Roadha Mihaaru
ވެލެންސިއާއިން ތަފާތުބޮޑުކޮށް ގްރާންޑޭ ބަލިކޮށްފި

ޔޫތު ޗެމްޕިއަންޝިޕުގައި ވެލެންސިއާއިން ތަފާތުބޮޑުކޮށް ގްރާންޑޭ ބަލިކޮށްފި

03 ޖޫން 2022

ޔޫތު ޗެމްޕިއަންޝިޕުގެ 16 އަހަރުން ދަށުގެ މުބާރާތުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް 10-1 ގެ ތަފާޓު ބޮޑު ނަތީޖާއަކުން، ކްލަބް ވެލެންސިއާ މޮޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޔޫތު ޗެމްޕިއަންޝިޕުގެ 16 އަހަރުން ދަށުގެ މުބާރާތުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް 10-1 ގެ ތަފާޓު ބޮޑު ނަތީޖާއަކުން، ކްލަބް ވެލެންސިއާ މޮޅުވެއްޖެ އެވެ.

ވެލެންސިއާ އިން ފުރަތަމަ ހާފް ނިންމާލީ މުހައްމަދު ނާމީ ނަޒީފް އާއި މުހައްމަދު އައިހަމް އިބްރާހިމްގެ ދެ ލަނޑުން ކުރި ހޯދައިގެންނެވެ. ދެވަނަ ހާފުގައި އަށް ގޯލް ޖެހި އިރު ދެ ހެޓްރިކް ފެނިގެން ދިޔަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ގުރޫޕް ބީގެ މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާގެ އަގްސަން އަހުމަދު ނަސީމް އާއި މުހައްމަދު ޖޫދު އަޝްފާގް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. ވެލެންސިއާ އިން ދެން ލަނޑު ޖެހީ މުހައްމަދު ނައިސަމް ނަދީމާއި އަބްދުލް އައްވަލު މައުރޫފް އެވެ. ދަ ގްރާންޑޭގެ ހަމައެކަނި ލަނޑު ޖެހީ ނަހުވާން އަހުމަދެވެ.

ވެލެންސިއާ އާއި ދަ ގްރާންޑޭގެ 16 އަހަރުން ދަށުގެ ޓީމް މިއަދު ހަވީރު ޔޫތު ޗެމްޕިއަންޝިޕުގައި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ވެލެންސިއާ އާއި ދަ ގްރާންޑޭގެ 16 އަހަރުން ދަށުގެ ޓީމް މިއަދު ހަވީރު ޔޫތު ޗެމްޕިއަންޝިޕުގައި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެވަނަ ހާފުގައި ހެޓްރިކް ހެދި، ވެލެންސިއާގެ ކެޕްޓަން ޖޫދު އެވެ. ޖޫދުގެ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ.

ކްލަބް ގްރީން ސްޓްރީޓްސް މުބާރާތުގައި ބައިވެރި ނުވާން ނިންމުމުން ގުރޫޕް ބީގައި ހިމެނެނީ ތިން ޓީމެވެ. ވެލެންސިއާ އާއި ދަ ގްރާންޑޭގެ އިތުރުން ދެން ހިމެނެނީ ކްލަބް އީގަލްސް އެވެ. މިއަދުގެ މޮޅާ އެކު ވެލެންސިއާ އިން ވަނީ ސެމީ ފައިނަލުގެ އުންމީދު ބޮޑު ކޮށްފަ އެވެ.

ގުރޫޕް ބީގެ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ހަވީރު 4 ޖަހާއިރު ގަލޮޅު ދަނޑުގައި ވެލެންސިއާ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.

ސޯޅަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް އިއްޔެ ފެށިއިރު ގުރޫޕް އޭގެ ދެ މެޗް ވަނީ ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބުން ވަނީ މާޒިޔާ ބަލި ކޮށްފަ އެވެ. އަދި ރޭ ކުޅުނު މުބާރާތުގެ ދެވަނަ މެޗުގައި ޔުނައިޓެޑް ވިކްޓަރީން ވަނީ ފަހު ވަގުލު ލަނޑު ޖަހައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަތުން ޕޮއިންޓެއް ހޯދައިފަ އެވެ.

މުބާރާތުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ. ހަވީރު 4 ޖަހާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. އަދި ރޭގަނޑު 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެވެ.