Roadha Mihaaru
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ

ބެޔާން މިޔުނިކްގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ

23 މެއި 2024

ބެޔާން މިޔުނިކްގެ ކޯޗުގެ މަގާމަށް ބާންލޭގެ ވިންސެންޓް ކޮމްޕެނީ ހަމަޖެއްސުމުގެ ފުރުސަތު ބޮޑު ވެއްޖެ އެވެ.

ބެޔާން މިޔުނިކްގެ ކޯޗުގެ މަގާމަށް ބާންލޭގެ ވިންސެންޓް ކޮމްޕެނީ ހަމަޖެއްސުމުގެ ފުރުސަތު ބޮޑު ވެއްޖެ އެވެ.

ޖަރުމަނާއި އިނގިރޭސި މީޑީއާތަކުން ބުނީ، ބެޔާނުން، ބާންލޭއާ އެކު އިއްޔެ ވާހަކަތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މި ހަފުތާގައި އެކަން ހަމަޖެހޭނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ބާންލޭ މި ސީޒަނުގައި ވަނީ ރެލިގޭޓް ވެފަ އެވެ. އެކަމަކު މީގެ އެއް އަހަރު ކުރިން ދެވަނަ ޑިޗިޝަނުގައި އޮތް ކްލަބާ ހަވާލުވެ ކޮމްޕެނީގެ ކޯޗުކަމުގެ ދަށުން އެ ޓީމު ޕްރޮމޯޓްކޮށް ދިނެވެ.

އޭނާ ހަވާލުވުމުގެ ކުރިން ދިފާއީ ގޭމެއްގެ މައްޗަށް ބަރާސޯ ވެފައި އޮތް ބާންލޭގެ ކުޅުން ކޮމްޕެނީ ބަދަލުކޮށްލި އެވެ. އޭނާ ކުޅުވަނީ ވަރުގަދަ އެޓޭކިން ގޭމެކެވެ.

އެކަމަކު މި ނިމުނު ސީޒަންގެ ޕްރިމިއާ ލީގުގައި ބާންލޭ އަށް ނާކާމިޔާބާ ކުރިމަތިވީ އެ ޓީމުގެ ރެކްރޫޓްމެންޓް ރަނގަޅު ނުވުމުން ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ. ކުޅުންތެރިން ގެނައުމުގެ ބާރެއް، ކޮމްޕެނީ އަށް އެ ކްލަބުން ނުދެ އެވެ.

ކޮމްޕެނީ އަށް ކޯޗުކަން ހުށަހަޅަން ބެޔާނުން ނިންމީ އޭގެ ކުރިން ބައެއް އެހެން ކޯޗުންނާ ވެސް ވާހަކަ ދެއްކުމަށް ފަހު އެވެ. ބެޔާންގެ ކުރީގެ ކޯޗު ހެންސީ ފްލިކް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރާފް ރަންގްނިކާ ވެސް އެ ކްލަބުން ވާހަކަ ދެއްކި އެވެ.

ބެޔާންގެ ކޯޗުކަމުގެ މަގާމު މިހާރު ވަނީ ހުސް ވެފަ އެވެ. އެއީ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ތޯމަސް ޓޫހުލް ނިންމާފައިވުމުންނެވެ. ސީޒަން ހުސްއަތާ ނިންމާލަން ޖެހުނަސް، ޓޫހުލް ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމައަށް ބެޔާން ގޮވައިގެން ދަތުރުކޮށްފަ އެވެ.

ސެމީ ފައިނަލުގައި ރެއާލް އަތުން ބަލިވީ ރެފްރީގެ ގޯސް ނިންމުމަކާ ހެދި ކަމަށް ބެޔާނުން ދެކެ އެވެ. ސީޒަންގެ ފަހުކޮޅު ޓޫހުލްގެ ނަތީޖާތައް ރަނގަޅު ވުމުން އޭނާ ޓީމުގައި މަޑު ކުރުވަން ވެސް އެ ކްލަބުން މަސައްކަތް ކުރި އެވެ. އެކަމަކު ބޮރޫޝިއާ ޑޯޓްމެންޑްގެ ކުރީގެ ކޯޗު ނިންމީ އޭނާގެ ނިންމުން ބަދަލު ނުކުރުމަށެވެ.

ކޮމްޕެނީ އަށް ބެޔާނުން ޝައުގުވެރި ވަނީ އޭނާގެ އެޓޭކިން ގޭމްގެ ސަބަބުންނެވެ. ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހޭދަ ކުރި ކާމިޔާބު ކެރިއާގައި ޖަރުމަނު ލީގުގައި ވެސް ކުޅެފައި ވުމުން، ހަމްބާގުގެ ކުރީގެ ޑިފެންޑަރަށް ބުންޑެސްލީގާގައި މަސައްކަތް ކުރަން ފަސޭހަ ވާނެ ކަމަށް ވެސް ބެޔާނުން ދެކެ އެވެ.