Roadha Mihaaru
ދައުވާ ކުރިއަށް ގެންދާ ނިންމުން އިސްތިއުނާފް ނުކުރެވޭނެ

ޕީޖީއަށް ކާމިޔާބު: ދައުވާ ކުރިއަށް ގެންދާ ނިންމުމަށް އިސްތިއުނާފްގެ ދޮރު ބަންދު

16 މެއި 2022

ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުވާލިބޭ މީހުންނަށް ނޯންނާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުވާލިބޭ މީހުންނަށް ނޯންނާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އިބްތިދާއީ މަރުހަލާގައި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް މަދަނީ މިންގަނޑުން ދަށު ކޯޓުތަކުން ނިންމާ ނިންމުންތައް ދައުވާލިބޭ މީހުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އެފަދަ މައްސަލަތައް ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ މި ނިންމުމާ އެކު އެ ދޮރު އެއްކޮށް ބަންދުވީ އެވެ. މިއީ ހައި ކޯޓުގައި ކުރިއްސުރެ ފެށިގެން ދައުލަތުން ވަކާލާތު ކުރަމުން އަންނަ ކަމެކެވެ.

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު އޮތްގޮތުން އެފަދަ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށެވެ. އެކަމަކު ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ނިންމާ ނިންމުން އިސްތިއުނާފް ކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން މިހާރު ގާނޫނު އޮތްގޮތުން އިސްތިއުނާފް ކުރެވޭނީ ހުކުމްތަކާއި އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް މެދު ނިންމާ ނިންމުންތައް އެކަންޏެވެ.

"އިސްތިއުނާފް ކުރުމުގެ ފުރުސަތު އެ ގާނޫނަށް ގެނެވުނު ތިން ވަނަ އިސްލާހުން ހަނިވުމުގެ ނަތީޖާއަކީ މައްސަލައެއްގައި ޝަރީއަތް ކުރާނެ ތަން އޮތް މައްސަލައެއް ކަމަށް ފަނޑިޔާރު ނިންމާ ނިންމުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުވާލިބޭ ފަރާތަށް ގެއްލިގެން ދިއުން." ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ޕީޖީ ހުސައިން ޝަމީމް -- ފޮޓޯ/މިހާރު

ޕީޖީ ހުސައިން ޝަމީމް -- ފޮޓޯ/މިހާރު

"އެއީ ބޮޑުވާ ބިއްލޫރި އަޅައިގެން ބެލުން"

ޖިނާއީ އިޖްރައާތުގެ ގާނޫނުގައި، ދައުވާ ކުރިއަށް ގެންދިއުމާ މެދު ނިންމާ ނިންމުންތައް އެއްވެސް ފަރާތަކަށް އިސްތިއުނާފް ކުރެވޭނެ ކަމަކަށް ސާފުކޮށް ބުނެފައެއް ނުވެ އެވެ. އެހެންވެ، ދައުލަތަށް އެ ފުރުސަތު ލިބޭ ނަމަ ދައުވާލިބޭ މީހުންނަށް ވެސް އެ ފުރުސަތު އޮންނަންވާނެ ކަމަށް އާޒިމާގެ ފަރާތުން ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ދައުވާއެއް ކުރިއަށް ނުގެންދަން ނިންމުމާއި ދައުވާއެއް ކުރިއަށް ގެންދަން ނިންމާ ނިންމުމުގެ ނަތީޖާ ގާނޫނީ ގޮތުން ތަފާތެވެ.

އެގޮތުން ދައުވާއެއް ކުރިއަށް ގެންދަން ނިންމަނީ ހެކިތަކުގެ ފުނަށް ވަޒަން ކުރުމަށް ފަހު ކަމަށް ނުވާތީ ދައުވާލިބޭ މީހާގެ ހައްގުތަކެއް ނުގެއްލޭނެ ކަމަށް ހުކުމުގައިވެ އެވެ. އެއީ ޝަރީއަތުގެ މަރުހަލާގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ނިންމާއިރު ހެކިތައް ފުރިހަމައަށް ވަޒަންކޮށް ކޯޓުން ބުރަދަން ދޭނެތީ އެވެ. އޭގެ ބަދަލުގައި އިސްތިއުނާފް މަރުހަލާއަށް ދިއުމަކީ މައްސަލާގެ ތެރެއަށް މަތީ ކޯޓުތަކުން ވަނުން ކަމަށް ހުކުމުގައިވެ އެވެ.

"އާހިރު ނަތީޖާއަކީ ދަށު މަރުހަލާއިން ވެސް އަދި އިސްތިއުނާފް މަރުހަލާއިން ވެސް އެ މައްސަލާގެ ހަގީގަތްތަކާ މެދު ބޮޑުވާ ބިއްލޫރި އަޅައިގެން ބެލުމުގެ ފުރުސަތު އޮތުން." ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

އެކަމަކު ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފިނަމަ އާ ހެކި ހޯދައިގެން އަލުން ދައުވާ ކުރުމުގެ ފުރުސަތު ނޯވެދާނެ ކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ. އަދި އެފަދަ ހާލަތްތަކުގައި އިސްތިއުނާފްގެ ފުރުސަތު ދައުލަތަށް ނުލިބޭ ނަމަ، އެ މައްސަލައަށް މުޅިން ނިމުން އަންނާނެ ކަމަށް ހުކުމުގައިވެ އެވެ.

"ދައުވާއެއް ކުރިއަށް ގެންދަން ނިންމާ ނިންމުން އިސްތިއުނާފް ނުކުރެވުމަކީ އެ މައްސަލާގައި ހިމެނޭ އެއްވެސް ފަރާތެއްގެ ހައްގަކަށް ދާއިމަށް އުނިކަން އަންނާނެ ކަމެއް ނޫން. އެއާ ޚިލާފަށް، ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ ނިންމުމަކީ ފައިނަލިޓީއެއް އޮތް ނިންމުމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް." އެ ހުކުމުގައިވެ އެވެ.

ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ކޯޓުތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެ މިންވަރުގެ ހެކި ހުރިތޯ ބަލާނެ އުސޫލުތަކެއް ހުކުމުގައި ބުނެފައިވެ އެވެ.

އެގޮތުން ހެކިތަކަށް ބަލާއިރު ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރެއްޖެ ނަމަ ދައުވާ ކުރިއަށް ގެންދަން ނިންމަވާނެ ކަމަށް ހުކުމުގައިވެ އެވެ. އަދި އެކަމާ ކުރެވޭ ޝައްކު ބޮޑުވެއްޖެ ނަމަ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމިދާނެ ކަމަށް ހުކުމުގައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ހުކުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން ވެސް ތާއީދު ކުރެއްވި އެވެ.