Roadha Mihaaru
ގަރާޖުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ފަށަނީ

ގަރާޖު، ވޯކްޝޮޕްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ފަށަނީ

19 މެއި 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެދި އިންޑަސްޓްރިއަލް ވިލެޖަށް، މާލޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން، މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުކުރި އާ ކައުންސިލަރުންގެ އިއްތިފާގުން އިއްޔެ ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެދި އިންޑަސްޓްރިއަލް ވިލެޖަށް، މާލޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން، މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުކުރި އާ ކައުންސިލަރުންގެ އިއްތިފާގުން އިއްޔެ ނިންމައިފި އެވެ.

މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން ބައެއް ހިއްކައިގެން އޭރު އިންޑަސްޓްރިއަލް ވިލެޖު ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ތޮއްޖެހިފައިވާ މާލޭގައި ހުރި ގުދަންތަކާއި ވޯކްޝޮޕްތައް އެ ތަނަށް ބަދަލުކުރުމެވެ. އެކަމުގައި ޔާމީންގެ ސަރުކާރުގައި އެންމެ އިސްކޮށް ހުންނެވީ މިދިޔަ އާދިއްތަ ދުވަހު މަގާމުގެ ހުވާކުރެއްވި މާލޭގެ އާ މޭޔަރު އަދި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ނަމަވެސް ނޮވެމްބަރު 2018 ގައި ޔާމީންގެ ވެރިކަން ބަދަލުވުމަށް ފަހު، އިންޑަސްޓްރިއަލް ވިލެޖަށް ގުދަންތައް ބަދަލުކުރުން އޮތީ ހުއްޓިފަ އެވެ. މި ސަރުކާރުން އެކަމަށް މާ ބޮޑު ކަމެއް ނުކުރެ އެވެ.

އެކަމަކު، ޔާމީންގެ ޕީޕީއެމަށް މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ލިބި، އާ ކައުންސިލްގެ މަސައްކަތްތައް އާދިއްތަ ދުވަހު ފެށުމާއެކު ފުރަތަމަ ނިންމި އެއް ނިންމުމަކީ މާލޭގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް އަދި ގުދަންތައް އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް ބަދަލުކުރުމެވެ.

ސިިޓީ ކައުންސިލްގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ، މާލެތެރޭގައި ގުދަންތައް ހުންނައިރު އެ ތަންތަނަށް އެއްޗެހި ބޭލުމަށް މަޑުކޮށްލާ ކޮންމެ ފަހަރަކު މާލޭގެ މަގުތަކަށް ބާރުބޮޑުވާ ކަމަށެވެ.

އެހެންވެ، އެކަން ހައްލުވާން އޮތީ އިންޑަސްޓްރިއަލް ވިލެޖަށް އެ ތަންތަން ބަދަލުކޮށްގެން ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލޭގެ އާ މޭޔަރު ޑރ. މުއިއްޒު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

މާލޭގެ އާ މޭޔަރު ޑރ. މުއިއްޒު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

"އެއީ މާލޭ ސިޓީއަކީ ހިތްފަސޭހަ، ޗާލު މާލެއަކަށް ހެދުމަށްޓަކައި ރައްޔިތުންނަށް ކޮންމެހެން ވެސް ބޭނުންވާ ކަމެއް،" އިންޑަސްޓްރިއަލް ވިލެޖުގެ އެއް މޭސްތިރިޔާ ވިދާޅުވި އެވެ.

ދިރިއުޅެން ފަސޭހަ ތަނަކަށް މާލެ ހެދޭނީ ދިރިއުޅޭ ތަނެއްގައި ހުންނަން ނުޖެހޭ ތަންތަން އެހެން ތަނަކަށް ބަދަލު ކޮށްގެން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިއީ އުނދަގޫ މައްސަލައެއް ނޫން. މީގެ ހައްލު މިއޮތީ ފެންނަން،" މާލޭގެ މޭޔަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ބޭއްވި ފުރަތަމަ މީޑިއާ ބްރީފިންގައި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މާލޭގައި ހުރި އެފަދަ ތަންތަނުގެ ތަފްސީލު ހޯދުމަށް ސާވޭއެއް ކުރިއަށް ގެންދާނެ އެވެ.

އިންޑަސްޓްރިއަލް ވިލެޖްގެ ޕްލޭން ހަދައި، ކަމާއި ބެހޭ ވުޒާރާ އަށް ހުށަހަޅައިގެން އެ ތަން ތަރައްގީކުރާނެ ބަޔަކު ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މާލޭގައި ގަރާޖު/ވޯކްޝޮޕްތައް މިހާރު ހިންގާ މީހުންގެ އިތުރުން އެ ދާއިރާ އަށް އަލަށް ވަންނަ މީހުންނަށް ވެސް އިންޑަސްޓްރިއަލް ވިލެޖުން ފުރުސަތު ދޭނެ ކަމށެވެ.

ޔާމީންގެ ވެރިކަން ބަދަލުވި ފަހުން އިންޑަސްޓްރިއަލް ވިލެޖު އޮތީ ވީރާނާވާން ދޫކޮށްލައިފަ އެވެ. އެތަނުގަައި ހެވީ ވެހިކަލް ޕާކުކުރާނެ ޒޯނެއް ތަރައްގީކުރާ ވާހަކަ މި ސަރުކާރުން ދެއްކިޔަސް އަމަލީ ގޮތުން ކަމެއް ނުކުރެ އެވެ. މި ސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ އެތަނުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރަން އެންމެ އެކަށީގެން ނުވާ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި މިހާރު ހުރީ ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ހަލާކުވެފައިވާ އުޅަނދުތަކެވެ. އަދި ފަހުން ވަނީ ދެ ޕެޓްރޯލް ޝެޑެއް ވެސް ހުޅުވައިފަ އެވެ.