Roadha Mihaaru
އައްމަޓީ ދޫކޮށްލި މައްސަލަ އަލުން ބަލަން އަމުރުކޮށްފި

އައްމަޓީ ދޫކޮށްލި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

25 އެޕްރީލް 2022

ސީލައިފްގެ ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން އަލުން ބަލަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީލައިފްގެ ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން އަލުން ބަލަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ އައްމަޓީ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިމަހު ކުރީކޮޅު އެ މައްސަލަ ބޭރުކޮށްލީ އެ ބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަންޖެހޭ 48 ގަޑިއިރު ހަމަވެފައިވާ ކަމަށް ބުނެ އެވެ.

ދައުލަތުން ބުނާގޮތުން އެ މުއްދަތު ގުނަން ޖެހޭނީ އެ ނިންމުމެއް ދަށު ކޯޓުން ނިންމި ދުވަސް ނުހިމަނަ އެވެ. އެގޮތަށް މުއްދަތު ގުނުމުން 48 ގަޑިއިރު ހަމައެއް ނުވެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ދައުލަތުން ރިއާޔަތްކުރި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ބެލޭނެ މާއްދާއެއް ނޫން ކަމަށެވެ.

އެކަމަކު މީގެކުރިން އެއްވެސް ކޯޓަކުން އެ މާއްދާ މާނަކޮށްދީފައި ނެތުމުންނާއި އަދި ގާނޫނު ބާތިލްވުމުގެ ކުރިން ގާނޫނުގެ ދަށުން ކޮށްފައި ހުރި ކަންކަން ސައްހަވާތީ ދައުލަތުން މީގެކުރިން އަމަލު ކޮށްފައި ހުރި ގޮތްތައް ބާތިލްވެގެން ނުދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އައްމަޓީގެ މައްސަލަ ވެސް ހައި ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އައްމަޓީގެ މައްސަލަ އަލުން ބަލަން ހުކުމް ކުރިޔަސް، ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތަކުގެ މުއްދަތު ގުނާނެ ގޮތާ މެދު ފަނޑިޔާރުންގެ މެދުގައި ރައުޔުގައި ތަފާތުވި އެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔަކީ 48 ގަޑިއިރުގެ މުއްދަތު ގުނަން ޖެހޭނީ ކޯޓުން ނިންމުން ނިންމާ މިނެޓުން ނުވަތަ ވަގުތުން ފެށިގެންނެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔަކީ 48 ގަޑިއިރު ގުނަން ޖެހޭނީ ދުވަހުން ކަމަށެވެ. އެއީ 48 ގަޑިއިރަކީ ދެ ދުވަސް ކަމަށް ވާތީ އާއި ގާނޫނުގައި އެހެން ހުރިހާ މުއްދަތުތައް ހިމަނާފައިވަނީ ދުވަހުން ގުނާ ގޮތަށް ކަމަށްވާތީ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެ އެވެ.