Roadha Mihaaru
އައްމަޓީގެ މައްސަލާގެ ހުކުމް މުރާޖައާ ކުރަން އެދެނީ

އައްމަޓީގެ މައްސަލަ އަލުން ބަލަން ކުރި ހުކުމް މުރާޖައާ ކުރަން އެދެނީ

25 އެޕްރީލް 2022

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކުރި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގުމުން އެ ނިންމުން މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އޭނާގެ ފަރާތުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކުރި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގުމުން އެ ނިންމުން މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އޭނާގެ ފަރާތުން ނިންމައިފި އެވެ.

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް، މިދިޔަ މަހު ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ މައްސަލަ އަލުން ބަލަން ހައި ކޯޓަށް އަމުރުކޮށްފަ އެވެ.

ހައި ކޯޓުން އެ މައްސަލަ ބޭރުކުރީ އިސްތިއުނާފްގެ 48 ގަޑިއިރު ހަމަވެފައިވާތީ އެވެ. ދައުލަތުން 48 ގަޑިއިރު ގުނަމުން އައީ ދަށު ކޯޓުގެ ނިންމުން ނިންމާ ދުވަސް ނުހިމަނަ އެވެ. ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ނިންމާ ވަގުތުން ފެށިގެން މުއްދަތު ހިނގަން ފަށާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ވެސް މިއަދު ނިންމީ 48 ގަޑިއިރު ގުނާނީ ނިންމުން ނިންމާ ވަގުތުން ފެށިގެން ކަމަށެވެ. އެކަމަކު އައްމަޓީގެ މައްސަަލަ އަލުން ބަލަން އަމުރުކުރި އެވެ. އެއީ 48 ގަޑިއިރު ދައުލަތުން އެގޮތަށް ގުނަމުން އައީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ 169 ވަނަ މާއްދާގައި އޮތް ގޯހެއްގެ ސަބަބުން ކަމަށް ވާތީ އެވެ.

މިއަދު ކުއްލި ގޮތަކަށް އެ ގޮތަށް ނިންމިއިރު، އެ މާއްދާ އަށް ރިއާޔަތްކޮށް އޭގެ ކުރިން ދައުލަތުން އަމަލު ކޮށްފައި ހުރި މައްސަލަތަކަށް އަސަރު ނުކުރާނެ ގޮތަކަށް އޭގެ މަންފާ ދައުލަތަށް ދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންވެ، އައްމަޓީގެ މައްސަލައަކީ ކުރީގެ މައްސަލައަކަށް ވާތީ އަލުން ބަލަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

އެ ހުކުމާ ގުޅިގެން، އައްމަޓީގެ ވަކީލުން ތަމްސީލުކުރީ ދިވެހި ޗެމްބާސުން ނެރުނު ބަޔާނެއްގައި ވަނީ ގަވާއިދުގެ 169 ވަނަ މާއްދާއަކީ ގާނޫނާ ޚިލާފު މާއްދާއެއް ކަމަށް ބުނެ އެ ނުކުތާ އެންމެ ފުރަތަމަ ފާހަގަކުރީ އައްމަޓީގެ ފަރާތުން ކަމަށެވެ. އަދި އެއީ ޖިނާއީ މައްސަލައަކަށް ވާތީ އެގޮތަށް ކަނޑައެޅުމުގެ މަންފާ ލިބެން ޖެހޭނީ އައްމަޓީއަށް ދެކޭ ކަމަށް ހުކުމުގައިވެ އެވެ.

"މި ނުކުތާ އަހުމަދު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މުރާޖާކުރުމަށް ހުށަހެޅުމަށް ނިންމައިފީމެވެ،"" އެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓުގެ ނިންމުމެއް މުރާޖައާ ކުރެވޭނީ ފާޅުކަން ބޮޑު ބޭ އިންސާފެއް ފެންނަން އޮންނަ ހާލަތްތަކުގަ އެވެ.

އައްމަޓީ މީގެ ކުރިން ދެ ފަހަރަށް ބަންދުން ދޫކުރި އެވެ. ކްރިމިނަލް ކޯޓުން އޭރު އޭނާ ދެފަހަރަށް ދޫކޮށްލުމުން ވެސް އޭނާ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ.