރަހައްދުގައި ދެ ގައުމުން ވެސް ވަނީ ހަމަލާތައް ބަދަލުކޮށްފަ އެވެ.