Roadha Mihaaru
16 އަހަރަށްފަހު އެފްއޭ ކަޕް ލިވަޕޫލަށް

16 އަހަރަށްފަހު ލިވަޕޫލުން އެފްއޭ ކަޕް ކާމިޔާބުކޮށްފި

15 މެއި 2022

ލަންޑަން (މެއި 14) - ލަނޑެއް ނުޖެހި ނިމުނު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން 16 އަހަރު ފަހުން އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މެއި 14) - ލަނޑެއް ނުޖެހި ނިމުނު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން 16 އަހަރު ފަހުން އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކޮށްފި އެވެ.

ލިވަޕޫލް ވަނީ ފެބްރުއަރީ މަހު ކަރަބާއޯ ކަޕްގެ ފައިނަލްގައި، 120 ކުޅެ ޕެނަލްޓީގައި ޗެލްސީ ބަލި ކޮށްފަ އެވެ. ޕެނަލްޓީގައި އެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 11-10 އަކުންނެވެ.

ލިވަޕޫލް މީގެ ކުރިން އެފްއޭ ކަޕް ކާމިޔާބުކުރީ 2006 ވަނަ އަހަރު އެވެ. އެފަހަރު ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ވެސް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުން ވެސް ލިވަޕޫލް ވަނީ ޖާގަ ހޯދައިފަ އެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ ދެ މެޗު އޮތްއިރު އެޓީމު އޮތީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ ތިން ޕޮއިންޓް ފަހަތުން، ޓޭބަލްގެ ދެވަނައިގަ އެވެ. ލިވަޕޫލުން އެފްއޭ ކަޕް ފައިނަލަށް އައީ ސެމީ ފައިނަލުގައި ސިޓީ ބަލިކޮށްފަ އެވެ.

މިރޭގެ ޕެނަލްޓީ ޝޫޓްއްއުޓުގައި ޗެލްސީގެ އޮލޮންސޯ ޖެހި ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލު ދަނޑިއަށެވެ. އެކަމަކު ފަހުން ރީސް ޖޭމްސް އާއި ރޮސް ބާކްލީ އަދި ޖޯޖީނިއޯ ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރި އެވެ.

ލިވަޕޫލުން މިލްނާ އާއި ތިއާގޯ އަލްކަންތާރާ އާއި ރޮބާޓޯ ފިރްމީނޯ އަދި އާނޯލްޑް ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރި ނަމަވެސް ފަސްވަނަ ޕެނަލްޓީ ސަޑިއޯ މާނޭ ފޮނުވާލުމުން، އޭނާއާ އެކު ސެނެގާލުގެ ގައުމީ ޓީމުގައި ކުޅޭ މެންޑީ ދިފާއު ކުރި އެވެ.

ޗެލްސީގެ ހަވަނަ ޕެނަލްޓީ ހަކީމް ޒިޔެޝް ކާމިޔާބު ކުރި އެވެ. ޖޮޓާ ވެސް ވަނީ ލިވަޕޫލްގެ ހަވަނަ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެކަމަކު މައުންޓް ފޮނުވާލި ޕެނަލްޓީ ކީޕަރު އެލިސަން ދިފާއު ކުރުމުން، ލިވަޕޫލް މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގެ ފަހު ވަގުތު ރޮބާޓްސަންގެ ބަދަލުގައި އެރުވި ކޮންސްޓަންޓީނޯސް ސިމިކާސް ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

މިއީ، އަށްފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާ ޗެލްސީން ޖެހިޖެހިގެން މުބާރާތުގެ ފައިނަލުގައި ވާދަކުރި ތިންވަނަ ފަހަރެވެ. އަދި މިރޭގެ ފައިނަލާ އެކު އެންމެ ފަހުން ކުޅުނު ހަ މުބާރާތުގެ ތެރެއިން ފަސް މުބާރާތުގެ ފައިނަލުގައި ޗެލްސީ ވަނީ ކުޅެފަ އެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ތޯމަސް ޓުޗެލް އާއެކު ފުރަތަމަ ފައިނަލުގައި ޗެލްސީ ބަލިވީ ލެސްޓާ ސިޓީ އަތުންނެވެ. އަދި އޭގެ ކުރީ ސީޒަނުގައި ފްރޭންކް ލަމްޕާޑާ އެކު ނާކާމިޔާބުވީ ވާދަވެރި އާސެނަލް އަތުންނެވެ. އެންމެ ފަހުން ޗެލްސީ އެފްއޭ ކަޕް ކާމިޔާބު ކުރީ 2018 ވަނަ އަހަރުގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ބަލި ކޮށްގެންނެވެ.

ސިމިކާސް (21) ލިވަޕޫލް މޮޅުވި ޕެނަލްޓީ ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ސިމިކާސް (21) ލިވަޕޫލް މޮޅުވި ޕެނަލްޓީ ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކައި ހަވާޓްޒް އަށް އަނިޔާގެ ސަބަބުން މި މެޗް ނުކުޅެ އެވެ. އަދި ލިވަޕޫލްގެ ފަބީނިއޯ ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެ އެވެ.

ތިއާގޯ އަލަކަންޓާރާ އަށް ވަނީ މެޗުގެ ފުރަތަމަ ފަސްވަނަ މިނެޓްގައި ލިވަޕޫލަށް ލީޑު ނަގަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ލުއިސް ޑިއާޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ތޮއާގޯ ފައިގައި ލައްވައެއް ނުލި އެވެ. އޭގެ ފަހުން ޑިއާޒް ހުސްކޮށް އަރައި ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ދިފާއު ކުރިއިރު ނަބީ ކެއިޓާ ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.

ލިވަޕޫލުން މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓް ޗެލްސީގެ ޑިފެންސަށް ޕްރެޝަރު ކުރި ނަމަވެސް ޗެލްސީ ވަނީ ފަހުން މެޗުތެރެއަށް ވަދެ، ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އެޓީމުގެ ކްރިސްޓިއަން ޕުލިސިކަށް ލިބުނު ދެ ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މާކޮސް އޮލޮންސޯ އަށް ވަނީ ހުސް ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ. މައުންޓް ތަނަވަސްކުރި މި ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ކީޕަރު އެލިސަން ބެކާ ދިފާއު ކުރި އެވެ. އަދި މި ހާފުގެ އިތުރު ވަގުތުގައި ލުކާކޫ ފޮނުވާޅި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

ޗެލްސީގެ މައުންޓް ފޮނުވާލި ޕެނަލްޓީ އެލިސަން ދިފާއުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ މައުންޓް ފޮނުވާލި ޕެނަލްޓީ އެލިސަން ދިފާއުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ މުހައްމަދު ސަލާހަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނުއިރު ބަދަލުގައި ކުޅެން އެރީ ޑިއޯގޯ ޖޮޓާ އެވެ. އޭނާ އަށް ވެސް ވަނީ ގޯލު ޖަހަން ފުރުސަތު ލިބިފަ އެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލު ހުރަސްދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފުގެ ތިންވަނަ މިނިޓުގައި ޗެލްސީން ލަނޑު ޖެހުމާ ގާތަށް ދިޔަ އެވެ. ކޯނަރު ދަނޑިއާ ދިމާލުން މާކޮސް އޮލޮންސޯ ފޮނުވާލި ހިލޭޖެހުން އެލިސަން ބެކާ އަށް ވެސް ދިފާއު ނުކުރެވި ދިޔަ ބޯޅަ އަމާޒުވީ ގޯލު ދަނޑިއަށެވެ. އޭގެ ދެ މިނެޓު ފަހުން ލިވަޕޫލްގެ އެލެކްޒެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން އެންޑީ ރޮބާޓްސަން އަށް ފުރުސަތު ލިބުނު ނަމަވެސް އޭނާއަށް ބޮލުން މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ. އަދި މިނިޓެއް ފަހުން އޭރިއާ ބޭރުން ޑިއާާޒް ފޮނުވާލި ބޯޅަ ވެސް ގޯލާ އަމާޒެއް ނުވި އެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ. އަދި ޖެހިގެން އައި މިނިޓުގައި ޖޭމްސް މިލްނާ ނެގި ހުރަހަކުން ރޮބާޓްސަން ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލު ދަނޑިއަށެވެ.

ލިވަޕޫލުން އެކްސްޓްރާ ޓައިމްގެ ކުޅުން ފެށީ ވާޖިލް ވެން ޑައިކް ގެ ބަދަލުގައި ޖޮއެލް މަޓިޕް ކުޅެން އަރުވައިގެންނެވެ. މި ހާފުގައި ޗެލްސީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު ލިވަޕޫލްގެ މުޅި ޓީމު ހެން އެއްކޮން ތިބީ ޑިފެންސަށް ފައިބައިގެންނެވެ. ސަޑިއޯ މާނޭ އާއި ޑިއޯގޯ ޖޮޓާ ވަނީ އަރިމަތިތަކުން ޗެލްސީން އުފައްދަން އުޅުނު ހަމަލާތައް ބްލޮކް ކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެކްސްޓްރާ ޓައިމްގެ ފަހު ހާފަށް ޗެލްސީން ވަނީ ޒުވާން ޑިފެންޑަރު ޓްރެވޯ ޗަލޮބާގެ ބަދަލުގައި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ކުޅެން އަރުވައިފަ އެވެ. އޭނާ އަރަންދެން މެޗުގައި ޗެލްސީ ލީޑު ކުރީ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ.