Roadha Mihaaru
ގަވަރުނަރަށް މިއަދު ވެސް ކޮމިޓީއަށް ވަޑައެއްނުގެންނެވުނު

ގަވަރުނަރަށް މިއަދު ވެސް ވަޑައިނުގެންނެވޭތީ ކޮމިޓީ ފަސްކޮށްފި

16 ޖުލައި 2024

ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފަށަން ތާވަލުކުރި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭ ކަން އޭނާ އަންގަވައިފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފަށަން ތާވަލުކުރި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭ ކަން އޭނާ އަންގަވައިފި އެވެ.

ކޮމިޓީގެ މުގައްރިރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭ ކަން އަންގަވާފައިވާ ކަމަށެވެ. ކޮމިޓީ މިއަދަށް ޝެޑިއުލްކުރީ، އިއްޔެ ހާޒިރުނުވެވޭނެ ކަން އެންގެވުމުންނެވެ.

ގާސިމް ހުށަހެޅުއްވީ، މާދަމާ ވެސް ކޮމިޓީ ބައްދަލުވުމެއް ބާއްވައި ގަވަރުނަރަށް ދައުވަތު ދެއްވުމަށެވެ. އެ ހުށަހެޅުއްވުމަށް މެމްބަރުން ތާއީދުކުރެއްވި އެވެ.

ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

އެމްއެމްއޭ ހިނގަމުންދާ ގޮތާ ގުޅޭ ގޮތުން ނާޒިމް މަޖިލިހުގައި ވިދާޅުވީ، ގައުމުގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ.

އެކަމަކު އޭނާ ވަކިކުރަން އުޅޭ މައްސަލަ އަށް ޖަވާބުދާރީވެވަޑައިގެންނެވުމުގެ ގޮތުން މަޖިލިހަށް އިއްޔެ ފޮނުއްވި ރިޕޯޓެއްގައި ވަނީ އެ ކަންކަމަށް ރައްދު ދެއްވައިފަ އެވެ.

އެ ރިޕޯޓުގައި، އަލީ ހާޝިމް ވިދާޅުވީ ރާއްޖޭގައި އިގުތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައިވަނީ މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތު ކަން ނުދިނުމުގެ ސަބަބުން ކަމަށެވެ.

އިގުތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި، ގައުމު އިގުތިސާދީ ފުން އަނދަވަޅަކަށް ވެއްޓުނަ ނުދީ ރައްކާތެރި ދިމާލަކަށް ވާސިލުވާނެ ގޮތްތައް ޔަގީންކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.