Roadha Mihaaru
އަމީރު ވިދާޅުވީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް!

އަމީރު ވިދާޅުވަނީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް، އެކަމަކު ހާސްކަން އެބަހުރި!

25 މެއި 2022

ސްރީ ލަންކާގެ ހާލަތަށް ރާއްޖެ ނުދާނެ ކަމަށާއި ދަރަނި މެނޭޖު ކުރުމުގައި އެއްވެސް އުނދަގުލެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްރީ ލަންކާގެ ހާލަތަށް ރާއްޖެ ނުދާނެ ކަމަށާއި ދަރަނި މެނޭޖު ކުރުމުގައި އެއްވެސް އުނދަގުލެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ނޫސްވެރިން ގާތު އެހެން ވިދާޅުވީ، ރިސޯޓުތަކުގެ ކުލި ކުޑަކުރުން ކަހަލަ، ދައުލަތަށް އާމްދަނީ ދަށްވާ ކަންކަން މި ވަގުތު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގެ ގަވަރުނަރު އަލީ ހާޝިމް، ސްރީ ލަންކާގެ އިގްތިސާދީ ކާރިސާ އިން މިސާލު ނަންގަވާފައި ވަނިކޮށެވެ.

"މިހާރު ޔޫކްރެއިން މައްސަލަ އާއި ސަޕްލައި ސައިޑް ޝޮކްތައް އަންނަ އިރު ރެވެނިއު ދަށްވާ އެކްޝަންތަކެއް ނެގުން ބުއްދިވެރިއެއް ނޫން. އެ ގައުމުގައި ވެސް [ލަންކާގައި] އެކަހަލަ މައްސަލައެއް ދިމާވެގެން މިހާރު އެހެރީ އައިއެމްއެފް އަށް ދާ ހިސާބަށް ގޮސްފައި،" ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި މިދިޔަ ހޯމަދުވަހު ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އެހެން ވިދާޅުވެފައި ވަނިކޮށް، އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ވެސް ވަނީ ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ލޯނު ހޯދުމުގެ ދަތިކަން ބޮޑުވެ، ދިމާވާ އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި ރިޒާވް މަދުވެ، ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ތެރެއަށް ރާއްޖެ ލައިފަ އެވެ.

ނަމަވެސް ރާއްޖޭގެ މާލީ ވަޒީރު މީޑީއާގައި މިއަދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ ހަރަކާތްތައް ރަނގަޅަށް ހިނގާ ކަމަށެވެ. އަދި ޓޫރިސްޓުން އަންނަ ވަރު ވެސް 2019 ވަނަ އަހަރުގެ އަދަދާ ގާތްކުރާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އަދި ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތަށް ދަރަނި އަދާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އިގްތިސާދު ޑީފޯލްޓަކަށް ދިއުމުގެ އެއްވެސް ބިރެއް ނެތް ކަމަށް އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޖީޑީޕީގެ ގްރޯތް 13 ޕަސެންޓާއި 18 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ،" އޭނާ ވިދާޅުވި އެވެ.

ޖޭޕީ މޯގަންގެ ރިޕޯޓާ ގުޅޭ ގޮތުން އަމީރު ވިދާޅުވީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގައުމުތަކުގެ ހާލަތާއި ރާއްޖެއާ ވަރަށް ތަފާތު ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުން އެކަން ސާފުވާ ކަމަށެވެ. އަދި ދައުލަތުގެ ޓެކްސް އިދާރާ މީރާ އަށް ކޮންމެ މަހަކު ވަންނަ ޑޮލަރުގެ އާމްދަނީން ވެސް އެކަން އެނގޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަތަރު މަހު މީރާ މެދުވެރިކޮށް 316 މިލިއަންގެ އާމްދަނީއެއް ޑޮލަރުން ލިބިފައިވެ އެވެ. އަދި މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާ އަށް 7.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވިގޮތުގައި، ރާއްޖޭގެ ރިޒާވް ހުސްވުމުގެ އެއްވެސް ބިރެއް ނެތެވެ. ރިޒާވް މެނޭޖު ކުރުމުގައި ރަނގަޅު އުސޫލުތަކެއް ގެންގުޅޭ ކަން ވެސް ފާހަގަކުރެއްވި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ހުރީ 805 މިލިއަން ޑޮލަރުގަ އެވެ. އަދި މާޗް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވް ވަނީ 865 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހުގައި ރާއްޖޭގެ ރިޒާވް 700 މިލިއަން ޑޮލަރަށް ވުރެ މަދެއް ނުވެ އެވެ.

"މިހާރު ބައްލަވާ ރިޒާވް. މިހާރު ގާތްގަނޑަކަށް 800 މިލިއަންގަައި ހުރީ. ރިޒާވަށް ބެލިއަސް އެނގޭނެ އެ ފަަދަ ކަމެއް ނޫޅޭކަން،" އޭނާ ވިދާޅުވި އެވެ.

ޖޭޕީ މޯގަންގެ ރިސާޗް ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ ރިޒާވް އަންނަ އަހަރު މަދުވެ ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

އަމީރު ވިދާޅުވީ، ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް ގޮންޖެހުންތަކެއް އެބަ ހުރިކަމަށެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ ރާއްޖޭގެ ތަކެތީގެ އަގު ބޮޑުވާނެ ކަމަށެވެ. އަދި ތެލަށް ކުރާ ހޭދަ ހަތަރު ގުނައަށް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

ތެލުގެ ސަބްސިޑީ އަށް ބަޖެޓުގައި 340 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެެ. އެ އަދަދު ހަތަރު ގުނައަށް އިތުރުވެއްޖެ ނަމަ 1.3 ބިލިއަން ރުފިޔާ އަށް ތެލުގެ ސަބްސިޑީ އަރާނެ އެވެ.