Roadha Mihaaru
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު

ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު

17 އޮކްޓޯބަރ 2022

ސަރުކާރުން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދުގެ ހާލަތާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހިނގަނީ އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅަށް ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު އިގްތިސާދަށް 37 ޕަސެންޓުގެ ކުރި އެރުމެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވީ ނަމަވެސް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި މާލީ ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު 41.6 ޕަސެންޓްގެ ކުރިއެރުން ލިބުނު ކަމަށެވެ.

"ދުނިޔޭގެ ނިސްބަތުން ވެސް ކޮވިޑަށް ފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭ. އެހެންވެ، ރާއްޖޭގެ އިގްތިސާދު މި ވަނީ ވަރަށް ރަނގަޅު ފައްތަރެއްގައި،" އަމީރު ވިދާޅުވި އެވެ.

ފިޗްގެ އެންމެ ފަހުގެ ރޭޓިންއާ ހަވާލާ ދެއްވައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ރަނގަޅު ކަމަށާއި ޓޫރިޒަމާއި ކޮންސްޓްރަކްޝަން ފަދަ ދާއިރާތައް ކުރިއަރާފައިވީ ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން އައުޓްލުކް ނެގެޓިވް ވެފައިވާ ކަމަށެވެ.

އަމީރު ވިދާޅުވިގޮތުގައި، ދަރަނި ދެއްކުމުގައި މިހާތަނަށް ރާއްޖެ އަށް އެއްވެސް އުނދަގުލެއް ނެތެވެ. ކުރީގެ ފަސް އަހަރުގައި ނަގާފައި ހުރި ދަރަނިތައް ވެސް 2020 ވަނަ އަހަރުގެ އެންމެ އުނދަގޫ ދަނޑިވަޅުގައި ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ނިސްބަތުން ވެސް ކޮވިޑަށް ފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭ. އެހެންވެ، ރާއްޖޭގެ އިގްތިސާދު މި ވަނީ ވަރަށް ރަނގަޅު ފައްތަރެއްގައި،"--- އަމީރު

އަމީރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ އަދަދު 39 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި ނަމަވެސް މި ސަރުކާރުން ކޮވިޑްގެ ދަތި ހާލުގައި މުސާރަ ދިނުމަށް ދަރަނި ނަގައިގެން ވެސް އެ އަދަދު 37 ބިލިއަން ރުފިޔާގައި ހުރި ކަމަށެވެ.

"...ދައްޗެއް ނެތި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ދަރަނި އަދާކުރަމުން ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓު ޑެފިސިޓް ވާނެ ކަމަށް ލަފާކުރީ 9.8 ބިލިއަން ރުފިޔާގައި ކަމަށް ވިޔަސް މިހާރުގެ ތެލުގެ އަދަދު ބޮޑުވެ، ސަބްސިޑީ އިތުރުވުމުން އެ އަދަދު 11 ބިލިއަން ރުފިޔާ އަށް އިތުރު ވާނެ ކަމަށް އަމީރު ލަފާކުރައްވަ އެވެ.

އެކަމަކު، ސަރުކާރުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމާއި ހަރަދު ކުޑަ ކުރުމަށްޓަކައި ފިސްކަލް ސްޓްރެޓަޖީތަކެއް ހަދާފައިވާ ކަމަށާއި އޭގެ ތެރޭގައި އާމްދަނީން ޖީޑީޕީގެ ނިސްބަތުން ތިން ޕަސެންޓު ހޯދުމާއި ހަރަދު ޖީޑީޕީގެ ނިސްބަތުން ތިން ޕަސެންޓު ކުޑަކުރުމަށް ވެސް ރާވާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.