Roadha Mihaaru
ތިން ރަށެއްގެ ބަނދަރުހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

12 މެއި 2022

ފްލޭނިން މިނިސްޓްރީން ތިން ރަށެއްގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފްލޭނިން މިނިސްޓްރީން ތިން ރަށެއްގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީއާ ހަވާލުކުރީ އއ. އުކުޅަހު ބަނދަރު އަޕްގްރޭޑް ކުރުމާއި އދ. ދިގުރަށު ބަނދަރު އަޕްގްރޭޑް ކުރުމާއި ށ. މާއުނގޫދޫ ބަނދަރު ހެދުމަށެވެ.

އއ. އުކުޅަހުގެ ބަނދަރުގެ މަސައްކަތް ހަވާލު ކުރީ 37 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އެއް އަހަރެވެ. އދ. ދިގުރަށުގެ ބަނދަރުގެ މަސައްކަތަށް 53 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ. އެ މަޝްރޫއު ނިންމަން ޖެހެނީ 19 މަސް ތެރޭގަ އެވެ. ށ. މާއުނގޫދޫގެ ބަނދަރުގެ މަސައްކަތަށް 60 މިލިއަން ރުފިޔާ ހޭދަކުރާ އިރު 16 މަސް ތެރޭ އެ މަސައްކަތް ނިންމަން ކަނޑައަޅާފައިވެ އެވެ.

މި ޕްރޮޖެކްޓްތަކުގައި އެ ތިން ރަށުގެ ނެރު ފުންކުރުމާއި ބޮޑު ހިލަ ޖެހުމާއި ރިވެޓްމެންްޓް ޖެހުމާއި އެއްގަމު ތޮށި ލުމާއި މަގު ބައްތި ޖެހުމަށް ހަމަޖެހިފައިވެ އެވެ.

އެ ތިން ރަށުގެ ބަނދަރު ހެދުމުގެ އިތުރުން ތ. ދިޔަމިގިއްޔާއި ތ. ވިލުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް ވަނީ އެމްޓީޓީސީސީއާ ހަވާލުކޮށްފަ އެވެ. ދިޔަމިގިލީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 23 މިލިއަން ރުފިޔާ ހޭދަކުރާ އިރު ވިލުފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރަން ދައުލަތުގެ ބަޖެޓުން 11 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.