Roadha Mihaaru

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކަމަށް އެންތަނީ އަލްބަނޭޒީ

އޮސްޓްރޭލިޔާގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި، އެ ގައުމުގެ އިދިކޮޅު ލޭބާ ޕާޓީއަށް މިހާތަނަށް ލިބުނު ބޮޑު ކާމިޔާބާއެކު، އެ ގައުމުގެ އާ ބޮޑުވަޒީރުގެ މަގާމު، ލޭބާ ޕާޓީގެ ލީޑަރު އެންތަނީ ނޯރްމަން އަލްބަނޭޒީ އަށް ކަށަވަރުވެއްޖެ އެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކަމަށް އެންތަނީ އަލްބަނޭޒީ

އޮސްޓްރޭލިޔާގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި، އެ ގައުމުގެ އިދިކޮޅު ލޭބާ ޕާޓީއަށް މިހާތަނަށް ލިބުނު ބޮޑު ކާމިޔާބާއެކު، އެ ގައުމުގެ އާ ބޮޑުވަޒީރުގެ މަގާމު، ލޭބާ ޕާޓީގެ ލީޑަރު އެންތަނީ ނޯރްމަން އަލްބަނޭޒީ އަށް ކަށަވަރުވެއްޖެ އެވެ.

މިހާތަނަށް ސާފުކުރެވުނު ވޯޓުގެ ނަތީޖާއަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ 151 ގޮނޑީގެ ތެރެއިން 75 ގޮނޑި މިހާރު ވަނީ ލޭބާ ޕާޓީ އަށް ކަށަވަރުވެފަ އެވެ. އެހެން ޕާޓީއެއްގެ ބައިވެރިވުމެއް ނެތި، ހަމައެކަނި ލޭބާ ޕާޓީގެ ސަރުކާރެއް އެކުލަވައިލެވޭނީ، ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ޖުމްލަ މެމްބަރުންގެ ސާފު އަގުލަބިއްޔަތު (76 ގޮނޑި) ލިބިގެންނެވެ.

ވޯޓު ގުނުމުގެ މަސައްކަތް މިހާރު ވެސް ކުރި އަށް ދާއިރު، އަދި ވޯޓު ގުނައި ނިންމައި ރަސްމީ ނަތީޖާ އިއުލާންކުރުމާ ދެމެދު ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމަށް ބެލެވޭއިރު، ގާނޫނު ހަދާ މަޖިލީހުގެ 76 ގޮނޑި، ލޭބާ ޕާޓީ އަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް އަދި ނެތެވެ. އެހެން ނަމަވެސް، މިހާރު ވެސް 72 ގޮނޑި ކަށަވަރުވެފައިވާތީ، އެހެން ޕާޓީއަކާ ނުވަތަ މިނިވަން މެންބަރުންނާ ގުޅިގެން ނަމަވެސް ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު އޮތީ ލޭބާ ޕާޓީއަށެވެ.

އެހެންކަމުން، މާދަމާގެ ވަގުތެއްގައި އެންތަނީ އަލްބަނޭޒީ އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމުގެ ހުވައި ރަސްމީކޮށް ކުރައްވާނެ އެވެ. ރަސްމީ ގޮތުން މަގާމާ ހަވާލުވެވަޑައިގަތުމާ އެކު އޭނާ ވެގެންދާނީ އެ ގައުމުގެ 31 ވަނަ ބޮޑުވަޒީރަށެވެ. އަދި ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، އިދިކޮޅު ލީޑަރުގެ މަގާމުގައި ހުންނެވުމަށް ފަހު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ހަތަރު ވަނަ ބޮޑުވަޒީރަށެވެ.

އިންތިޚާބުގައި ޕާޓީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި އެއްވުމެއްގައި، އިންތިޚާބީ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒީ ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތިމާވެށީގެ މައްސަލަތަކަށެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ދުނިޔޭގެ ބޮޑު ބާރަކަށް އޮސްޓްރޭލިޔާ ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންތަނީ އަލްބަނޭޒީ އޮސްޓްރޭލިޔާގެ ބޮޑުވަޒީރުގެ މަގާމާ މި ހަވާލުވެވަޑައިގަންނަވަނީ، މިދިޔަ ތިން އަހަރުގެ ތެރޭގައި އެގައުމުގައި ހިނގައި ދިޔަ، ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާތަކާއި ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން، ތިމާވެށީގެ މައްސަލަތަކަށް އާންމު ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދީފައިވާ ދުވަސްވަރެއްގަ އެވެ.

މިފަހަރުގެ އިންތިޚާބުގައި ވާދަކުރި ޕާޓީތަކުގެ ސިޔާސަތުތަކަށް ބަލާއިރު، ލޭބާ ޕާޓީ އަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، އާ ސަރުކާރުގައި ބައިވެރިވާނެ ކަމަށް ބެލެވެނީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަކާލާތު ކުރަމުން އަންނަ ގްރީން ޕާޓީ އާއި މިނިވަން މެމްބަރުންނެވެ.

މާދަމާ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، އެންތަނީ އަލްބަނޭޒީ ޖަޕާނަށް ފުރާވަޑައިގަންނަވާނެ އެވެ. ކުއަޑް (އެމެރިކާ، އޮސްޓްރޭލިޔާ، ޖަޕާން، އިންޑިއާ)ގެ މަހާސިންތާގައި ބައިވެރިވުމަށް ބުދަ ދުވަހާ ހަމައަށް ޖަޕާނުގައި ހުންނެވުމަށް ފަހު، އެނބުރި ގައުމަށް ވަޑައިގަންނަވާނީ ބުދަ ދުވަހުގެ މެންދުރު ފަހު އެވެ.