Roadha Mihaaru
ނިއުއިން މިހާރު ބުނަނީ ބައްސާމަށް އިތުބާރުކުރާ ކަމަށް

ނިއުގެ ރާގު ބަދަލުވެއްޖެ، މިހާރު ބުނަނީ ބައްސާމަށް އިތުބާރު އެބައޮތް ކަމަށް

29 މެއި 2022

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތްކުރި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ރާގު އެފްއޭއެމް އާއި ބައްސާމްއާ މެދު ބަދަލުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތްކުރި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ރާގު އެފްއޭއެމް އާއި ބައްސާމްއާ މެދު ބަދަލުވެއްޖެ އެވެ.

ޖެނުއަރީ 2019 ގައި، އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރި ދުވަސްވަރަކީ، ބައްސާމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އެ ކްލަބުން އިސް ނަގައިގެން މަސައްކަތް ފެށި ދުވަސްވަރެވެ. ކުޅުންތެރިންނަށް މުސާރަދީފައި ނުވުމުން، ސަސްޕެންޑްކުރި ނަމަވެސް، އެ ކްލަބުގެ ސަޕޯޓަރުންނާއި އޭރުގެ ހިންގުންތެރިން ތުހުމަތު ކުރަނީ އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ، ބައްސާމުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އުޅުމުންނެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި އިންތިހާބުގައި، އެ ކްލަބުގެ ޗެއާމަންކަމަށް އިންތިހާބު ކުރި އަހްމަދު ވާސިފް ވިދާޅުވީ، އެފްއޭއެމުން ނިއު އަށް ދެރަ ގޮތެއް ހަދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އެފްއޭއެމުން މިކަމުގައި އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަން ޔަގީން. އެގޮތަށް އަޅުގަނޑުމެން ގަބޫލުކުރަނީ ވެސް،" ކްލަބުގެ ދަރަނި އަދާކުރުމަށް އެފްއޭއެމްއާ ފައިސާ ހަވާލު ކުރާނަންތޯ ސުވާލު ކުރުމުން ވާސިފް ވިދާޅުވި އެވެ.

ނިއުގެ ބޯޑަށް އިންތިހާބުވި މެންބަރުން: ޖުލައި މަހު ބާއްވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރެވޭ ވަރަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނިއުގެ ބޯޑަށް އިންތިހާބުވި މެންބަރުން: ޖުލައި މަހު ބާއްވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރެވޭ ވަރަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ ކަމަކަށް ވުމުން އެފްއޭއެމުން ވެސް ކަންކަން ރަނގަޅަށް ގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިފަހަކަށް އައިސް ބައްސާމްގެ ފަރާތުން އެއްބާރުލުން ލިބެމުން އައި ކަމަށް ވެސް، ނިއުގެ ސަޕޯޓަރުންގެ ފަރާތުން އުފެއްދި ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަންކަން ވެސް ކުރެއްވި ވާސިފް ވިދާޅުވި އެވެ.

ރޭޑިއަންޓަށް ކުރިއަށް ނުދެވުނީ، އެ ކްލަބަކީ، ނިއު ރޭޑިއަންޓް ރަމްޒުކުރާ ކްލަބެއް ކަމަށް އޭއެފްސީން އަންގާފައިވާ ކަމަށް އެފްއޭއެމުން ބުނުމުންނެވެ. އެފްއޭއެމުން ބުނީ ރޭޑިއަންޓަށް ކުރިއަށް ދެވޭނީ، ނިއުގެ ދަރަންޏަށް، ރޭޑިއަންޓުން ޒިންމާވާ ނަމަ ކަމަށް އޭއެފްސީން އެންގި ކަމަށެވެ. ރޭޑިއަންޓުގެ ފަރާތުން އެފްއޭއެމް އަށް އޭރު ވެސް ފާޑުކިޔުން އަމާޒުކުރި އެވެ. އެކަމަކު ނިއު ރޭޑިއަންޓްގެ ޗެއާމަން ކަމަށް އިންތިހާބު ވުމަށް ފަހު ވާސިފްގެ ރާގު ވަނީ ބަދަލުވެފަ އެވެ.

"އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެބައޮތް. އެއީ އެބޭފުޅާގެ ފަރާތުންް ފަހަކަށް އައިސް ލިބެމުން ދިޔަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަން،" ވާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ބާއްވާ ދެވަނަ ޑިވިޝަންގައި ނިއު ބައިވެރިކުރެވޭ ވަރަށް ކަންކަން ފުރިހަމަ ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށެވެ. ނިއު އަލުން ކޮޅަށް ނެގުމުގެ މަސައްކަތް ފެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބެއްލެވުމުގެ ދަށުން ކަމަށް ވާސިފް ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސީދާ ބައްސާމް އަށް ގުޅުއްވާ، މިނިސްޓަރު މަހްލޫފް އަށް ގުޅުއްވާ ނިއު ރޭޑިއަންޓްގެ ކަންކަން އަވަސްކޮށް ދެއްވުމަށް ދަންނަވާފައި ވަނީ،" ވާސިފް ވިދާޅުވި އެވެ.

ނިއުގެ ކުރީގެ ހިންގުންތެރިން އެކްލަބުގެ އިންތިހާބީ ޖަލްސާގެ އެންމެ ކުރީ ސަފުގައި. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނިއުގެ ކުރީގެ ހިންގުންތެރިން އެކްލަބުގެ އިންތިހާބީ ޖަލްސާގެ އެންމެ ކުރީ ސަފުގައި. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނިއު ރޭޑިއަންޓްގެ ކަންކަމާ ގުޅޭގޮތުން، ރައީސްގެ ފަރާތުން، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު، ބައްސާމްއާ މިއަދު ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ވާސިފް ވިދާޅުވެފައިވެ އެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ އަނެއް ކްލަބަކީ، ނިއުގެ ކުރީގެ ވާދަވެރިޔާ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. ނިއު ސަސްޕެންޑް ކުރުމުން ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭރު ލީޑް ކުރީ ވިކްޓަރީ އެވެ. އޮކްޓޯބަރު 2019 ގައި ވިކްޓަރީ ސަސްޕެންޑްކުރީ ވެސް ކުޅުންތެރިންނަށް މުސާރަތައް ދިނުމަށް އެފްއޭއެމުން ދިން މުހުލަތުތައް ފަހަނައަޅައި ދިއުމުންނެވެ. ވިކްޓަރީން ވަނީ އެ ކްލަބުން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަތައް އަދާކުރުމަށް އެފްއޭއެމްއާ ފައިސާ ހަވާލުކުރިކަން މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށްފަ އެވެ.

ވާސިފް ވިދާޅުވީ، ދިވެހި ފުޓްބޯޅައިގެ މަސްލަހަތަކީ ނިއު އާއި ވިކްޓަރީ އަދި ވެލެންސިއާ ވެސް އެންމެ އުހުގައި ދެމިއޮތުން ކަމަށެވެ.

ވިކްޓަރީ އާއި ނިއު އަށް ފުޓްބޯޅައިގެ ހަރަކާތްތަކުގައި ބައިވެރި ވެވޭނީ، އެ ދެ ކްލަބްގެ ސަސްޕެންޝަން އުވާލުމަށް އެފްއޭއެމްގެ ކޮންގްރެސްއިން ފާސް ކުރުމުންނެވެ. އެފްއޭއެމްގެ އަހަރީ ކޮންގްރެސް މި އަހަރު އަދި ބާއްވައިފައެއް ނުވެ އެވެ.