Roadha Mihaaru
"އިންޑިއާ އައުޓް" ލިޔުނު މީހާ ހައްޔަރުކޮށްފި

ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

05 ޖޫން 2022

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު ގ. ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލައިގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު ގ. ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލައިގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ބުންޏެވެ.

ފެހިކުލައިގެ ސްޕްރޭ ބޭނުންކޮށްގެން ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނީ މިދިޔަ މަހު 30ގަ އެވެ.

އެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނުއިރު، ނަޝީދަކީ އިދިކޮޅުން އިސްވެ ހިންގާ އެ ކެމްޕެއިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަޑުއުފުއްލަވާ ބޭފުޅެކެވެ. އެ ކެމްޕެއިނަކީ އިންޑިއާއާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ހިންގާ، އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމީ ސަލަމާތަށް ހުރި ނުރައްކަލެއް ކަމަށް ނިންމަވައި، އެ ކެމްޕެއިން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ވެސް ނެރުއްވައިފަ އެވެ. އެ ގަރާރާ ގުޅިގެން ފުލުހުން ވަނީ މާލޭގެ އެކި ތަންތަނާއި ގޭގޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ވެސް ނަގައިފަ އެވެ. އަދި އެ ގެތަކުގެ ވެރިން ފުލުހަށް ހާޒިރުކޮށްފައި ވެސް ވެ އެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބުމާ ދެކޮޅަށް ކަމަށް ބުނެ، ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔަމީން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން އެކި ދުވަސްތަކުގެ މަތިން ސިލްސިލާ އެއްވުންތައް ވެސް ދަނީ ބާއްވަމުންނެވެ.

އެ ހަރަކާތްތައް ހުއްޓުވަން ފުލުހުން ނުކުންނައިރު، ބައެއް ދުވަސްތަކުގައި މީހުން ހައްޔަރު ވެސް ކުރެ އެވެ.