Roadha Mihaaru
"އިންޑިއާ އައުޓް" ކާމިޔާބު ވެއްޖެ: އާދަމް ޝަރީފް

ޔާމީން "އިންޑިއާ އައުޓް" ކެމްޕޭން ކާމިޔާބު ކުރައްވައިފި: އާދަމް ޝަރީފް

22 މެއި 2022

އިންޑިއާގެ ނުފޫޒު، ރާއްޖޭގައި ގަދަކޮށް އަޅުވެތިކުރުމާ ދެކޮޅަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމާ އެކު ފެއްޓެވި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ކާމިޔާބު ކުރައްވައިފި ކަމަށް އެ މަނިކުފާނުގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންޑިއާގެ ނުފޫޒު، ރާއްޖޭގައި ގަދަކޮށް އަޅުވެތިކުރުމާ ދެކޮޅަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމާ އެކު ފެއްޓެވި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ކާމިޔާބު ކުރައްވައިފި ކަމަށް އެ މަނިކުފާނުގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީނާ އެކު ޕީޕީއެމުން ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ، ކެމްޕޭނާ ހެދި ސަރުކާރަށް ގޮތް ހުސްވެއްޖެ ކަމަށެވެ. ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާއެއް ދެމި ހިސާބުން އެކަން ހުއްޓުވަން ފަށައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ގަރާރެއް ނެރުމުން އެކަން މާބޮޑަށް ސާފުވެއްޖެ ކަމަށް ވިދާޅުވި އެވެ.

"މި ކަމުގައި ފަހަތު ފަޔަށް އެރިގެން އެ އުޅެނީ ސަލާމަތް ނުވެވިގެން. ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅަކު އެ ނެރުއްވި ގަރާރަކީ ބޭގަރާރެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް" ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކީ ގާނޫނީ ގޮތުން ބާރެއް ހިނގާނެ އެއްޗެއް ކަމަކަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެ އެވެ. ޕީޕީއެމާ މާ ގަޔާނުވާ އެމްނެސްޓީ އިންޓަނޭޝަނަލުން ވެސް އެ ގަރާރާ މެދު ކަންބޮޑުވުން ފާޅުކުރުމަކީ އެ ގޯސް ވަރު ދަލީލުކޮށްދޭ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިހާރު ތި ހަދަނީ ގޯހެއް، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ވާހަކަތައް ނުދެއްކޭ ގޮތަކަށް، އެއް ނުވެވޭ ގޮތަށް ހެދުމަކީ ގޯހެކޭ އެ ބޭފުޅުން [އެމްނެސްޓީ]ން ބުނާ ހިސާބަށް ދިއުމަކީ އިންޑިއާ މިލިޓަރީ އައުޓް ވަރަށް ބޮޑަށް ކާމިޔާބުވުން،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތަށް ރަށަކަށް ވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ | ޕީޕީއެމް

އިންޑިއާ އައުޓް ހަރަކާތަށް ރަށަކަށް ވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ | ޕީޕީއެމް

އާދަމް ޝަރީފް ވިދާޅުވީ އެ ކާމިޔާބީއާ އެކު ޕީޕީއެމުން 2023 ގައި ވެރިކަމާ ހަވާލުވާނީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް ނުފޯރުވޭ ގޮތަށް ކަަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު މި ވެރިކަމުގައި މިއޮތީ ގެއްލިފަ އެވެ. ވެރިކަން މި ކުރަނީ ދިވެހިންނޭ ބުނާނެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވެ އިންޑިއާގެ ނުފޫޒު އިންތިހާއަށް އޮތް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.

"އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ އެއް އިރެއްގައި ވެސް ރައީސް ޔާމީން ބޭނުންފުޅުވި ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ޔާމީންގެ އިސް ނެންގެވުމުގެ ދަށުން މުޅި ރާއްޖޭގައި އިންޑިއާ އައުޓް ފެށި ދުވަހުން ފެށިގެން މި ސަރުކާރު އޮތީ "ބޯވަތަށް ޖަހާފައި" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ވެރިކަމުގައި ގެންނެވި ތަރައްގީ އާއި ކުރިއެރުންތަކުން ރާއްޖޭގެ ޗާޓު އޮތީ ބަދަލުކޮށްލައްވައިފަ އެވެ. ޒުވާނުން ޕީޕީއެމަށް ޝައުގުވެރިކަމާ އެކު ގުޅެމުން އަންނަ ސަބަބާއި ރައްޔިތުންގެ އިންތިޒާރާ ގުޅިފައި އޮތީ އިންގިލާބީ ބަދަލުތައް ކަމަށް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި މާލެ އާއި ހުޅުމާލެ ގުޅުވާލި ބްރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ނެންގެވި އެވެ. މި ހުރިހާ ކަމެއް ކުރެއްވީ ވެރިކަމުގެ ތެރެއިން އެތައް ދުއްތުރާތަކެއް ކުރިމަތިކުރަމުން ދަނިކޮށް ކަމަށާއި ޖާގަ ނުދެއްވި ކަމަކީ ގާނޫނީ އިމުން ބޭރުން ވެރިކަން ބަދަލުކުރަން ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަން ބަދަލުކޮށް، މި ސަރުކާރު ގެނައީ އިންޑިއާގެ އެހީތެރިކަމާ އެކުގަައި ކަމަށެވެ. ބަދަލެއްގެ ގޮތުން އިންޑިއާގެ ނުފޫޒަށް ދިވެހި ރާއްޖޭގައި ޖާގަ ދީ، ސިފައިން ބައިތިއްބާފައިވާ ކަމަށާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށް ޔާމީން ވިދާޅުވެ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭ ކަމަށާއި ސިފައިން ގައުމުން ފައިބަންދެން މުޒާހަރާ ހުއްޓާނުލައްވާނެ ކަަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

މި ކެމްޕޭނަށް ފާޑުވިދާޅުވަމުން ސަރުކާރުން ބުނެފައި ވަނީ ކެމްޕޭންގެ ބޭނުމަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އިންޑިއާގެ އެހީއާއެކު އެތެރެވުން ހުއްޓުވާތީ އެކަމާ ނުރުހުންފާޅުކުރުން ކަމަށެވެ. ވަކި ގައުމަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އިދިކޮޅަށް ކެމްޕޭން ނުހިންގޭނެ ކަަަމަށް ބުނެ އެކަން ހުއްޓުވަން މަޖިލީހަށް ބިލެއް ވެސް ހުށަހަޅަން އޮތީ ތައްޔާރުވެފަ އެވެ.