Roadha Mihaaru
ފޭސް ދެއަކުން މާލެއަށް ސީދާ ބަސް ދަތުރުތައް ފަށަނީ

ހިޔާ ފްލެޓުން މާލެ އަށް އަންނަ ހަފުތާގައި ބަސް ދަތުރުތައް ފަށަނީ

24 ފެބުރުއަރީ 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން މާލެ އަށް ސީދާ ބަސް ދަތުރުތައް އަންނަ ހަފުތާގައި ފަށަން ނިންމާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން މާލެ އަށް ސީދާ ބަސް ދަތުރުތައް އަންނަ ހަފުތާގައި ފަށަން ނިންމާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ބަހުގެ ހިދުމަތް މިހާރު ފޭސް ދެއަކަށް ލިބެނީ ފޭސް އެކަކަށް ބަސް ހުއްޓައި އެތަނަށް އެހެން ބަހެއް ދިއުމުން އެއަށް އަރައިގެން މާލެ އަންނަން ޖެހޭ ގޮތަށެވެ. ހިޔާ ފްލެޓްތަކުގެ އާބާދީ އިތުރުވަމުން އަންނައިރު އަދި ގިނަ އަދަދެއްގެ ސްކޫލު ކުދިން ވެސް އެ ސަރަހައްދުގައި އުޅެމުން އަންނާތީ މިހާރު ބަހުގެ ހިދުމަތަށް ބާރު ބޮޑުވެ ޝަކުވާ ވަނީ ގިނަވެފަ އެވެ.

އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ފޭސް ދެއަކުން ސީދާ މާލެއަށް ދަތުރުތައް ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޓްރެފިކް މާ ގޯސް ނޫން ނަމަ، ބަސްތައް އަންނާނީ ކޮންމެ އެއް ގަޑިއިރަކުން ކަމަށެވެ. އަދި މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަހުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޭސް ދެއަކަށް ވަކި ބަހެއް ހަމަޖައްސައިދޭން ނިންމިއިރު ހިޔާ ފްލެޓްތަކުގައި އުޅޭ މީހުން ވެސް ބޭނުން ވަނީ އެގޮތެވެ. މިހާރު ފޭސް އެކަކަށް ހުއްޓާފައި މާލެއަށް އަންނަން ޖެހޭތީ ސްކޫލާއި އޮފީސްތަކަށް ދާ މީހުން ވެސް ގަޑި ޖެހޭ ކަމަށް އެމީހުން ބުނެ އެވެ.

މިހާރު ވެސް ވަގުތުން ވަގުތަށް ބަސް އިތުރުނުކުރެވިގެން އުޅެނީ ބަހުގެ ދަތިކަމާ ހުރެ ކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެ އެވެ.

ބަހުގެ ދަތިކަމަށް ހައްލު ހޯދުމަށް އިތުރު ބަސްތައް ގެނައުމަށް އޯޑަރުކޮށްފައިވާ ކަމަށާއި މި މިއަހަރުގެ ސެޕްޓެމްބަރުގެ ކުރިން ހައްލުވާނެ ކަމަށް މިދިޔަ ހަފްތާގައި އާޒިމް، "މިހާރު" އަށް ވިދާޅުވެފައިވެ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި އެތަނުގައި މީހުން ދިރިއުޅެން ފެށިއިރު އެތަަނަށް ބަހުގެ ހިދުމަތް ފެށީ ވެސް އޭގެ އެއް މަސް ފަހުން އޮކްޓޫބަރު އެކެއްގަ އެވެ.