Roadha Mihaaru
ޑިމާންޑު ދަށްވެ ޓުޓިކޮރިން-އައްޑޫ ދަތުރުތައް ހުއްޓިއްޖެ

ޑިމާންޑު ނެތުމުން ޓުޓިކޮރިން-އައްޑޫ ދަތުރުތައް ހުއްޓާލައިފި

23 މެއި 2022

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑިއާގެ ޓުޓިކޮރިން އާއި އައްޑުއާ ދެމެދު ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑިއާގެ ޓުޓިކޮރިން އާއި އައްޑުއާ ދެމެދު ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ، ޓުޓިކޮރިން އާއި އައްޑޫއާ ދެމެދު ކުރި ދަތުރުތައް ހުއްޓާލީ ޑިމާންޑް ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ މަހުން ފެށިގެން އެ ދަތުރުތައް ހުއްޓިފައިވާ ކަމަށެވެ.

އައްޑޫއަށް ދަތުރުކުރާ އާގު ބޯޓަކީ 3،800 ޓަނުގެ ބޯޓަކަށްވާ އިރު އެ ބޯޓުން ގެންނަ މުދަތުގެ ބޮޑު ބައެއް ގެންނަނީ އެސްޓީއޯއިންނެވެ. ނަމަވެސް އެސްޓީއޯ އިން ވަނީ ޓުޓިކޮރިން އިން ތަކެތި ގެނައުމުން މެދުކަނޑާލައިފަ އެވެ. ސައީދު ވިދާޅުވީ، މާލެ ކޮޅުން މުދާ ގެނައުން އެސްޓީއޯއަށް މާ ރަނގަޅު ކަމަށް އެސްޓީއޯއިން އަންގާފައިވާ ކަމަށާއި އެސްޓީއޯއިން ގެންނަ މުދާ ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އައްޑޫގައި ހިންގި ޕޮލިސް އެކެޑަމީގެ މަސައްކަތްތަށް ނިމުމާ އެކު ކޮންސްޓްރަކްޝަން މުދާ ގެނައުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އައްޑޫގެ ވިޔަފާރިވެރިން ވެސް ޓުޓިކޮރިން އިން މުދާ ގެންނަނީ ވަރަށް މަދުންނެވެ.

"ބޮޑުބައި މިގެންނަނީ އެސްޓީއޯއަށް. އައްޑޫގެ ދެ ޕާޓީއަކުން މަދުން މުދާ ގެނޭ. ޑިމާންޑު ނެތް އިރު ދަތުރު ކުރުމުން ކުންފުންޏަށް ގެންލުންވާނީ،" އޭނާ ވިދާޅުވި އެވެ.

އެމްއެސްއެސްގެ ހިދުމަތް ފެށި ފަހުން އެ ކުންފުނިން އަންނަނީ އާމްދަނީ ވަރަށް ބޮޑަށް ފުޅާކުރަމުންނެވެ. އައްޑޫ އާއި ޓުޓިކޮރިންގެ ދަތުރު ހުއްޓާލި ނަމަވެސް މާލީ ގޮތުން މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ޓުޓިކޮރިން އާއި އައްޑޫއާ ދެމެދު ކުރާ ދަތުރުތައް ހުއްޓާލުމުން، އެމްއެސްއެސްއިން މިހާރު ހަމައެކަނި ދަތުރުކުރާނީ ކޮލަމްބޯ އާއި މާލެއާ ދެމެދުގަ އެވެ.