Roadha Mihaaru
މޯހަން ބަގާންއާ ދެކޮޅަށް ކުޅެންވީގޮތް އެނގޭ: ޖެސިޗް

މޯހަން ބަގާންއާ ދެކޮޅަށް ބޭނުންކުރާނެ ޓެކްޓިކްސް މާޒިޔާ އަށް އެނގޭ: ޖެސިޗް

24 މެއި 2022

އޭއެފްސީ ކަޕަށް އިންޑިއާ އަށް ދަތުރުކުރުމުގެ ކުރިން، މޯހަން ބަގާން ކުޅުން އޭނާ އެނަލައިޒްކުރި ކަމަށާއި އެޓީމާ ދެކޮޅަށް ކުޅެންވީ ގޮތް މާޒިޔާ އަށް އެނގޭ ކަމަށް، ކޯޗު މިއޮޑްރާގް ޖެސިޗް ބުނެފި އެވެ.

އޭއެފްސީ ކަޕަށް އިންޑިއާ އަށް ދަތުރުކުރުމުގެ ކުރިން، މޯހަން ބަގާން ކުޅުން އޭނާ އެނަލައިޒްކުރި ކަމަށާއި އެޓީމާ ދެކޮޅަށް ކުޅެންވީ ގޮތް މާޒިޔާ އަށް އެނގޭ ކަމަށް، ކޯޗު މިއޮޑްރާގް ޖެސިޗް ބުނެފި އެވެ.

އޭއެފްސީ ކަޕް ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާ ނުކުންނާނީ، މޯހަން ބަގާންއާ ދެކޮޅަށެވެ. މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ އައި-ލީގު ޗެމްޕިއަން ގޯކުލަމް ކެރަލާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މާޒިޔާ ވަނީ އަނެއް ބުރަށް ދިއުމުގެ އުންމީދު އާކޮށްފަ އެވެ.

ޖެސިޗް ބުނިގޮތުގައި އޭނާގެ ކުޅުންތެރިން ތިބީ ވީ އެންމެ ބުރަކޮށް މަސައްކަތްކޮށް މޯހަން ބަގާންއާ ދެކޮޅަށް ވެސް ނަތީޖާ ނެރުމުގެ އުންމީދުގަ އެވެ. އޭނާ ބުނީ ޓީމު އޮތީ ރަނގަޅު ރޫހެއްގައި ކަމަށެވެ. އެއީ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ސާބިއާގެ ކޯޗު ބުންޏެވެ.

"އަހަރެމެން މިތަނަށް އައުމުގެ ކުރިން މޯހަން ބަގާންގެ މެޗުތައް ވަރަށް ރަނގަޅަށް ބެލިން. އަހަރެންމެންނަށް އެނގޭ އަހަރެމެން މި ކުޅެނީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ތިބި ޓީމާ ދެކޮޅަށްކަން،" ޖެސިޗް ބުންޏެވެ. "މޯހަން ބަގާންގެ ހުރި ވަރުގަދަ ކަންތައްތަކާއި ބަލިކަށި ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކާކަށް އަހަރެން ނެތި. އެކަންކަން އަހަރެންގެ ކުޅުންތެރިންނަށް ކިޔައި ދޭނަން. އެންމެ މުހިންމު ކަމަކީ އަހަރެމެން މާދަމާ [މިއަދު] ކުޅޭނެ ގޮތް."

މޯހަން ބަގާންގެ ކޯޗު ހުއާން ފެރާންޑޯ ބުނީ މާޒިޔާގެ އެޓޭކިން ވަރުގަދަ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު އެޓޭކިންގައި ޓެކްޓިކްސްއެއް ނެތްކަމަށް އޭނާ ބުންޏެވެ.

މޯހަން ބަގާންގެ ކޯޗު ހުއާން ފެރާންޑޯ: އޭނާ ބުނީ ކައިރިކައިރީ މެޗުތައް ކުޅެން ޖެހުމުން ހުރިހާ ޓީމެއްގެ ކުޅުންތެރިންނަށް ވެސް އުނދަގޫތައް އެބަހުރި ކަމަށް. --- ފޮޓޯ: ގޭޓީ އިމޭޖަސް

މޯހަން ބަގާންގެ ކޯޗު ހުއާން ފެރާންޑޯ: އޭނާ ބުނީ ކައިރިކައިރީ މެޗުތައް ކުޅެން ޖެހުމުން ހުރިހާ ޓީމެއްގެ ކުޅުންތެރިންނަށް ވެސް އުނދަގޫތައް އެބަހުރި ކަމަށް. --- ފޮޓޯ: ގޭޓީ އިމޭޖަސް

"ބައެއް ފަހަރު އެޓޭކިން އަށް ދާއިރު ޓެކްޓިކްސް އަށް ވުރެ ބޮޑަށް އިމޯޝަން އައިސްގެން ކުރިއަށްދާ މަންޒަރު ފެންނަނީ،" މާޒިޔާގެ އެޓޭކިންއާ ބެހޭ ގޮތުން ފެރާންޑޯ ބުންޏެވެ.

އޭނާ ބުނީ ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުމުން ހުރިހާ ޓީމެއްގެ ކުޅުންތެރިންނަށް ވެސް ވަރުބަލިކަން އިހްސާސް ކުރަން ޖެހިފައިވާ ކަމަށެވެ.

"އެޓޭކް އަދި ޑިފެންސްގައި ވެސް ވަރަށް ފަރުވާތެރި ވާން ޖެހޭނެ. ހެދޭ އެންމެ ގޯހަކުން ވެސް އިދިކޮޅަށް ކުޅޭ ޓީމަށް ވަރަށް ބޮޑު ފުރުސަތަކަށް ވާނެ. އެޓޭކް ނުވަތަ ޓެކްޓިކްސް އަށް ވުރެ މާދަމާ [މިއަދު] ގެ މެޗުތައް ބިނާ ވަނީ އިތުބާރާއެކު ކުޅޭ ޓީމެއްގެ މައްޗަށް."

މާޒިޔާ އާއި މޯހަން ބަގާން ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8 ޖަހާއިރު އެވެ. މެޗު ކުޅޭނީ މޯހަން ބަގާންގެ ހޯމް ދަނޑު، ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގަ އެވެ. އެ މެޗުގެ ކުރިން މިއަދު ހަވީރު، ބަށުންދަރާ ކިންގްސް އާއި ކެރަލާ ޓީމު ކުޅޭނެ އެވެ. ދެކުނު އޭޝިއާގެ ގުރޫޕުން އިންޓަ ޒޯން ސެމީ ފައިނަލް ބުރަށް ދަތުރު ކުރާނީ ގުރޫޕްގެ އެއްވަނަ ހޯދާ ޓީމެވެ. ޕޮއިންޓުގެ ގޮތުން އެންމެ ކުރީގައި އޮތް ދެ ޓީމު އެއްވަރުވެއްޖަ ނަމަ ބަލާނީ ހެޑް ޓު ހެޑް ނަތީޖާ އަށެވެ.