Roadha Mihaaru
ހިޔާ ފްލެޓަށް ކޮންމެ 15 މިނިޓަކުން ބަހުގެ ހިދުމަތް

ބާރު ބޮޑުވާ ވަގުތުތަކުގައި ކޮންމެ 15 މިނިޓަކުން ހިޔާ ފްލެޓް ސަރަހައްދަށް ބަހުގެ ހިދުމަތް ދެނީ

21 ޑިސެމްބަރ 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އެންމެ ބާރު ބޮޑުވާ ވަގުތުތަކުގައި ކޮންމެ 15 މިނިޓަކުން ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އެންމެ ބާރު ބޮޑުވާ ވަގުތުތަކުގައި ކޮންމެ 15 މިނިޓަކުން ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދޭ އެމްޓީސީސީން ބުނީ، ފޭސް ދޭއްގެ ފްލެޓްތަކުގެ ފުރަތަމަ ބަސް ސްޓޮޕުން ދަތުރުތައް ފަށާނީ ފަތިހު 5:45 ގައި ކަމަށާއި ދަންވަރު 12:15 އާ ހަމައަށް ބަހުގެ ހިދުމަތް ލިބޭނެ ކަމަށެވެ. ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ރޭގަނޑު 8:45 އިން ފެށިގެން ދަތުރުތައް އޮންނާނީ ކޮންމެ 30 މިނިޓަކުންނެވެ. އެ ދުވަސްތަކުގެ އެ ނޫން ގަޑިތަކުގައި އާންމު އުސޫލުން ފަތިހު 5:45 އިން ފެށިގެން ކޮންމެ 15 މިނިޓަކުން ހިދުމަތް ދޭނެ އެވެ.

އެމްޓީސީސީން ބުނީ، ހުކުރު ދުވަސްތަކުގައި ބަސްތައް ދަތުރުކުރާނީ ފަތިހު 5:45 އިން މެންދުރު 2:45 އާ ހަމައަށް ކޮންމެ 30 މިނިޓަކުން ކަމަށެވެ. އެކަމަކު މެންދުރު 2:24 އަށް ފަހު، ހުކުރު ދުވަހު ވެސް ދަންވަރު 12:15 އާ ހަމަށް ކޮންމެ 15 މިނިޓަކުން ބަހުގެ ހިދުމަތް ދޭން ވަނީ ނިންމައިފަ އެވެ.

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަހުގެ ހިދުމަތް ފެށިއިރު އެންމެ ފުރަތަމަ އޮތީ ކޮންމެ 30 މިނިޓަކުން ހިދުމަތް ދޭ ގޮތަށެވެ. އެކަމަކު އެ ހިދުމަތް ދޭ ގަޑިތައް މި އިތުރު ކުރީ، އެކަށީގެންވާ ގޮތެއްގައި ބަހުގެ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާތައް ވެސް އިތުރުވެފައި ވަނިކޮށެވެ. ސްކޫލުތަކަށް ދަރިވަރުންދާ ވަގުތާއި މީހުން ވަޒީފާއަށް ދާ ވަގުތު ބަސްތަކަށް ބާރު ބޮޑުވެ އެވެ.

އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށިތާ މަސް ދުވަސް ފަހުން، އެ ތަނަށް ބަހުގެ ހިދުމަތް ފެށީ ވެސް އަންހެނަކު އޭނާގެ ދަރިފުޅު ކޮނޑަށް އަރުވައިގެން ހިނގާފައިދާ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ކުރިމަތިވުމުންނެވެ.