Roadha Mihaaru
ހައްޔަރުކުރީ ޕީޖީއަށް ފާރަލާން އުޅުނު މީހެއް

ފަހުން ހައްޔަރުކުރީ ޕީޖީއަށް ފާރަލާން އުޅުނު މީހެއް

18 ފެބުރުއަރީ 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލާގައި ހުކުރު ދުވަހު ހައްޔަރުކުރީ ހަމަލާގެ ކުރިން ޝަމީމަށް ފާރަލަން އުޅުނު މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލާގައި ހުކުރު ދުވަހު ހައްޔަރުކުރީ ހަމަލާގެ ކުރިން ޝަމީމަށް ފާރަލަން އުޅުނު މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

މި ތުހުމަތަށް ހައްޔަރުކުރީ އދ. މާމިގިލި މީހެއް ކަމަށްވާ ޒަޔާން ނަސީރު، 22، އެވެ. އޭނާ ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން މި އަމަލު ހިންގުމުގައި ޒަޔާންގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭނެ ހެކި ފުލުހުން ހުށަހަޅާފައިވެ އެވެ. އޭނާ ހިމެނެނީ ޕީޖީއަށް ފާރަލީ މީހުންގެ ތެރޭގައި ކަމަށާއި މިއީ މި ބާވަތުގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ނަމަވެސް، މި ހަމަލާގައި ބައިވެރިވުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާ ކަމަށް ޒަޔާން ވަނީ ކޯޓުގައި ބުނެފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން، މިއީ ޖަމާއަތް ހަދައިގެން ކުރި ކުށެއް ކަމަށް ބެލެވެ އެވެ.

މި މައްސަލައިގައި ދެ މީހަކު މީގެކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އެއީ ރ. އަލިފުށީ މީހެއް ކަމަށްވާ މިދުހަތު އާދަމް، 23، އާއި ލ. ގަމު ތުނޑިއަވަށު މީހެއް ކަމަށްވާ މުހައްމަދު ޖަޒްލާން، 22، އެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި ވަގުތު ގޭގެ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ޝަމީމްގެ ބޮލަށް ހަމަލާދޭން މަސައްކަތްކުރި ނަމަވެސް އޭނާ ހަމަލާއިން ދިފާއުވާން ކުރި މަސައްކަތުގައި ހަމަލާ އެއީ ވައަތު މުލައްދަނޑިއަށެވެ. ހަމަލާގެ ސަބަބުން އަތުގެ ކަށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ.

އެ މައްސަލާގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާ ފުލުހުން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ޕީޖީ ޝަމީމަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް، މޫނު ފޮރުވައި އަދި ހެލްމެޓް ވެސް އަޅައިގެން ތިބި ބައެކެވެ.