Roadha Mihaaru
އާޒިމާގެ ޝަރީއަތް އަހަރެއް ފަހުން ވެސް ނުބޭއްވުނު

އާޒިމާގެ ޝަރީއަތް އަހަރެއް ފަހުން ޝެޑިއުލްކޮށްގެން ވެސް ނުބޭއްވުނު

01 ފެބުރުއަރީ 2022

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިއަދު ބާއްވަން ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިއަދު ބާއްވަން ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގަ އެވެ.

އެ މައްސަލާގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ 2020 ވަނަ އަހަރު އެވެ. މިއަދު ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްވީ އާޒިމާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލަކު ކަރަންޓީންގައި ހުރުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު އެމަނިކުފާނު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އޭސީސީއަށް އާޒިމާއަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ އެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރަން އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން އުޅުނު ކަމަށް ބުނެ އެވެ.

އާޒިމާގެ މައްޗަށް ދައުވާ ކުރާއިރު، އެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ.