Roadha Mihaaru
ރައީސް ދެއްވީ ބަނގުރޫޓު ނުވާނެ ކަމުގެ ޔަގީންކަން

ރައީސް ދެއްވީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމުގެ ޔަގީންކަން

08 ޖޫން 2022

ދައުލަތުގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކި، އިގްތިސާދު ބަނގުރޫޓުވާނެ ހާލަތު ރާއްޖެ އަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކި، އިގްތިސާދު ބަނގުރޫޓުވާނެ ހާލަތު ރާއްޖެ އަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އަންނަނީ ރަނގަޅު ވަމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮވިޑްގެ އުނދަގޫ ހާލަތުގައި ސަރުކާރުން ނެގި ލޯނުތަކުގެ އެހީގައި ކުދި ވިޔަފާރިތައް ހިނގައިގަންނަން ފުރުސަތު ދެވި، އިގްތިސާދީ ހަރަކާތްތައް އިތުރު ކުރެވުނު ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ނެގި ލޯނުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވަރަށް ބޮޑުވި ކަމަށާއި ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ ކުޑަކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ ކާޑުގެ ބާވަތްތަކާއި ތެލާއި ބޭސް ދަތިނުވެ މަހުން މަހަށް ގަނެވޭ ވަރަށް ފައިސާ ހުންނާނެ ކަމަށް."

މި ވަގުތު ދައުލަތުގެ ދަރަނި ހުރީ 99 ބިލިއަން ރުފިޔާގަ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 97 ޕަސެންޓެވެ.

ވޭތުވެދިޔަ ދެ އަހަރު ކޮވިޑާ ގުޅިގެން އިގްތިސާދަށް ކުރިމަތިވި ހާލަތު ކިޔައިދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުން 70 ބިލިއަން ރުފިޔާ ގެއްލުނު ކަމަށެވެ. އޭގެ ތެރޭގައި ބަޖެޓަށް ވަންނަން ޖެހޭ 35 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

"އާ ބައެއް މަޝްރޫއުތައް ފެށުން ވެސް ވާނީ ހުއްޓާލާފައި. އޭގެ ތަފްސީލުތައް ހާމަކުރާނަން. އިތުރު އާ ބޮޑު މަޝްރޫއުއެއް އަލުން ސޮއިކޮށްގެން، އަލުން ލޯނު ނަގައިގެން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް."

އެމަނިކުފާނު ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލާއި، ގޮދަނާއި ސިމެންތި ފަދަ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އަމާޒަކީ ލިބޭ އެއްޗަކުން ރިކަރަންޓް ހަރަދުތައް މެނޭޖްކުރުން ކަމަށެވެ.

"އާ ބައެއް މަޝްރޫއުތައް ފެށުން ވެސް ވާނީ ހުއްޓާލާފައި. އޭގެ ތަފްސީލުތައް ހާމަކުރާނަން. އިތުރު އާ ބޮޑު މަޝްރޫއެއް އަލުން ސޮއިކޮށްގެން، އަލުން ލޯނު ނަގައިގެން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ޑެފިސިޓަށް އިތުރު ދެ ބިލިއަން ރުފިޔާ ހޯދަން ޖެހޭ

ރައީސް ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި ޑެފިސިޓަށް 9.9 ބިލިއަން ރުފިޔާ ބޭނުންވާ އިރު އޭގެ ތެރެއިން 7.9 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ބާކީ އޮތް ދެ ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ފައިސާ ނުލިިބިއްޖެ ނަމަ، ދެން އޮތް ގޮތަކީ ބައެއް ޕްރޮޖެކްޓްތައް ހުއްޓާލައި ހަރަދުތައް ކުޑަކޮށް، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުން ކަމަށެވެ.

ރައީސް ވިދާޅުވީ، ތެލުގެ ސަބްސިޑީ އަށް 1.6 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ އިރު މިއީ ސަރުކާރުން ޒިންމާ ނަގާ ބޮޑު ހަރަދެއް ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ތެލުގެ އަގަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ އުފެއްދުންތެރިކަން 100 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި، އިގްތިސާދީ އުނދަގޫތައް ހުރި ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

"ފުރަތަމަ ފަސް މަހު އަންދާޒާ ކުރީ ދައުލަތަށް އަށް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް. އެކަމަކު ފަސް މަސް ތެރޭ 11 ބިލިއަން ރުފިޔާ މިވަނީ ދައުލަތަށް ލިބިފައި. އެހެންވީމަ އިގްތިސާދު ކުރިއަރާ މިންވަރު ރަނގަޅު،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތުގެ އަސަރު ރާއްޖެ އަށް ކުރާނެކަން. އެއީ އޮޅުމެއްނެތި އަޅުގަނޑުމެންނަށް އެނގެން އޮތް ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެ ބޮޑު ދަރަންޏެއް ދައްކަން އޮތީ 2026 ވަނަ އަހަރު ކަމަށާއި އެކަމަށް ފައިސާ ހަމަޖައްސާނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން ކަމަށެވެ. އަދި ދައުލަތުގެ ރިޒާވްގައި 807 މިލިއަަން ޑޮލަރު އެބަހުރި ކަމަށާއި މި އަހަރުގެ އެއްވެސް ހިސާބެއްގައި ކާޑުގެ ބާވަތްތައް ނުގަނެވޭނެ ހާލަތެއް ނާންނާނެ ކަމަށެވެ.

"މިއަދު އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ ކާޑުގެ ބާވަތްތަކާއި ތެލާއި ބޭސް ދަތިނުވެ މަހުން މަހަށް ގަނެވޭ ވަރަށް ފައިސާ ހުންނާނެ ކަމަށް. އެއީ ޖޫން މަސް ކަމަށް ވިޔަސް، ޖުލައި ވިޔަސް، އޮގަސްޓް، ސެޕްޓެމްބަރު، އޮކްޓޫބަރު، ނޮވެމްބަރު، ޑިސެމްބަރު ވިޔަސް،" ރައީސް ވިދާޅުވި އެވެ.