Roadha Mihaaru
ހުޅުމާލޭގެ މީހުންގެ ޝަކުވާ އަޑުއަހާނަން: ރައީސް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މީހުންގެ ޝަކުވާ އަޑުއަހައި، ހައްލެއް ގެންނާނަން: ރައީސް

16 ޖޫން 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންގެ ޝަކުވާތަަކާއި މައްސަލަތައް ކައިރިން ބައްލަައި، އެ ކަންކަމަށް ހައްލުތައް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންގެ ޝަކުވާތަަކާއި މައްސަލަތައް ކައިރިން ބައްލަައި، އެ ކަންކަމަށް ހައްލުތައް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރަން ފެށި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީދާ ބަސް ދަތުރުތައް ފެށުމަށް އެމްޓީސީސީން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ، މިހާރު ވެސް ދެވަނަ ފިޔަވަހީގައި 20،000 މީހުން ދިރިއުޅެމުން އަންނައިރު، އެ މީހުން ހުށަހަޅާ ޝަކުވާތަކަށް އަވަސް ހައްލުތަކެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. ސަރުކާރުގެ އަންދާޒާ އަކީ ދެވަނަ ފިޔަވަހީގައި މިހާރު އަޅަމުން އަންނަ ފްލެޓްތަކާއެކު، ހިޔާ ފްލެޓްގައި އެންމެން އާބާދުވުމުން އެ ސަރަހައްދުގައި 70،000 މީހުން އުޅޭނެ ކަމަށެވެ.

އެހެންވެ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިދުމަތްތައް އިތުރަށް ފުޅާކުރަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކަމަކަށް ހުށަހަޅާފައިވަނީ ހިޔާ ފްލެޓްގެ ކުލީގެ ވާހަކަ. މީގެ އިތުރުން ވެސް ބައެއް ކަންކަަން އެބަހުރި. ހުޅުމާލޭ ފޭސް ޓޫގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހިދުމަތްތަކާ ގުޅިގެން މި އަންނަ ޝަކުވާތައް ވަރަށް ކައިރިން އަޅުގަނޑުމެން މި އަންނަނީ ބަލަމުން،" ރައީސް ވިދާޅުވި އެވެ.

"އަދި އެ ކަމަށް މިހާރުން މިހާރަށް ގެންނަން އޮތް ހައްލެއް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދާނަން."

ރައީސް ވިދާޅުވީ، ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށިއިރު، އެންމެ ބޮޑު އިސްކަމެއް ދިނީ އެ ތަނުގެ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވީ އެންމެ އަވަހަށް ފަހިކޮށްދިނުމަށް ކަމަށެވެ.

"ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަން ޖެހޭ. ސިއްހީ ހިދުމަތް މި އަށް ވުރެ ފަސޭހައިން ލިބޭނެ ގޮތް ވާން ޖެހޭ. ސްކޫލުތައް ގިނަ ކުރަން ޖެހޭ. ފްލެޓްތައް ހެދިފައި އޮތް އިރު އޮތް އެންމެ އުނދަގޫ އެއް މައްސަލައަކީ ދިރިއުޅޭ ރައްޔިތުން ދުއްވާ ތަކެތި، ކާރާއި ސައިކަލް ޕާކު ކުރެވޭނެ ގޮތް ޕްލޭން ކުރެވިފައި ނުވުން،" ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އުޅޭ މީހުންގެ ޝަކުވާތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދެވަނަ ފިޔަވައްސަށް ބޭނުންވާ ސްކޫލުތައް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، މިހާރު އެއް ސްކޫލާއި ދެ ޕްރީ ސްކޫލު ވަނީ ހުޅުވައިފަ އެވެ. އަދި މިހާރު ހަދަމުން އަންނަ ސަލާހުއްދީން ސްކޫލު އަންނަ އަހަރުގެ ޖެނުއަރީގައި ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަށް ސްކޫލާއި ހަތަރު ޕްރީ ސްކޫލު ހުޅުވުމުވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭގެ ޖަލްސާގައި: ދެވަނަ ފިޔަވަހީގެ ބަހުގެ ހިދުމަތްތައް ސީދާ ފެށުމުން ކޮންމެ 15 މިނެޓަކުން ދަތުރު ކުރަން ފަށާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭގެ ޖަލްސާގައި: ދެވަނަ ފިޔަވަހީގެ ބަހުގެ ހިދުމަތްތައް ސީދާ ފެށުމުން ކޮންމެ 15 މިނެޓަކުން ދަތުރު ކުރަން ފަށާނެ

ރައީސހު ވިދާޅުވީ 30،000 މީހުންގެ ޖާގައިގެ މިސްކިތަކާއި އަމިއްލަ ފަރާތަކުން އިތުރު މިސްކިތެއް ދެވަނަ ފިޔަވަހީގައި ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދެވަނަ ފިޔަވަހީގައި މިހާރު ތިން މިސްކިތެއް ހުރެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، ދެވަނަ ފިޔަވަހީގައި ތިން ކްލިިނިކެއްގެ އިތުރުން ތިން ފާމަސީއެއް ހުޅުވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި އިތުރު ހޮސްޕިޓަލްތައް އެޅުމަށް ބީލަމަށް ލައި، އެ ކަމުގެ އަމަލީ މަސައްކަތްތައް އެޗްޑީސީން ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުޅޭ މީހުންގެ ކާރާއި ސައިަކަލްތައް ޕާކު ކުރާނެ ގޮތްތަކެއް ނެތް ކަމަށާއި އެ ކަމަށް އެޗްޑީސީން ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. ދެވަނަ ފިޔަވަހީގެ ޕްލޭނަށް އެކަން އިތުރުކޮށް، ވެހިކަލްތައް ޕާކު ކުރެވޭނެ ގޮތްތައް ފަހިކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ދެވަނަ ފިޔަވަި ތަަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ތަނުގައި ހަދާ މަގުތަކުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުތައް ވެސް ވަރަށް އަވަހަށް ތަރައްގީ ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ހުޅުމާލޭ ފޭސް ޓޫ ތަރައްގީ ކުރުމުގައި އަދިވެސް ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި. މި ސަރަހައްދުގެ ބީޗުގައި އުޅޭ ފަރާތްތަކަށް ހިތްފަސޭހަކަމާ އެކު ބޭނުން ކުރެވެން ޖެހޭ ތަނަކަށް އެބަ ބަދަލުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ސްވިމިން ޓްރެކަކާއި ހަޓަކާއި އާއިލާތަކަށް ގޮނޑުދޮށުގައި ހަމަޖެހިލައިގެން ތިބެވޭނެ އިންތިޒާމުތައް އެޗްޑީސީން ހަމަަޖައްސަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.