Roadha Mihaaru
އިޒްރޭލުން އަލް ޖަޒީރާގެ ދެ ނޫސްވެރިޔަކު މަރާލައިފި

އިޒްރޭލުން އަލް ޖަޒީރާގެ ދެ ނޫސްވެރިޔަކު މަރާލައިފި

31 ޖުލައި 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އަލް ޖަޒީރާގެ ދެ ނޫސްވެރިޔަކަށް ހަމަލާދީ މިއަދު މަރާލައިފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އަލް ޖަޒީރާގެ ދެ ނޫސްވެރިޔަކަށް ހަމަލާދީ މިއަދު މަރާލައިފި އެވެ.

"އަލް ޖަޒީރާ އެރަބިކްގެ ނޫސްވެރިޔާ އިސްމާއިލް އަލް ގޫލް އާއި ކެމަރާމަން ރަމީ އަލް ރަފީ ވަނީ އިޒްރޭލުން ޣައްޒާގައި ހަމަލާދީ މަރާލާފައި،" ދަތުރުކުރި ކާރަށް އަމާޒުކޮށްދިން ހަމަލާއާ ގުޅޭ ގޮތުން އަލް ޖަޒީރާއިން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އަލް ޖަޒީރާ އަކީ ސީދާ ޣައްޒާއިން ހަނގުރާމައިގެ މައިދާނުން މެދުކެނޑުމެއް ނެތި ރިޕޯޓްކުރަމުން ގެންދާ ޗެނަލެކެވެ. އިޒްރޭލުގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވާ އަލް ޖަޒީރާގެ ޣައްޒާ އޮފީހަށް މީގެ ކުރިން އިޒްރޭލުން ބޮން އަޅައި ހަލާކުކޮށްލާފައި ވާއިރު އެ ނެޓްވޯކްގެ އިތުރު ދެ ކޮރެސްޕޮންޑެންޓަކު ވެސް މީގެ ކުރިން ވަނީ އިޒްރޭލުން ހަމަލާދީ މަރާލައިފަ އެވެ.

މިއަދުގެ މަރާ ގުޅިގެން ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ފަލަސްތީނުގެ ނޫސްވެރިންގެ އަޑު ކަނޑުވާލައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާ ސިއްރުކުރުމަށް ހިންގި ލާއިންސާނީ ޖަރީމާއެއް ކަމަށެވެ.

އިޒްރޭލުގެ ހަމަލާއެއްގައި މިދިޔަ ޖެނުއަރީ މަހު އަލް ޖަޒީރާގެ މުވައްޒަފަކާއި ފްރީލާންސްކޮށް އެ ޗެނަލަށް މަސައްކަތްކޮށްދޭ މީހަކު މަރާލާފައި ވާއިރު ޖެހިގެން އައި މަހު ވެސް އަލް ޖަޒީރާގެ ނޫސްވެރިޔަކަށް ހަމަލާދީ ޒަހަމްކޮށްލި އެވެ. އިޒްރޭލުން ބުނީ އެއީ ހަމާސްގެ "ޑެޕިއުޓީ ކޮމްޕެނީ ކޮމާންޑަރެއް" ކަމަށެވެ.

ޑިސެމްބަރު މަހު އަލް ޖަޒީރާގެ ޣައްޒާ ބިއުރޯ ޗީފް ވާއިލް އަލް ދަހްދޫ އަށް ވެސް ހަމަލާދީ ޒަހަމްކޮށްލި އެވެ. އަދި އޮކްޓޫބަރު މަހު އޭނާގެ އަނބިމީހާ އާއި ދެ ދަރިންނާއި ކާފަ ދަރިއެއް ވެސް މަރާލި އެވެ. ޖެނުއަރީ މަހު މަރުވި އަލް ޖަޒީރާގެ މުވައްޒަފަކީ ވާއިލްގެ ދޮށީ ފިރިހެން ދަރި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ސީދާ ގޮތެއްގައި އަލް ޖަޒީރާއަށް އިންޒާރުތައް ދީފައި ވާއިރު މިދިޔަ މެއި މަހުން ފެށިގެން އިޒްރޭލުން ވަނީ އަލް ޖަޒީރާގެ ބްރޯޑްކާސްޓިން އިޒްރޭލުގައި މަނާކޮށްފަ އެވެ. އަރަބި އަދި އިނގިރޭސި ބަހުން ހަބަރުތައް ގެނެސްދޭ މި ޗެނަލް މަނާކުރި މުއްދަތު މިދިޔަ މަހު ކޯޓުން ވަނީ އަލުން އިތުރު ވެސް ކޮށްފަ އެވެ. -- އޭއެފްޕީ