Roadha Mihaaru
ކެންޑަލް އަށް ކިއުކަމްބާ ކޮށާކަށް ނޭނގޭ

ކެންޑަލް އަށް ކިއުކަމްބާ ކޮށާކަށް ނޭނގޭ

15 މެއި 2022

ޝޯޝަލް މީޑިއާގެ އެންމެ ވަރުގަދަ އާއިލާ ކާޑޭޝިއަންގެ މެމްބަރު ކެންޑަލް ޖެނާ އޭނާގެ ގޭގައި ކިއުކަމްބާއެއް ކޮށަން އުޅުނު ގޮތުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ޝޯޝަލް މީޑިއާގެ އެންމެ ވަރުގަދަ އާއިލާ ކާޑޭޝިއަންގެ މެމްބަރު ކެންޑަލް ޖެނާ އޭނާގެ ގޭގައި ކިއުކަމްބާއެއް ކޮށަން އުޅުނު ގޮތުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސްޓްރީމިން ޕްލޭޓްފޯމް "ހުލޫ" އިން މިހާރު ގެނެސްދެމުން އަންނަ ކާޑޭޝިއަން އާއިލާގެ ރިއަލިޓީ ޝޯގައި އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ކެންޑަލް ފެންނަނީ ބަދިގެ ތެރޭގައި "ސްނެކް" އެއް ތައްޔާރުކުރަން އުޅޭ ތަނެވެ. އެތަނުގައި އޭނާގެ މަންމަ ކްރިސް ޖެނާ ވެސް އިނެވެ.

އެ ތައްޔާރުކުރަން ކެންޑަލް ކިއުކަންބާއެއް ނަގައިގެން، އެ ކޮށަން އުޅުނު ގޮތް ފެނިފައި ފޭނުން ހައިރާންވި އެވެ. އެ ކަހަލަ އެއްޗެހި ކޮށާއިރު، ބާއްވާ ގޮތާ ހިލާފަށް ކެންޑަލް ކިއުކަމްބާ ބާއްވައިގެން ކޮށަމުން އެކަން މަޖާވި އެވެ.

ގިނަ ބަޔަކު ކެންޑަލް އަށް ފާޑުކިޔާފައި ވަނީ އޭނާ މީގެ ކުރިން ދުވަހަކު ވެސް ބަދިގޭގައި އެއްޗެހި ކޮށައިފައި ހުރިހެން ހީނުވާ ކަމަށް ބުނެ އެވެ. އަދި ކެއްކުމާއި އެއްޗެހި ދޮވުން ފަދަ ކަންތައްތަކަކީ ކިތަންމެ މުއްސަނދި ވިޔަސް، ކޮންމެ މީހަކަށް ވެސް ކުރަން އެނގެން ޖެހޭނެ ކަމެއް ކަމަށް ބުންޏެވެ.