Roadha Mihaaru
މުޒާހަރާގެ ތެރެއިން ދެ ނޫސްވެރިއަކަށް އަނިޔާވެއްޖެ

އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ޗެނަލް 13 ގެ ދެ ނޫސްވެރިއަކަށް އަނިޔާވެއްޖެ

06 ފެބުރުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އިދިކޮޅުން މިއަދު ބާއްވަމުންދާ މުޒާހަރާގައި ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އިދިކޮޅުން މިއަދު ބާއްވަމުންދާ މުޒާހަރާގައި ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވެއްޖެ އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ވަޑައިގެން ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން މަޖިލީހުގެ ތެރޭގައި އިދިކޮޅުގެ މަޖިލިސް މެމްބަރުން އިހުތިޖާޖު ކުރި އިރު ސޯސަން މަގުގައި އިދިކޮޅުން ދިޔައީ މުޒާހަރާ ކުރަމުންނެވެ.

މަޖިލިހުގެ އިދާރާ ކައިރި އަށް ދާން މަސައްކަތް ކުރި އެ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލު ކުރަން ގިނަ އަދަދެއްގެ ފުލުހުން ގިއަރާ އެކު އެ ސަރަހައްދުގައި އޭރު ދިޔައީ ހަރަކާތްތެރިވަމުންނެވެ. މުޒާހަރާ ކޮންޓްރޯލު ކުރުމަށް ބާރުގެ ބޭނުން ކުރުމުން ބައެއް މީހުންނަށް އަނިޔާވި އެވެ.

އެ ސަރަހައްދުގައި ހުރި "މިހާރު" ގެ ނޫސްވެރިއަކު ބުނި ގޮތުގައި ޝީލްޑުތަކާ އެކު ތިބި ފުލުހުންގެ ސަފު ކުރިއަށް ޖެހުނު ވަގުތު ފުލުހުން ކައިރީގައި ތިބި ޗެނަލް 13ގެ ދެ ނޫސްވެރިއެއްގެ ގައިގައި ޖެހި އެ ދެ މީހުން ވެއްޓުނީ އެވެ. އެ ވަގުތު އެތަނަށް ޕެޕާ ސްޕްރޭ ޖެހި އިރު އޭގެ އަސަރު އެ މީހުންނަށް ކުރި އެވެ.

އަނިޔާވީ ޗެނަލް13ގެ ފޮޓޯގްރާފަރަކާއި ވީޑިއޯގްރާފަރަކަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދެ ނޫސްވެރިންގެ އަތުގައި ވެސް މީޑިއާ ފާސް އޮތެވެ.

ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި -- ފޮޓޯ: ޕީޕީއެމް

މުޒާހަރާގެ ތެރެއިން ދެ ނޫސްވެރިއަކު ވެއްޓިފައި އޮތްތަން ފެންނަ ފޮޓޯތައް ދައުރުރުވަމުންދާއިރު، އޭގެ ތެރެއިން އެކަކު އޮތީ ހޭނެތިފައި ކަމަށް ބެލެވެ އެވެ. ޗެނަލް13ގެ އެހެން ނޫސްވެރިއަކު ބުނި ގޮތުގައި، އެ ފޮޓޯގްރާފަރަށް އަނިޔާވީ ވަރަށް ފަހުން އޭނާ ބޮޑު އޮޕަރޭޝަނެއް ކޮށްފައި މުޅިން ރިކަވާ ނުވެ ހުއްޓާ ކަމަށެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި އެ ދެ ނޫސްވެރިންގެ ތެރެއިން އެކަކުގެ ހާލަތު މިހާރު ރަނގަޅު އިރު، ފޮޓޯގްރާފަރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށް ހީނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި -- ފޮޓޯ: ޕީޕީއެމް

ހީނާ ވިދާޅުވި ގޮތުގައި އިދިކޮޅުގެ މުޒާހަރާގެ ތެރެއިން މިހާތަނަށް 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި ލިބުނު އެކި އަނިޔާތަކަށް ފަރުވާ ހޯދުމަށް ހަތަރު މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.