Roadha Mihaaru
ހުޅުމާލޭގެ ފޭސް ދެއަކަށް ހާއްސަ 15 ބަސް ގެނެސްފި

ހުޅުމާލޭގެ ފޭސް ދެއަކަށް ހާއްސަ 15 ބަސް ގެނެސްފި

12 މެއި 2022

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހާއްސަ ކޮށްގެން، ޑަބަލް ޑެކްގެ 15 ބަސް އެމްޓީސީސީން ގެނެސްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހާއްސަ ކޮށްގެން، ޑަބަލް ޑެކްގެ 15 ބަސް އެމްޓީސީސީން ގެނެސްފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، އެ ބަސްތަކުގެ ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ހުޅުމާލޭގެ އާންމު ދަތުރުފަތުރަށް އިތުރު 15 ބަސް ބޭނުންކުރުމުގެ ނަތީޖާއަކީ ދަތުރުފަތުރުގެ ހިދުމަތް ލަސްވުމުގެ މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އާ ބަސްތަކާ އެކު ބަސް ދަތުރުކުރާ ފްރިކުއެންސީ އަވަސް ވާނެ. ބަސް ޑިލޭ ވެގެން ގިނަ އިރު މަޑުކުރަން ޖެހޭ މައްސަލައަށް ހައްލެއް ލިބޭނެ،" އެމްޑީ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވިގޮތުގައި، ވިލިމާލޭގެ ސްކޫލާއި މާލޭގެ ގިނަ ސްކޫލުތަކެއްގައި ކިޔަވާ ކުދިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭއިރު، އާ ބަސްތަކާއެކު ދަތުރުކުރުމަށް އިތުރު ފަސޭހަތައް ލިބޭނެ އެވެ.

އަލަށް ގެނައި ޑަބަލް ޑެކްގެ 15 ބަހުގައި ގާތްގަނޑަކަށް 80 މީހުން އެއްފަހަރާ އުފުލޭނެ އެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު އެޅި ބްރިޖްގައި ދުއްވަން އެންމެ ފުރަތަމަ ޑަބަލް ޑެކް ބަސް ގެނައީ 2018 ގަ އެވެ. އެ ފަހަރު 22 ޑަބަލް ޑެކް ބަސް ގެނަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން މާލެ އަށް ސީދާ ބަސްދަތުރުތައް ފެށީ މިދިޔަ މާޗް މަހު އެވެ. ދެވަނަ ފިޔަވައްސަށް ކޮންމެ 10-15 މިނެޓާ ދެމެދު ދަތުރު ކުރެ އެވެ. ދެވަނަ ފިޔަވަހީގައި 20،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، އެންމެ ބޮޑު އެއް މައްސަލައަކީ ދަތުރުފަތުރު ކުރުމުގެ ދަތިތަކެވެ.