Roadha Mihaaru
ގުދަންތައް ބަދަލުކުރާނެ ތަނެއް ނުލިބުނު: މުއިއްޒު

މާލޭގެ ގުދަންތައް ނުނެގުނީ ބަދަލުކުރާނެ ތަނެއް ނުލިބިގެން: މުއިއްޒު

18 މެއި 2022

މާލެތެރޭގައި ހުރި، ނުރައްކާ ތަކެތި ރައްކާކުރާ ގުދަންތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެ ތަނުގައި އެކަން ނުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން އެންގުމުން އެ މަސައްކަތް ހުއްޓިފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެތެރޭގައި ހުރި، ނުރައްކާ ތަކެތި ރައްކާކުރާ ގުދަންތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެ ތަނުގައި އެކަން ނުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން އެންގުމުން އެ މަސައްކަތް ހުއްޓިފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު، ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު މާލޭގެ ހުޅަނގު ފަރާތުން ހިއްކި ހަތް ހެކްޓަރުގެ ބިމުގައި އޮތް އިންޑަސްޓްރިއަލް ވިލެޖަށް އޭރުގެ ސަރުކާރުން ބޭނުންވީ ތޮއްޖެހިފައިވާ މާލެ ތެރޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރާށެވެ. ނަމަވެސް ވެރިކަން ބަދަލުވުމާ އެކު އެ ޕްލޭން ބަދަލުވީ އެވެ.

އެކަމަކު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަކާ އެކު، މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތައް، މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރު އެންގެވި އެވެ. އެއާ އެކު މި ސަރުކާރުން ތިލަފުއްޓަށް ގުދަންތައް ބަދަލުކުރުމަށް ބައެއް ތަންތަން ވެސް ހެދި އެވެ. އެކަަމަކު އެ މަސައްކަތްކުރިއަށް ދިޔަ ގޮތެއް ސާފެއް ނުވެ އެވެ.

ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކޮށްފައި ވަނީ މަގުތައް ހަދައި ތާރު ވެސް އަޅައިގެން ކަމަށާއި އެ ތަނުގެ މަގުތަކުގެ އަޑީގައި ކަރަންޓާއި ފެނާއި ނަރުދަމާ ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.

"އެއްކޮށް މަސައްކަތް ފުރިހަމަކޮށްފައި އޮތް އިންޑަސްޓްރިއަލް ޒޯނެއް އޮންނާނީ. އެ ތަނަށް މާލެތެރޭގެ ހުރިހާ ގުދަންތަކެއް ވޯކްޝޮޕްތަކެއް ބަދަލުކޮށްފައި އަދި އިތުރަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ޖާގަ އޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކައުންސިލާ ހަވާލުވެ އެ ތަނަށް ގުދަންތައް ބަދަލުކުރުމަށް ހުރިހާ ތަނެއް ސާވޭކޮށް މައުލޫމާތު އެއްކުރި އެވެ. އަދި އެކި ކަހަލަ ކްރައިޓީރިއާތައް ހަދައި އެ ތަންތަން ބަދަލުކުރުމަށް ހުޅުވާލަން ތައްޔާރުވެފައި ވަނިކޮށް އިންޑަސްޓްރިއަލް ވިލެޖަކީ ކައުންސިލާ ބެހޭ ތަނެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އެންގި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓްރީން އެގޮތަށް އެންގި ނަމަވެސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ބިމުގެ ރަޖިސްޓްރީ ވެސް އޮންނަނީ ކައުންސިލްގެ ނަމުގަ އެވެ.

"ތިބޭފުޅުންނާ [ކައުންސިލް] އާ ބެހޭ ތަނެއް ނޫނޭ. އެއްވެސް މަސައްކަތެއް ނުކުރެވޭނެއޭ ކިޔާފައި ސިޓީ އައީ، ދެން މަސައްކަތް މަޑުޖެހުނީތާ. އޭގެ ފަހުން ސިޓީ އައީ ބްރިޖު ޕްރޮޖެކްޓަށް އެތަނުގެ ބޮޑު ސަރަހައްދެއް ބޭނުންވާ ކަމަށް. ދެން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ބްރިޖު ހެދުމަށް ސައިޓް ބޭނުންވާނެކަން."

މުއިއްޒު ވިދާޅުވީ އެ ސައިޓުން ބޮޑު ބައެއް ބްރިޖުގެ މަސައްކަތަށް ބޭނުންކުރި ނަމަވެސް އެންމެ ނުރައްކާތެރި ގުދަންތައް އެތަނަށް ބަދަލުކުރެވޭ ވަރަށް ޖާގަ ދޭނެ ކަމަށް ގަބޫލުކުރެވުނު ކަމަށެވެ. އެކަމަކު އެތަނުން ޖާގަ ނުލިބުމުން އެ މަސައްކަތް މިހާރު އޮތީ މަޑުޖެހިފައި ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކައުންސިލުން ނިންމީ ގުދަންތަކާ އެކު ނީލަން ފިހާރަތައް ވެސް އެތަނަށް ބަދަލުކުރާށެވެ. މިހާރު އެއްވެސް ހަމައެއް ނެތި ނީލަން ފިހާރަތައް ހިންގަމުންދާތީ ކައުންސިލުގެ ވިސްނުން ހުރީ އެއްވަރަކަށް ގޮޅި ބަހައިގެން އެ ވިޔަފާރިކުރުމަށް ފުރުސަތު ދޭން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު އެއިން އެއްވެސް މަސައްކަތެއް ނުކުރެވި އުޅެނިކޮށް އިންޑަސްޓްރިއަލް ވިލެޖް ކައުންސިލުގެ އަތުން ނަގަން ނިންމާފައިވާ ކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ފަހުން ސިޓީ ފޮނުވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ސިޓީއަކުން ވަކިކޮށްފި. ރަޖިސްޓްރީ އަދި އެބަ އޮތް،" މުއިއްޒު ވިދާޅުވި އެވެ.

އެކަމާ ދެކޮޅު ނުހެދީ ބްރިޖް ޕްރޮޖެކްޓްގެ ނަން ބޭނުންކޮށްގެން އެކަން ކޮށްފައިވާތީ އެ މަސައްކަތަށް ހުރަސް އަޅައި ބައެއްގެ ގޮތުގައި ލޭބަލްވާން ބޭނުން ނުވާތީ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.