Roadha Mihaaru
ރާއްޖެ އަށް ވެސް އިގްތިސާދީ ތޫފާނެއް އަތުވެދާނެ: ޓިމް

ރާއްޖެ އަށް ވެސް އިގްތިސާދީ ތޫފާނެއް އަތުވެދާނެ، ތައްޔާރުވެ ތިބެން ޖެހޭ: ޓިމް

30 މެއި 2022

ކުރިއަށް އޮތީ ރާއްޖޭގެ އިގްތިސާދަށް ވެސް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި ކުރިއަށް އޮތް ބޮޑު އިގްތިސާދީ ތޫފާނަށް މުޅި ގައުމު ތައްޔާރުވާން ޖެހޭ ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯޔާ (ޓިމް) ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރިއަށް އޮތީ ރާއްޖޭގެ އިގްތިސާދަށް ވެސް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި ކުރިއަށް އޮތް ބޮޑު އިގްތިސާދީ ތޫފާނަށް މުޅި ގައުމު ތައްޔާރުވާން ޖެހޭ ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯޔާ (ޓިމް) ރޭ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ޓިމް ވިދާޅުވީ، މުޅި ދުނިޔެ އަށް ވެސް އިގްތިސާދީ ބޮޑު ކާރިސާއެއް އައުމުގެ މަލަމަތި ފެންނަމުންދާ ކަމަށެވެ.

"ދުނިޔޭގެ ބޮޑު ރެސެޝަނެއް އަންނަ ކަމުގެ ނިޝާންތައް އެބަ ފެނޭ. މިހާރު ވެސް އެބަ އޭގެ އަސަރުތައް ގައުމުތަކުން ފެނޭ،" އޭނާ ވިދާޅުވި އެވެ.

އެ ހާލަތުގައި ޑޮލަރުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ، ތަކެތީގެ އަގާއި ތެލުގެ އަގު އެހާ ބޮޑަށް އުފުލެމުންދާ އިރު އެ ކަމުގެ އަސަރު ރާއްޖެ އަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

"ލަންކާ އަށް ކުރިމަތިވި ހާލަތު ދާދި ފަހުން އަހަރެމެންނަށް މި ފެނުނީ. ރާއްޖެ އަށް ވެސް މި ފަދަ ހާލަތެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން--ފޮޓޯ:ނިޝާން އަލީ/މިހާރު

އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން--ފޮޓޯ:ނިޝާން އަލީ/މިހާރު

މަޝްހޫރު ޓީވީ ސީރީޒް، "ގޭމްސް އޮފް ތްރޯންސް" އިން މިސާލު ޖައްސަވައި، އޭނާ ވިދާޅުވީ ރާއްޖެ އަށް "ވިންޓާ އިޒް ކަމިން" ކަމަށެވެ. އެއީ އެ ސީރިޒްގައި އެންމެ ބިރުވެރި، އަދި ބޮޑު ހަނގުރާމަ އަކަށް ނިސްބަތްކޮށް ޖަހާ މިސާލެކެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ސީއީއޯ އެހެން ވިދާޅުވި އިރު އެމެރިކާގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް، ޖޭޕީ މޯގަން އިން ވެސް ވަނީ ރާއްޖެ ފަދަ ގައުމުތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބުނެފަ އެވެ. އެ ބޭންކުން ބުނީ، ދަރަނި އިންތިހާ އަށް ބޮޑުވަމުން އަންނަ ގައުމުތަކުގެ ރިޒާވް އަންނަ އަހަރު ހުސްވެ، އިގްތިސާދު ބަނގުރޫޓުވުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތް ކަމަށެވެ.

އެ ކަމާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ، ދަރަނި މެނޭޖްކުރުމުގައި ރާއްޖެ އަށް އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އިގްތިސާދު ބަނގުރޫޓުވެދާނެ ހާލަތެއް ރާއްޖެ އަށް ކުރިމަތިނުވާނެ ކަމަށެވެ.