Roadha Mihaaru
އޭއެފްސީ ކަޕް ކާމިޔާބު ކުރި ޑިފެންޑަރެއް މާޒިޔާ އަށް

އޭއެފްސީ ކަޕް ކާމިޔާބު ކުރި ޑިފެންޑަރެއް މާޒިޔާ އަށް

03 އޯގަސްޓް 2023

އޭއެފްސީ ކަޕް ކާމިޔާބު ކުރި ޑިފެންޑަރެއް ކަމަށްވާ ކްރޮއޭޝިއާގެ ސެބަސްޓިޖާން އެންޓިކް މާޒިޔާ އަށް ސޮއި ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އޭއެފްސީ ކަޕް ކާމިޔާބު ކުރި ޑިފެންޑަރެއް ކަމަށްވާ ކްރޮއޭޝިއާގެ ސެބަސްޓިޖާން އެންޓިކް މާޒިޔާ އަށް ސޮއި ކޮށްފި އެވެ.

އުމުރުން 31 އަހަރުގެ އެންޓިކް، އޭއެފްސީ ކަޕް ކާމިޔާބު ކޮށްފައި ވަނީ އިރާގުގެ އަލް ގުއްވާ އަލް ޖަވިއްޔާ (އެއާ ފޯސް ކްލަބް) އާއެކު 2017 އަދި 2018 ގަ އެވެ.

އެއާފޯސް ކްލަބާ އޭނާ ގުޅުނީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ކުއާޓާ ފައިނަލާ ހަމައަށް ޖޯޑަންގެ އަލް ވަހުދަތަށް ކުޅެފައި، ސެމީ ފައިނަލަށެވެ. ޖެހިގެން އައި އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް އޭނާ ހުރިހާ މެޗެއްގައި އެއާފޯސް ކްލަބްގެ ޖޯޒީގައި އޭއެފްސީ ކަޕް ކުޅުނެވެ.

އެންޓިކް ވަނީ ކްރޮއޭޝިއާ އާއި ޖޯޑަން އަދި އިރާގުގެ އިތުރުން، ސްލޮވީނިއާ އާއި ކަޒަކިސްތާން އަދި ގަތަރުގެ އެއްވަނަ ޑިވިޝަންގެ ކްލަބްތަކަށް ވެސް ކުޅެފަ އެވެ.

ލީގު ޗެމްޕިއަންކަމާ އެކު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ސީދާ ޖާގައެއް ހޯދި ރާއްޖޭގެ ކްލަބަކީ މާޒިޔާ އެވެ. ލީގުގެ ދެވަނަ، ކްލަބް އީގަލްސް ޖެހޭނީ ދެކުނު އޭޝިއާގެ ކޮލިފައިން ބުރު ކުޅޭށެވެ. މި މަހު ކޮލިފައިން ބުރު ކުޅުމަށް ފަހު، ގުރޫޕް ސްޓޭޖު ފެށުން އޮތީ އަންނަ މަހު އެވެ.

އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެންޓިކްގެ އިތުރުން މާޒިޔާ ވަނީ މި ހަފްތާ ސާބިއާގެ ފޯވާޑެއް ކަމަށްވާ ވޮޖިސްލާވް ބަލަބަނޮވިޗް އާއި ގާނާގެ މިޑްފީލްޑަރެއް ކަމަށްވާ ރޭގަން އޮބެންގް ސޮއި ކުރުވައިފި އެވެ. މި ތިން ކުޅުންތެރިން ވެސް މާޒިޔާ އަށް ގެނައީ މި ސީޒަންގެ ނިޔަލަށެވެ.

ފޯވާޑް ބަލަބަނޮވިޗް (ކ) އާއި މިޑްފީލްޑަރު އޮބެންގް.-- ފޮޓޯ: މާޒިޔާ

ފޯވާޑް ބަލަބަނޮވިޗް (ކ) އާއި މިޑްފީލްޑަރު އޮބެންގް.-- ފޮޓޯ: މާޒިޔާ

ފޯވާޑް ބަލަބަނޮވިޗް، 27، ވެސް ވަނީ ސާބިއާގެ ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އެންމެ ގިނަ ދުވަސް ހޭދަ ކޮށްފައި ވަނީ ސާބިއާގެ ދެވަނަ ޑިވިޝަނުގަ އެވެ.

އޮބެންގް، 28 އަކީ ސާބިއާ އާއި ކްރޮއޭޝިއާ ކްލަބްތަކުގެ ތަޖުރިބާ ހުރި ކުޅުންތެރިއެކެވެ. އެގޮތުން ދެ ގައުމުގެ އެއްވަނަ ޑިވިޝަނުގައި ވެސް އޭނާ ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައި ވެއެވެ. ސާބިއާގެ ޗުކާރިޗްކީ އާއެކު އޭނާ ވަނީ 2015 އަދި 2016 ވަނަ އަހަރު ޔޫއެފާ ޔޫރޮޕާ ލީގު ކޮލިފައިން ކުޅެފަ އެވެ.

އޭނާ ވަނީ ސާބިއާގެ ދެވަނަ ޑިވިޝަން ލީގާއި، ސާބިއާގެ އެފްއޭކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

މާޒިޔާ އިން ސީޒަން ފެށި ހަތަރު ބިދޭސީ ކުޅުންތެރިންނާ އެކު އެވެ. ނަމަވެސް އޭގެ ތެރޭން ބޮސްނިއާގެ މިޑްފީލްޑަރު އެލްޑާ ހަސަނޮވިޗް، 33، އާއި ސާބިއާގެ ފޯވާޑް ސްޓެފަން މިހައިލޮވިޗް، 39، މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އެންޓިކް އާއި ބަލަބަނޮވިޗް އަދި އޮބެންގްގެ އިތުރުން މިހާރު މާޒިޔާ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ މިސްރުގެ މިޑްފީލްޑަރު ހަލީލް ގަމާލް، 30، އާއި ލިތުއޭނިއާގެ ޑިފެންޑަރު އެޑްގަރާސް ޒާކިސް، 29، އެވެ.

އެފްއޭއެމުން ވަނީ މި ސީޒަނުގައި ކޮންމެ ޓީމަކު ބިދޭސީ ހަ ކުޅުންތެރިން ހިމެނޭ ގޮތަށް ގަވާއިދު ބަދަލު ކޮށްފަ އެވެ.

މާޒިޔާ އަށް ދެން އެންމެ އަވަހަށް އޮތީ ލީގުގައި، އީގަލްސް އާ ދެކޮޅަށް ކުޅޭ މެޗެވެ. މާދަމާ ރޭ މި ދެ ޓީމު ބައްދަލުކުރާއިރު، މާޒިޔާ ލީގު އެއްވަނައިގައި އޮތީ އީގަލްސް އަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.