Roadha Mihaaru
100 އެއްހާ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ

100 އެއްހާ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ

26 މެއި 2022

ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން އަދި މެޑިކަލް އޮފިސަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން އަދި މެޑިކަލް އޮފިސަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ރެކްރޫޓިން އެޖެންސީތައް މެދުވެރިކޮށް ގެންނަން ހެލްތު މިނިސްޓްރީން ވަކިވަކިން ކުރި އިއުލާންތަކުގައި ވަނީ 100 އެއްހާ ބިދޭސީން އެ މަގާމުތަކަށް ބޭނުންވާ ކަމަށެވެ.

ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ހޯދުމަށް ކުރި އިއުލާނުގައިވާ ގޮތުން އެކި ދާއިރާތަކުން 25 ޑޮކްޓަރަކު ބޭނުންވެ އެވެ.

ސްޕެޝަލިސްޓުންގެ ގޮތުގައި ހޯދާ ޑޮކްޓަރުންގެ އަދަދު:

- ގައިނޮކޮލޮޖިސްޓް: 3

- އެނެތެޓިސްޓް: 6

- އިންޓާނަލް މެޑިސިން: 4

- ރޭޑިއޮލޮޖިސްޓް: 9

- ޕީޑިއަޓްރިޝަން: 3

އެ މީހުންގެ އަސާސީ މުސާރައިގެ ގޮތުގައި 30،990ރ. ކަނޑައަޅާފައިވާއިރު އެކޮމޮޑޭޝަނަށް 7،000ރ. އާއި ފުޑް އެލަވަންސަށް 2،400ރ. ލިބޭނެ ކަމަށް އިއުލާނުގައި ވެ އެވެ. އެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުގެ ގޮތުގައި ވަނީ އެމްބީބީއެސް ފުރިހަމަކުރުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ތަނަކުން އެއް އަހަރުގެ އިންޓާންޝިޕެއް ހަދައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި އެއް އަހަރުގެ ތަޖުރިބާ ހުރުމެވެ. އަދި ސްޕެޝަލިސްޓެއްގެ ގޮތުގައި ވެސް އެއް އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

ހެލްތު މިނިސްޓްރީން ވަނީ ރާއްޖެއިން ބޭރުގެ 25 މެޑިކަލް އޮފިސަރުން ހޯދުމަށް ވެސް އިއުލާނުކޮށްފަ އެވެ. އެ މީހުން މަސައްކަތްކުރަން ޖެހެނީ ކޮވިޑް ފެސިލިޓީތަކުގަ އެވެ. އެމްބީބީއެސް ފުރިހަމަކޮށް، އިންޓާންޝިޕަށް ފަހު އެއް އަހަރުގެ ތަޖުރިބާ ހުރުމުން އެ މަގާމުގެ ޝަރުތު ހަމަވެ އެވެ.

އެ މީހުންގެ އަސާސީ މުސާރައަކީ 15،090ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު 275ރ. އާއި އެކޮމޮޑޭޝަނަށް 3،000 އަދި ފުޑް އެލަވަންސަށް 1،800ރ. ލިބެ އެވެ.

ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންގެ އިތުރުން ރާއްޖެ އިން ބޭރުން 50 ނަރުހުން ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެ މީހުން ވެސް މަސައްކަތްކުރަން ޖެހެނީ ކޮވިޑް ފެސިލިޓީތަކުގަ އެވެ.

އެ މީހުންގެ އަސާސީ މުސާރައަކީ 9،060ރ. އެވެ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 120ރ. ގެ ސާވިސް އެލަވަންސެއް ލިބޭއިރު އެކޮމޮޑޭޝަނާއި ފުޑް އެލަވަންސަކީ 4،800ރ. އެވެ.

އެ ނަރުހުންނަކީ އެ މީހަކު މަސައްކަތްކުރާ ގައުމެއްގެ ލައިސެންސިން އޮތޯރިޓީން ގަބޫލުކުރާ ބެޗެލާ އޮފް ސައިންސް އިން ނާސިން ނުވަތަ ޑިޕްލޮމާ އިން ނާސިން ސެޓްފިކެޓެއް އޮތް މީހަކަށް ވާން ޖެހެ އެވެ. އަދި 150 ބެޑްގެ ހޮސްޕިޓަލެއްގައި މަސައްކަތްކޮށް، ދެ އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

ހެލްތު މިނިސްޓްރީން ވަނީ ބަޔޯމެޑިކަލް އިންޖީނިއަރަކާއި ތިން ލެބޯޓްރީ ޓެކްނީޝަނުން ހޯދުމަށް ވެސް އިއުލާންކޮށްފަ އެވެ. އެ މަގާމުތަކަށް ވެސް ހޯދަނީ ބިދޭސީންނެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.