Roadha Mihaaru
އެފްއޭއެމް ޔޫތު މުބާރާތް މި މަހު ފަހުކޮޅު ފަށަނީ

އެފްއޭއެމް ޔޫތު މުބާރާތް މި މަހު ފަހުކޮޅު ފަށަނީ

09 އޯގަސްޓް 2018

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވަމުން އައި ޔޫތު ޗެމްޕިއަންޝިޕް 19 އަހަރުން ދަށަށް ބަދަލުކޮށް މި މަހު ފަހުކޮޅު ބާއްވަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވަމުން އައި ޔޫތު ޗެމްޕިއަންޝިޕް 19 އަހަރުން ދަށަށް ބަދަލުކޮށް މި މަހު ފަހުކޮޅު ބާއްވަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައި ހަތަރު ޓީމެއް ބައިވެރިވާނެ އެވެ. އެއީ ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓް، މާޒިޔާ އަދި ގްރީން ސްޓްރީޓްސް އެވެ. މިހާރު ޝެޑިއުލް އޮތްގޮތުން މި މަހު 29 ވަނަ ދުވަހު ފަށާ މި މުބާރާތް ކުރިއަށްދާނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

"މިހާރު ޝެޑިއުލް އޮތްގޮތަށް ބަދަލެއް ނައިސްފިނަމަ 29 އިން ފެށިގެން މުބާރާތް ކުރިއަށްދާނެ،" އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑް އައްސަދު އަބްދުލް ގަނީ "މިހާރަ"ށް ބުންޏެވެ.

މިއީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ދަަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުން ލިބުނު ފަހުން ދަނޑުގައި ކުޅޭނެ ފުރަތަމަ މެޗުތަކެވެ. ވިނަގަނޑަށް ގެއްލުން ވުމުން ސާފް ސުޒުކީ ކަޕަށް މާލޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށްގެންދިޔައީ ޓާފް ދަނޑުގަ އެވެ.

މުބާރާތް ކުރިއަށްގެންދާނީ ލީގު ފޯމެޓަށެވެ. އެ ގޮތުން ދެ ބުރު ކުޅުމަށް ފަހު ފައިނަލް ކުޅޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއްގެ މެދުގަ އެވެ.

އެފްއޭއެމުން 2011 ވަނަ އަހަރު ތައާރަފްކުރި މުބާރާތުން މިހާތަނަށް ގިނަ ކުޅުންތެރިންތަކެއް ވަނީ އުފެދިފަ އެވެ. އޭގެ ތެރޭގައި މާޒިޔާގެ އަމްދާން އަލީ (އެންޑީ) އާއި އެ ޓީމުގެ އަހުމަދު އިމާޒް (އާއްކޮ) އަދި މުހައްމަދު އިރުފާން (އިރޭ) ހިމެނެ އެވެ. އަދި އަންސަރު އިބްރާހީމް (އަންކޮ) އާއި އިބްރާހިމް މުބީން (މުއްކި)، ހަސަން ރާއިފް (ހަންނަ). ހުސެއިން ޝިފާއު ޔޫސުފް ވެސް ވިދާލީ މި މުބާރާތުންނެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިން ގައުމީ ޓީމުގައި ވެސް ހިމެނެ އެވެ.

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މި މުބާރާތް ކުރިއަށްގެންގޮސްގެން ގިނަ ކަންތައްތަކެއް ހާސިލްވެފައިވާ ކަމަށާއި 19 އަހަރުން ދަށަށް ބަދަލުކުރީ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މީގެ ކުރިން އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ޒުވާން ކުޅުންތެރިން އުފެއްދުމާއި ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތުތަކެއް ދިނުމުގެ ގޮތުން އެފްއޭއެމުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މިހާރު އަންނަނީ 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ލީގެއް ވެސް ކުރިއަށްގެންދަމުންނެވެ.

ކްލަބް ލައިސަންސިން ގަވާއިދުގެ ދަށުން މި އަހަރުން ފެށިގެން ކޮންމެ ކްލަބެއްގައި ވެސް 19 އަހަރުން ދަށުގެ ޓީމެއް އޮތުން ލާޒިމެވެ. މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ބާއްވަން އެފްއޭއެމުން ކުރިން ވިސްނީ އަހަރުގެ ކުރީކޮޅުގަ އެވެ. އެކަމަކު އޭރު އެކި ސަބަބުތަކާ ހުރެ ބޭއްވެން ނެތުމުން ފަހުގެ ތާރީހަކަށް ފަސް ކުރަން ޖެހުނެވެ.