Roadha Mihaaru
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރޭ މަންކީޕޮކްސް

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރޭ މަންކީޕޮކްސް ގިނަ

22 މެއި 2022

އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ބައެއް މީހުންނަށް މިހާރު ޖެހި ފެތުރެން ފަށާފައިވާ، މަކުނު ކަށިވިދުރި ފެތުރެމުންދާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވަނީ، އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިންޒާރުކޮށްފި އެވެ.

އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ބައެއް މީހުންނަށް މިހާރު ޖެހި ފެތުރެން ފަށާފައިވާ، މަކުނު ކަށިވިދުރި ފެތުރެމުންދާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވަނީ، އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިންޒާރުކޮށްފި އެވެ.

އެ ޖަމިއްޔާގެ ސްޓްރެޓީޖިކް އެންޑް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ރައީސް، ޑޭވިޑް ހޭމާން ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ މި އަހަރުގެ ހޫނު މޫސުން ކަމަށް ވާތީ، އެ މޫސުމުގެ ދުވަސްތަކުގައި އާންމު އެއްވުންތަކާއި ޕާޓީތަކާއި ހަފުލާތައް އެތައް ގުނައަކަށް އިތުރުވެގެން ދާނެ އެވެ. އެހެންވެ، އެ ދުވަސްވަރު އެ ބަލި ފެތުރޭ ވަރު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އޭނާ ވިދާޅުވީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި މިހާރު އެ ބަލި ޖެހިފައިވާ މީހުންނަށް ބަލި އެރި ގޮތެއް ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މަސައްކަތް ކުރަމުން އަންނަނީ، ބަލި އެރީ ޖިންސީ ގުޅުމުގެ ޒަރީއާއިން ކަމަށް ލަފާކޮށްގެން ކަމަށެވެ. އެ ޖަމިއްޔާ އިން އެ ގޮތަށް ލަފާކުރާ މައިގަނޑު ސަބަބަކީ، ވިލާތުގެ ގައުމުތަކުގައި މިހާރު މަންކީޕޮކްސް ޖެހިފައިވާ ގިނަ މީހުންގެ ގައިގައި އެ ބަލި ހުރިކަން ދެނެގަނެވިފައިވަނީ، ޖިންސީ މައްސަލަތަކަށާއި ޖިންސީ ގުނަވަތްތަކަށް ޖެހޭ ބަލިތަކަށް ފަރުވާކުރާ ކްލިނިކްތަކުން ކަމަށް ވާތީ އެވެ.

އެ ފަދަ ކްލިނިކްތަކަކީ، އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް މެދުވެރިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ޚާއްސަ ތަންތަނެވެ. އަދި ކްލިނިކްތަކުން ކުރި ޓެސްޓުތަކުން، މަކުނު ކަށިވިދުރި ޖެހިފައިވާ ކަން ޔަގީން ކުރެވުނު މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނާ އެކުގައި ޖިންސީ ގުޅުން ހިންގައި އުޅޭ ފިރިހެނުންނެވެ. އެއް ޖިންސުން ގުޅުން ހިންގާ އަންހެނުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ބައެއް މީހުންނަށް މިހާރު ޖެހި ފެތުރެން ފަށާފައިވާ، މަކުނު ކަށިވިދުރި އިތުރު އެހެން ގައުމުތަކުގައި ފެތުރެން ފެށުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެ އެވެ.

މީގެ ކުރިން އެއްވެސް ދުވަސްވަރެއްގައި އެ ބަލި ފެތުރިފައި ނުވާ 12 ގައުމެއްގައި އަލަށް ބަލި ފެތުރެން ފަށައި، އިއްޔެގެ ނިޔަލަށް 92 މީހަކަށް މަންކީޕޮކްސް ޖެހިފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. އެ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް، އިތުރު 28 މީހެއްގެ ހަށިގަނޑުން ފެންނަން ފެށުމާ ގުޅިގެން، އެއީ މަކުނު ކަށިވިދުރިތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އެ ގައުމުތަކުގައި މަކުނު ކަށިވިދުރި ފެތުރެމުން ދަނީ އެކަކު ގައިން އަނެކަކުގެ ގަޔަށް ބަލީގެ ޖަރާސީމު އަރައިގެންނެވެ. އަދި ގައިންގަޔަށް ބަލީގެ ޖަރާސީމު އަރަނީ، ބަލި ޖެހިފައިވާ މީހަކާ މާ ގައިގޯޅިކޮށް އުޅެވުމުން ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.

މަކުނު ކަށިވިދުރިއަކީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުގައި މީގެ ކުރިން ބައެއް މީހުންނަށް ޖެހިފައިވާ ބައްޔެކެވެ. އެ ބަލި ޖެހޭ މީހުންގެ ހާލު މާ ބޮޑު ނުވިޔަސް، ހުން އައުމާއި ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި ބިހި ނުވަތަ ފެންފޮޅު ނެގުން ފަދަ ކަންތައް މެދުވެރިވެ އެވެ.

ބަލި ޖެހޭ މީހުން، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ނުދިނަސް، އާންމުކޮށް ދެ ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ބަލިން ފަސޭހަވެ އެވެ. ނަމަވެސް ބައެއް ހާލަތުތަކުގައި މީހުންގެ ފުރާނަ އަށް ވެސް ނުރައްކާވެ އެވެ.

މީގެ ކުރިން މަންކީޕޮކްސް ޖެހިފައި ހުރީ، އެ ބަލި ފެތުރިފައިވާ ގައުމަކަށް ނުވަތަ ސަރަހައްދަކަށް ގޮސްފައިވާ މީހުންނަށެވެ. ނަމަވެސް މިހާރު ބަލި ފެތުރެމުން ދަނީ، މީގެ ކުރިން އެ ބަލި ޖެހިފައިވާ އެއްވެސް ގައުމަކަށް ގޮސްފައިވާ ބައެއްގެ މެދުގައި ނޫން ކަމަށް ވާތީ، މިހާރު ބަލި ފެތުރެން މެދުވެރިވި ސަބަބެއް ދެނެގަތުމަށް އަންނަނީ ދިރާސާ ކުރަމުންނެވެ.

"މިހާރު ކަން ހިނގަމުންދާ ގޮތުން ބޮޑަށް ބެލެވެނީ، ޖިންސީ ގުޅުމެއްގެ ޒަރީއާ އިން، މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް މި ބަލި އަރައިގެން މީހުންގެ މެދުގައި ފެތުރެމުންދާ ކަމަށް. އަދި ޖިންސީ ގުނަވަނެއްގެ ޒަރީއާއިން ޖިންސީ ގުޅުމެއްގެ ތެރެއިން ފެތުރޭ ބައްޔެއްގެ ގޮތުގައި މިހާރު ފެންނަމުން މި ދަނީ،" ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްޓްރެޓީޖިކް އެންޑް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ރައީސް، ޑޭވިޑް ހޭމާން ވިދާޅުވި އެވެ.

މަކުނު ކަށިވިދުރިއަކީ އިންސާނުންގެ މެދުގައި މީގެ ކުރިން ފެތުރުނު ކަށިވިދުރި އާއިލާގެ ވައިރަހަކުން ޖެހޭ އަދި ބަލީގެ އަލާމާތްތަކާއި ބަލީގެ ހާލަތު ވެސް އާދައިގެ ވަރެއްގައި ހުންނަ ބައްޔެކެވެ. ކަށިވިދުރިއަކީ، އެ ބައްޔާ ދެކޮޅަށް މުޅި ދުނިޔޭގައި ހިންގި ވެކްސިން ޕްރޮގްރާމްގެ ޒަރީއާއިން 1980ގެ އަހަރުތަކުގައި ދުނިޔެ އިން ނައްތާލައިފައިވާ ބައްޔެކެވެ.

ކަށިވިދުރިން ރައްކާތެރިވުމަށް އުފެއްދި ވެކްސިނަކީ، މަކުނު ކަށިވިދުރިން ވެސް ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. ނަމަވެސް ދުނިޔެ އިން ކަށިވިދުރި ނައްތާލާފައިވާތީ، ކަށިވިދުރި ވެކްސިން އުފެއްދުން ވެސް ވަނީ ހުއްޓާލައިފަ އެވެ.

އެހެން ވިޔަސް، މި ބައްޔާ މެދު އާންމުން ބިރު ނުގަތުމަށް ކަމާ ބެހޭ ތަޖުރިބާކާރު އިރުޝާދު ދެއްވަ އެވެ. އަދި މި ބަލި ފެތުރެން ފެށި ކަމުގައި ވިޔަސް، ކޮވިޑް-19ގައި ކުރިމަތިވި ފަދަ އާލަމީ ވަބާއެއްގެ ގޮތުގައި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މި ފަހަރު އަލަށް މަކުނު ކަށިވިދުރި ފެނިފައިވަނީ، އެމެރިކާ، އޮސްޓްރޭލިޔާ އަދި ކެނެޑާގެ އިތުރުން ޔޫރަޕްގެ ނުވަ ގައުމަކުންނެވެ.