Roadha Mihaaru
ކުއްޖަކާ ބެހުނު މައްސަލައެއްގައި ހޯދާ މީހާ ހައްޔަރު

ކުއްޖަކާ ބެހުނު މައްސަލައެއްގައި ހޯދާ މީހާ ކޮލަމާފުށިން ހައްޔަރުކޮށްފި

11 މެއި 2022

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހާ މިއަދު އަލުން ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހާ މިއަދު އަލުން ހައްޔަރުކޮށްފި އެވެ.

އެ މީހާ އަލުން ހައްޔަރުކުރަން ކޯޓުން އަމުރުކުރުމާ އެކު، އޭނާ ހޯދާއި ނުފެނިގެން، ފޮޓޯ އާންމުކޮށް ފުލުހުން ވަނީ އެ މީހާ ހޯދަން މިއަދު އިއުލާންކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ހައްޔަރުކުރީ ގއ. ކޮލަމާފުށީގައި ހުއްޓާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ މާލޭ މީހެއް ކަމަށްވާ 41 އަހަރުގެ މުހައްމަދު ބިޝާރު އިސްމާއިލް އެވެ. އޭނާ އަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލާފައި ވަނިކޮށް، ހައި ކޯޓުން ހުކުމް ބާތިލްކުރުމުން ސަލާމަތްވެފައިވާ މީހެކެވެ. އޭނާ އާއި އިތުރު މީހެއްގެ އަތުން ފެނުނު 2.1 މިލިއަން ރުފިޔާ ވެސް އަނބުރާ ދޭން ޖެހުނެވެ.

ފުލުހުން ބުނީ ބިޝާރަކީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޖެނުއަރީ 19، 2020 ގައި ހައްޔަރުކުރި މީހެއް ކަމަށެވެ. އެ ފަހަރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން މެއި 26، 2021 ގައި ކްރިމިނަލް ކޯޓުން ވެސް ވަނީ އޭނާ ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެކަމަކު އޭނާގެ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުން ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ޑިސެމްބަރު 23، 2021 ގައި ހައި ކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރިން ކޮށްފައިވާ އަމުރު ބާތިލުނުވެ، ދެމި އޮތް ކަމަށް ހުކުމްކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.