Roadha Mihaaru
އާޒިމާއަށް ސުޕްރީމް ކޯޓުގައި ވެސް ނާކާމިޔާބު

ދައުވާ ކުރިއަށް ގެންދަން ނިންމި މައްސަލާގައި އާޒިމާ އަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު

16 މެއި 2022

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި މައްސަލާގައި ސުޕްރީމް ކޯޓުގައި ވެސް އާޒިމާ އަށް މިއަދު ނާކާމިޔާބުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި މައްސަލާގައި ސުޕްރީމް ކޯޓުގައި ވެސް އާޒިމާ އަށް މިއަދު ނާކާމިޔާބުވެއްޖެ އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އެ ނިންމުން އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއިރު، ހައި ކޯޓުގެ އެ ނިންމުމުގެ އެހެން ބައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. ދައުލަތުން އިސްތިއުނާފްކުރީ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުން އިސްތިއުނާފް ކުރެވިދާނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުމެވެ.

ހައި ކޯޓުން އާޒިމާއާ ދެކޮޅަށް މައްސަލަ ނިންމީ ދައުވާ ކުރިއަށް ގެންދެވޭނެ މިންވަރަށް ހެކި އެބަހުރި ކަމަށް ބުނެ އެވެ. އެކަމަކު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ދެއްކީ ގާނޫނީ އެހެން ސަބަބެކެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ދައުވާއެއް ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން މިހާރު ނެތް ކަމަށެވެ. އެހެންވެ، ދައުވާ ކުރިއަށް ގެންދެވޭނެ ހެއްކެއް ނެތް ކަމަށް އާޒިމާގެ ފަރާތުން ބުންޏަސް، އެކަންކަމާ މެދު ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، އަދި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުން އިއްވެވި ހުކުމުގައި ވަނީ ދައުވާ ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލް ކަމަށެވެ.

އެހެންވެ، އާޒިމާގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.