Roadha Mihaaru
އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންގެ އަޑު މަޖިލީހަށް

އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންގެ އަޑު މަޖިލީހަށް

30 އޯގަސްޓް 2023

އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންގެ އަޑު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިއްވުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމާ މެދު، ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް، އަންނަ އޮކްޓޫބަރު މަހު ނަގަން އޮސްޓްރޭލިޔާ ސަރުކާރުން ނިންމައިފި އެވެ.

އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންގެ އަޑު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިއްވުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމާ މެދު، ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް، އަންނަ އޮކްޓޫބަރު މަހު ނަގަން އޮސްޓްރޭލިޔާ ސަރުކާރުން ނިންމައިފި އެވެ.

"ވޮއިސް ޓު ޕާލަމެންޓް"ގެ ނަމުން މަޝްހޫރުވެފައިވާ މި ހުށަހެޅުމާ މެދު އާންމު ރައްޔިތުންނަށް ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ސަރުކާރުން ނިންމީ، އަސްލު ވަޒަންވެރިންގެ ބައިވެރިވުމާ އެކު، އޮސްޓްރޭލިޔާގެ ސިޔާސީ ކުރިމަގު ބައްޓަންކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އެ ހުށަހެޅުމުގައި ވަނީ، އެބޮރިޖިނަލް ދަރިކޮޅުގެ މީހުންނާއި، އޮސްޓްރޭލިޔާ އާއި ޕަޕުއާ ނިއު ގިނީއާ ދެމެދު އޮންނަ ޓޮރެސް ކަނޑުއޮޅީގައި ހިމެނޭ އޮސްޓްރޭލިޔާގެ ޖަޒީރާތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަޑު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިއްވޭނެ ގޮތެއް ހެދުމަށެވެ.

އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގައި އެކަމަށް ތާއީދު ލިބިއްޖެ ނަމަ، އެބޮރިޖިނަލް ދަރިކޮޅުގެ މީހުންނާއި ޓޮރެސް ޖަޒީރާތަކުގެ މީހުންނަކީ ވެސް އޮސްޓްރޭލިޔާގެ ރައްޔިތުން ކަމުގައި ކަނޑައެޅިގެންދާނެ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރާނެ އެވެ. އެއަށް ފަހު، އޮސްޓްރޭލިޔާ ބައްރުގެ އަސްލު ވަޒަންވެރިންގެ ހުރިހާ ދަރިކޮޅުތަކެއް ބައިވެރިވާ އިސްތިޝާރީ މަޖިލީހެއް، އެ ގައުމުގެ މައި ސަރުކާރުގެ ގުނަވަނެއްގެ ގޮތުގައި އުފައްދާނެ އެވެ.

އޮސްޓްރޭލިޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން އެބޯރިޖިނަލް ދަރިކޮޅުގެ މީހުންނާއި ޓޮރެސް ޖަޒީރާތަކުގެ ރައްޔިތުންނާ މެދު ސަރުކާރުން ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމުގެ ހަރުދަނާ މަސައްކަތްތަކެއް ފެށިފައިވަނީ މީގެ 19 އަހަރު ކުރިންނެވެ. އަދި އެ ދަރިކޮޅުތަކުގެ މީހުންގެ ހައްގުތައް ހޯދުމަށް ވަކާލާތުކުރުމުގެ ހޭލުންތެރިކަން އުފެއްދުމަށް ވެސް މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"މިއީ އަހަރެމެންގެ ގައުމުގެ އެންމެން އެއްކޮށް، މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރުމަށްޓަކައި، ޖީލަކުން އެއް ފަހަރު ލިބޭނެ ފުރުސަތެއް. ރައްޔިތުންގެ ފަރާތުން މިއެދެނީ ވިސްނުމަކަށް އާނއެކޭ ބުނެ ވޯޓު ދިނުމަށް. އެ ވިސްނުން ހަގީގަތަކަށް ހެދުމުގެ ވަގުތު މިއޮތީ ޖެހިފައި،" އޮސްޓްރޭލިޔާގެ ދެކުނު ސަހަރެއް ކަމަށްވާ އަޑެލައިޑްގައި އާންމުންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އެންތަނީ އަލްބަނޭޒް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާ ބެހޭ ގޮތުން އާންމުންގެ މެދުގައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓުތައް ކާމިޔާބުވުމުގެ ފުރުސަތު މީގެ ކުރިން އޮތީ ވަރަށް ކުޑަކޮށެވެ. އެ ގޮތުން 1901 ވަނަ އަހަރާއި 1919 ވަނަ އަހަރާ ދެމެދު، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް އެކި ފަހަރުމަތިން 44 އިސްލާހަކާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުތައް ނެގި އެވެ. ނަމަވެސް އެ 44 ހުށަހެޅުމުގެ ތެރެއިން ފާސްވެފައިވަނީ އެންމެ އަށް ހުށަހެޅުމެވެ.

އޮސްޓްރޭލިޔާގައި ބާއްވާ ބޯހިމެނުންތަކުގައި އެ ބައްރުގެ އަސްލު ވަޒަންވެރިން ވެސް ގުނުމަށް، 1967 ވަނަ އަހަރު ބޭއްވި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި 90 ޕަސެންޓުގެ ބޮޑު ތާއީދެއް އެކަމަށް ލިބުނެވެ.

ނަމަވެސް ގައުމުގެ ސިޔާސީ ކަންކަން ކަނޑައެޅުމުގެ ފަންތީގައި އަސްލު ވަޒަންވެރިން ބައިވެރިކުރުމުގެ ފުރުސަތު ލިބިދޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް މީގެ ކުރިން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ. އެކަމަށް މީގެ ކުރިން އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނުނެގި އޮތީ، އެކަމާ ބެހޭ ގޮތުން އާންމުންގެ މެދުގައި ނުބައި މައުލޫމާތު ފެތުރި، އެ އިސްލާހު ގެނައުމުން އަސްލު ވަޒަންވެރިންނަށް މާ ވަރުގަދަ ބާރުތަކެއް ލިބިދާނެ ކަމަށް ހީވެފައި އޮތުމުންނެވެ.