Roadha Mihaaru
ސުޕްރީމް ކޯޓުގައި އަސަރާ އެކު އާޒިމާ ވާހަކަ ދައްކައިފި

ސުޕްރީމް ކޯޓުގައި އާޒިމާ އަސަރާ އެކު: "ދައުވާ ބުނެދެވުނީ ތިން އަހަރު ފަހުން"

12 މެއި 2022

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ތިން އަހަރު ވަންދެން ހައްގުތައް ގެއްލިފައިވާ ކަމަށް ވިދާޅުވެ، އަސަރާ އެކު އޭނާ ސުޕްރީމް ކޯޓުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ.

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ތިން އަހަރު ވަންދެން ހައްގުތައް ގެއްލިފައިވާ ކަމަށް ވިދާޅުވެ، އަސަރާ އެކު އޭނާ ސުޕްރީމް ކޯޓުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކުރައްވަން މަގުފަހިކޮށް ދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ.

އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ދެމެހެއްޓުމުން އާޒިމާގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އަނެއްކޮޅުން ދައުލަތުން ވެސް ވަނީ ހައި ކޯޓުގެ ނިންމުމުގެ އެހެން ބައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެއީ ދައުވާއެއް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް ދައުވާލިބޭ ފަރާތަށް އިސްތިއުނާފް ކުރެވިދާނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުމެވެ.

"މައްސަލަ ކުރިއަށް ދާން ފުރުސަތު މި ލިބެނީ ތްރީ އެންޑް ހާފް އިއާސް ފަހުން. ޖޮބެއް ނެތް. އަޅުގަނޑުމެން މި ދަންނަވަނީ އެއަކަށް ފުރުސަތެއް ނުދެވޭނެއޭ." އާޒިމާ

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އާޒިމާއަށް އިސްތިއުނާފް ކުރުމުގެ ފުރުސަތު ނެތް ކަމަށް ދައުލަތުން ބުނާ ބުނުމާ ގުޅިގެން ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރަން ނިންމި ސަބަބު ވެސް ދައުލަތަށް ބުނެދެވުނީ އެ މައްސަލަ ކޯޓަށް ހުށަހެޅިތާ ތިން އަހަރު ފަހުން ކަމަށެވެ. އަދި އެ މައްސަލަ ބައްލަވާ ފަނޑިޔާރު ދަށު ކޯޓުގައި ހަ ފަހަރަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހިސާބަށް އައިއިރު އަޅުގަނޑު ވަރަށް ސްޕެސިފިކްކޮށް ދެންނެވިން ކޯޓުތަކުން ދައުލަތަށް އަންގަވާފައެއް ނެތޭ އަޅުގަނޑަށް އޮޅުންފިލުވައިދޭކަށް ކޮބައިތޯ އަޅުގަނޑުގެ ކުށަކީ." އާޒިމާ ވިދާޅުވި އެވެ.

އެ މުއްދަތުގައި ހުންނަވަން ޖެހުނީ ވަޒީފާގެ ފުރުސަތުތައް ގެއްލިފައި ކަމަށް އަސަރާ އެކު ކަމަށް އާޒިމާ ވިދާޅުވި އެވެ. ވާހަކަ ދައްކަވަމުން ގެންދެވިއިރު ކުރިއަށް ނުގެންދެވިގެން ވާހަކަ އިރުކޮޅަކަށް ހުއްޓާލެއްވި އެވެ.

"މައްސަލަ ކުރިއަށް ދާން ފުރުސަތު މި ލިބެނީ ތްރީ އެންޑް ހާފް އިއާސް ފަހުން. ޖޮބެއް ނެތި. އަޅުގަނޑުމެން މި ދަންނަވަނީ އެއަކަށް ފުރުސަތެއް ނުދެވޭނެއޭ." އަސަރާ އެކު، އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭ ނަމަ، ޖިނާއީ އަދުލުގެ ނިޒާމުގައި މީހުން އެތައް އަހަރެއް ވަންދެން ތާށިކޮށްގެން ތިބުމުގެ ފުރުސަތު ދައުލަތަށް ލިބޭ ކަމަށެވެ. އަދި ކޯޓުތަކުގައި ހުރި މައްސަލަތަކަށް ރަނގަޅަށް ބަލައިފި ނަމަ، މައްސަލަ ކުރިއަށް ގެންދެވޭނެ ހެއްކެއް ނެތް އެތައް މައްސަލައެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެންނާނެ ކިތައް މީހުންކަން ނުހައްގުން ޖިނާއީ އަދުލުގެ ނިޒާމުގައި ހިފަހައްޓައިގެން މި އުޅެނީ." އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަންޖެހޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ލިޔުނީ އެއްވެސް ހެއްކެއް ނެތި މީހުންނަށް ދައުވާ ކުރުމުން އެތައް ހައްގަކުން މީހުން މަހްރޫމްވިޔަ ނުދިނުމަށެވެ.

"ތިން އަހަރު ބައި ވިއިރު އަޅުގަނޑަށް އަދި ކިރިޔާ އެނގުނީ އަޅުގަނޑުގެ މައްޗަށް ކުރަނީ ކޮން ދައުވާއެއް ކަން. އެ ހާލަތުގައި އޮންނަ ކަމަށް ވަންޏާ މިހާ ހިސާބަށް އައުމުގެ ރައިޓް އަޅުގަނޑުމެންނަށް އޮންނަންވާނެ." އަސަރާ އެކު އާޒިމާ ވިދާޅުވި އެވެ.

ދައުލަތުން ބުނީ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އާޒިމާގެ މައްސަލަ މަޑުޖައްސާލަން އާޒިމާ ދަށު ކޯޓުގައި އެދިވަޑައިގަތް ކަމަށެވެ. އެކަމަކު މައްސަލަ ލަސްވީ ފަނޑިޔާރުން ބަދަލުވުމުން ކަމަށް ދައުލަތުން އެއްބަސްވި އެވެ.

ރައްދުގައި، އާޒިމާގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ މަރިޔަމް ނިހާޔަތު ވިދާޅުވީ ޝަރީއަތް މަޑުޖައްސާލަން އާޒިމާ އެދިވަޑައިގަތަސް އެކަން ނުކުރެވޭނެ ކްރިމިނަލް ކޯޓުން ނިންމި ކަމަށެވެ. އަދި އެގޮތަށް ނިންމުމަށްފަހު އެ މައްސަލަ ކުރިއަށް ނުގެންގޮސް އޮތީ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ފަނޑިޔާރުން ބަދަލުވުމަކީ ވެސް އާޒިމާ ޒިންމާ އުފުލަންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާޔަތު ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަން ނިންމާ ނިންމުން އިސްތިއުނާފް ނުކުރެވޭނެ ކަމަށް ދައުލަތުން ބުނާ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ދައުވާލިބޭ މީހާއަށް އެ ފުރުސަތު ނުލިބޭ ނަމަ، ދައުލަތަށް ވެސް އެ ފުރުސަތު ނޯންނާނެ ކަމަށާއި އަދި ގާނޫނުގައި ވެސް އެގޮތަށް ނޯންނާނެ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ނިހާޔަތު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ އެއްވެސް ހެއްކެއްް ދަައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. ޔާމީނަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދޭން އާޒިމާ ކުރި ކަމެއް އެނގެން ނެތް ކަމަށާއި އަދި ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި އޮއްވާ އާޒިމާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ އަސްލު ކުށްކުރި މީހާގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، ކުށުގެ ބައިވެރިންނަށް ދައުވާ ކުރެވިދާނެ ކަމަށެވެ، މިސާލަކަށް މީހަކު މެރުމުގެ ދައުވާ މީހެއްގެ ސާބިތު ނުވިޔަސް، އެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެހެން މީހެއްގެ ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ގިނަ ސުވާލުތަކެއް ދައުލަތާއި އާޒިމާއަށް ވެސް އަމާޒުކުރި އެވެ. އެގޮތުން، ހެކި ހުރިތޯ ބެލުމުގައި ދައުލަތުން އަމަލުކުރާ އުސޫލަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ތަހުގީގު މަރުހަލާގައި އަދި ދައުވާ ކުރުމުގެ މަރުހަލާގައި ވެސް ޕީޖީ އޮފީހުގެ ވަކީލުން މައްސަލަ ދިރާސާކޮށް، ހެކި ހުރިކަން ނުވަތަ ނޫންކަން ކަށަވަރު ކުރާނެ ކަމަށެވެ.

ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފީ ކޯޓުތަކުން ބެލުމަކީ އަސްލު މައްސަލަ ނުނިނެމީސް ޝަރީއަތް ކުރާ ކޯޓެއްގެ ދައުރު އިސްތިއުނާފީ ކޯޓުތަކުން އަދާކުރުން ނޫންތޯ އާޒިމާގެ ވަކީލުންނާ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ނިހާޔަތު ވިދާޅުވީ ހެކި ވަޒަން ކުރުމާއި ހެއްކަށް ބުރަދަން ދީފައި ހުރީ ގާނޫނާ އެއްގޮތަށް ކަން ނުވަތަ ނޫންކަން އިސްތިއުނާފީ ކޯޓުތަކަށް ބެލިދާނެ ކަމަށެވެ. އަދި މުޅި މައްސަލަ ނިމިގެން އިސްތިއުނާފް ކުރިޔަސް، އިސްތިއުނާފީ ކޯޓުތަކުން އަމަލު ކުރާނީ އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ރިޔާސަތު ބަލަހައްޓަވާ އަދި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން ރިޔާސަތު ހިމެނިވަޑައިގަންނަވާ ބެންޗުން މިއަދު ވަނީ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުމެވެ.