Roadha Mihaaru
އިލެކްޓްރޯނިކް ސާމާނު މަރާމާތުކުރުމަށް ހާއްސަ ގާނޫނެއް

ނިއު ޔޯކްގައި އިލެކްޓްރޯނިކް ސާމާނު މަރާމާތުކުރުމަށް ހާއްސަ ގާނޫނެއް

06 ޖޫން 2022

އިލެކްޓްރޯނިކް ސާމާނު މަރާމާތުކުރުމަށް ހާއްސަ ގާނޫނެއް އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

އިލެކްޓްރޯނިކް ސާމާނު މަރާމާތުކުރުމަށް ހާއްސަ ގާނޫނެއް އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

"ފެއާ ރިޕެއާ އެކްޓް" ކިޔާ އެ ގާނޫނުގެ ދަށުން ނިއު ޔޯކްގައި އިލެކްޓްރޯނިކް ސާމާނު ވިއްކާ ހުރިހާ ކުންފުނިތަކަކުން، އެ މީހުން ވިއްކާ އެއްޗެއްސާއި އޭގެ ބައިތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު އުފައްދަން ޖެހޭނެ އެވެ. އަދި އެ އެއްޗެހި ގަންނަ މީހުންނަށާއި ފިހާރަތަކަށް، އެ އެއްޗެހި މަރަމާތުކުރަން ބޭނުންވާ ސާމާނާއި އިރުޝާދުތަކާ އެކު ވެސް ދޭން ޖެހޭނެ އެވެ.

އެ ގާނޫނު ފާސްކޮށްފައިވާއިރު، ނިއު ޔޯކް ގަވަރުނަރު އެ ގާނޫނު ތަންފީޒުކުރުމުން، އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.

ނިއު ޔޯކްގައި އިލެކްޓްރޯނިކް ސާމާނު މަރާމާތުކުރުމުގެ ހިދުމަތްދޭ ކުންފުނިތަކުން ވަނީ އެ ގާނޫނަށް ވަރަށް ބޮޑަށް ތައީދުކޮށްފަ އެވެ. އެ ގާނޫނުގެ ސަބަބުން އެއްޗެހި މަރަމާތުކުރުމަށް ބޭނުންވާ ސާމާނު ފަސޭހައިން ލިބި، އެ ހިދުމަތް އަގުހެޔޮކޮށް ދެވޭނެ ކަމަށް އެމީހުން އުއްމީދުކުރެ އެވެ. އަދި އަމިއްލަ އަށް އެއްޗެހި މަރާމާތުކުރަން ބޭނުންވާ މީހުންނަށް ވެސް އެ އިހުތިޔާރު ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

އެ ގާނޫނު ފާސްކޮށްފައި ވަނީ، ގަންނަ މުދާ މަރާމާތުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން އެމެރިކާގެ މައި ސަރުކާރުން ކުންފުނިތަކަށް ޕްރެޝާ ވެސް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

މީގެ ކުރިން އެމެރިކާގެ އެހެން ބައެއް ސްޓޭޓްތަކުގައި ވެސް، ގަންނަ ސާމާނު މަރަމާތުކުރެވޭނެ ގާނޫނުތައް ހަދާފައިވެ އެވެ. އެކަމަކު، އިލެކްޓްރޯނިކް ސާމާނު މަރާމާތުކުރެވޭނެ ގާނޫނެއް ފާސްކުރި އެއީ އަދި ފުރަތަމަ ފަހަރެވެ. މެސެޝުއެޓްސްގައި އޮޓޯމޯބައިލް ހާއްސަކޮށް އެ ކަހަލަ ގާނޫނެއް ހެދިއިރު، ކޮލަރާޑޯގައި އިލެކްޓްރޯނިކް ވީލްޗެއާ މަރަމާތުކުރުމަށް ހާއްސަކޮށް ގާނޫނެއް އޮވެ އެވެ.

ނިއު ޔޯކްގައި ފާސްކުރި ގާނޫނުގައި ހުރިހާ ވައްތަރެއްގެ އިލެކްޓްރޯނިކް ސާމާނު ހިމެނުނަސް، ގޭގައި ބޭނުންކުރާ ބައެއް ސަމާނާއި ބައެއް މެޑިކަލް ޑިވައިސްތަކާއި އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ބައެއް އެއްޗެހި މަރާމާތުކުރުމާ ގުޅޭ ގޮތުން އެ އެއްޗެހި އުފައްދާ ކުންފުނިތަކަށް ލުއިތަކެއް ދީފައިވެ އެވެ.