Roadha Mihaaru
އައްޑޫގެ ޕްރޮޖެކްޓުވެސް ވަގުތަށް ނިމޭނެ: އެފްކޮންސް

އައްޑޫގެ މަގުތައް ހެދުމާއި ބްރިޖުގެ މަސައްކަތް ވެސް ވަގުތަށް ނިމޭނެ: އެފްކޮންސް

05 ޖޫން 2022

އައްޑޫގެ މަގުތައް ހެދުމާއި ބްރިޖުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އެ މަޝްރޫއު ވެސް ކަނޑައަޅާފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓުން ބުނެފި އެވެ.

އިފްރާޒް އަލީ ބޮމްބޭ އިން އިފްރާޒް އަލީ

އައްޑޫގެ މަގުތައް ހެދުމާއި ބްރިޖުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އެ މަޝްރޫއު ވެސް ކަނޑައަޅާފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓުން ބުނެފި އެވެ.

އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމަށާއި މަގުތައް ހެދުމަށް އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު ފެބްރުއަރީ 21ގަ އެވެ. މާލެ ސަރަހައްދުގައި ހަދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރާ އެ ކުންފުންޏާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން، ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް، އެ ދެމެދުގައި ބްރިޖެއް އަޅަން ވެސް ވަނީ ހަވާލުކޮށްފަ އެވެ.

އެ ބްރިޖު ހަދަނީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެ އަށް ނާރާ ގޮތަށް، ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލެވޭ ގޮތަށެވެ. ދިގުމިނުގައި 1.5 ކިލޯމީޓަރު ހުންނާނެ އެ ބްރިޖުގައި ހަތަރު ލޭނު އޮންނާނެ އެވެ.

އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: އެ މަޝްރޫއު ވެސް ދީފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށް އެފްކޮންސް އިން ބުނޭ -- ފޮޓޯ: އަައްޑޫ ސިޓީ ކައުންސިލް

އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: އެ މަޝްރޫއު ވެސް ދީފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށް އެފްކޮންސް އިން ބުނޭ -- ފޮޓޯ: އަައްޑޫ ސިޓީ ކައުންސިލް

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދިން ދަތުރުގައި ބައިވެރިވި ދިވެހި ނޫސްވެރިންނަށް، އެ މަޝްރޫއުއާ ގުޅޭ ގޮތުން އެފްކޮންސް އިން ދިން އެންމެފަހުގެ އަޕްޑޭޓުގައިވާ ގޮތުން، އެކަމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ޖިއޯޓެކްނިކަލް ސާވޭ ނިމި، މަގުތަކާއި ފެން ހިންދާ ނިޒާމާއި އަދި ބްރިޖު ހެދުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފަ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ސްކޯޕް

- 107 ކިލޯމީޓަރުގެ މަގު ހެދުން.

- 104 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމެއް ހެދުން.

- އައްޑޫގެ ރަށްތަކުގައި މަގުތަކުގައި 376 ސީސީޓީވީ ކެމެރާ ހަރުކުރުން.

- އައްޑޫގެ ރަށްތަކުގެ މަގުތަކުގައި 3،600 ހޮޅިބުރި ހަރުކުރުން.

"ޝެޑިއުލާ އެއްގޮތަށް ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ދަނީ. އެގޮތަށް ދާ ނަމަ، ދީފައިވާ މުއްދަތަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ،" އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރު އެ މަޝްރޫއު ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އައްޑޫގައި ހަދާ ބްރިޖު އޮންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.

އައްޑޫގައި ހަދާ ބްރިޖު އޮންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.

އެފްކޮން އިން ދިން އެންމެފަހުގެ އަޕްޑޭޓް

- އެ މަޝްރޫއުގެ މަސައްކަތަށް 585 މީހަކު ސައިޓުގައި މިހާރު އެބަ ތިބި.

- ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި އެ މަޝްރޫއުގެ މަސައްކަތްތަކުގައި 900 މީހުން އުޅޭނެ.

- 50 އަށް ވުރެ ގިނަ އިންޖީނިއަރުން ސައިޓުގައި އެބަ ތިބި.

- މަސައްކަތަށް ބޭނުންވާ ސާމާނު ގެންގޮސް ވަނީ ނިމިފައި.

އައްޑޫގައި ފެންބޮޑުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދު އާއި ހުޅުދޫގެ އިތުރުން މީދޫގައި ފެން ހިންދާ ނިޒާމެއް ހަދާނެ އެވެ. އެއް ބިލިއަން ރުފިޔާގެ އެ މަޝްރޫއަކީ، އައްޑޫގައި މިހާތަނަށް ހިންގާ، މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ.