Roadha Mihaaru
ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ގެނައީ ކުއްޔަށް: ސައީދު

ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ގެނައީ އެއް އަހަރުގެ ލީސްއަކަށް: ސައީދު

09 އެޕްރީލް 2020

އެސްޓީއޯ އިން އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓު "އެމްވީ އައިބީރިއަން އެކްސްޕްރެސް" އަކީ އެއް އަހަރު ދުވަހަށް ކުއްޔަށް ހިފާފައިވާ ބޯޓެއް ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯ އިން އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓު "އެމްވީ އައިބީރިއަން އެކްސްޕްރެސް" އަކީ އެއް އަހަރު ދުވަހަށް ކުއްޔަށް ހިފާފައިވާ ބޯޓެއް ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ނޯވޭގެ މި ބޯޓު ގެންނަން ހަ މަސް ދުވަސް ނެގި ކަމަށެވެ.

މި ބޯޓުގެ ދަތުރުތައް ފުރަތަމަ ކުރަން ހަމަޖައްސާފައި ވަނީ މާލެ އާއި ކޮލަމްބޯއާ ދެމެދުގަ އެވެ. އެގޮތުން ކޮންމެ 10 ދުވަހަކުން ދަތުރެއް ކުރާނެ އެވެ.

ސައީދު ވިދާޅުވީ މި ދުވަސްވަރު ބޯޓު ހާއްސަކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް ބޭނުންވާ މުހިއްމު ތަކެތި ގެނައުމުގެ މަސައްކަތަށް ކަމަށެވެ.

ނަމަވެސް މި ހާލަތު ނިމުމުން، އެހެން ކުންފުނިތަކުން ބޭނުންވާ ޝިޕްމެންޓްތައް ވެސް ވިޔަފާރި އުސޫލުން ރާއްޖެ ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްވީ އައިބީރިއަން އެކްސްޕްރެސްގައި 20 ފޫޓުގެ 700 ކޮންޓެއިނަރު އެއްފަހަރާ އުފުލެ އެވެ.

ސައީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެމްއެސްއެސްގެ އަމިއްލަ ބޯޓެއް ހޯދައި، 100 ޕަސެންޓް ދިވެހިން ވަޒީފާ އަދާކުރާ ކުންފުންޏަކަށް ހެދުމުގެ ވިސްނުން އެބަ ހުއްޓެވެ.

އެމްއެސްއެސް އަކީ އެސްޓީއޯގެ 99.99 ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ 0.01 ޕަސެންޓުގެ ހިއްސާއާ އެކު މިދިޔަ އަހަރުގެ މާޗު މަހު އުފެއްދި ކުންފުންޏެކެވެ.