Roadha Mihaaru
ޔޫކްރޭން ބަލިކޮށް 64 އަހަރުފަހުން ވޭލްސް ވޯލްޑްކަޕަށް

ޔޫކްރޭން ބަލިކޮށް 64 އަހަރުފަހުން ވޭލްސް ވޯލްޑް ކަޕަށް

06 ޖޫން 2022

ކާޑިފް (ޖޫން 5) - ޔޫރަޕުގެ ކޮލިފައިން ޕްލޭއޮފް ފައިނަލް ގައި ޔޫކްރޭނާ ވާދަކޮށް 1-0 އިން މޮޅުވެ، 1958 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޭލްސް ފީފާ ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކާޑިފް (ޖޫން 5) - ޔޫރަޕުގެ ކޮލިފައިން ޕްލޭއޮފް ފައިނަލް ގައި ޔޫކްރޭނާ ވާދަކޮށް 1-0 އިން މޮޅުވެ، 1958 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޭލްސް ފީފާ ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ އެވެ.

ކޮލިފައިން ގުރޫޕުގެ ފުރަތަމަ މެޗުން ބެލްޖިއަމް އަތުން ބަލިވެގެން، ގުރޫޕްގެ ދެވަނަ ލިބުމުން ޕްލޭއޮފް ކުޅެން ޖެހުނު ވޭލްސް ވަނީ މާޗު މަހު ސެމީ ފައިނަލުގައި އޮސްޓްރިއާ ބަލި ކޮށް ފައިނަލުން ޖާގަ ހޯދައިފަ އެވެ. ހަނގުރާމައިގެ ސަބަބުން ޔޫކްރޭނުން ސްކޮޓްލެންޑާ ދެކޮޅަށް ކުޅެން އޮތް މެޗު ފީފާއިން ފަސް ކުރި އެވެ. ޔޫކްރޭނުން ވަނީ މިދިޔަ ހަފްތާ ސްކޮޓްލެންޑް ބަލި ކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފަ އެވެ.

ވޭލްސްގެ ކާޑިފް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ޔޫކްރޭނުން މޮޅަށް ކުޅުނު ނަމަވެސް ވޭލްސް މޮޅުވީ، ފުރަތަމަ ހާފުގައި ޔޫކްރޭނުގެ ކެޕްޓަން އަންޑްރޭ ޔާމޮލެންކޯ އަތުން ބައިކޮޅަށް ވަން ލަނޑެންނެވެ. މި ލަނޑު ވަނީ މެޗުގެ 34 ވަނަ މިނިޓުގައި ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް ފޮނުވާލި ހިލޭޖެހުމެއް ދިފާއުކުރަން އުޅުމުގެ ތެރޭގަ އެވެ.

ދެވަނަ ހާފުގައި ބޭލް އަށް އިތުރު ލަނޑެއް ޖަހަން ފުރުސަތު ލިބި ބޭކާރު ވިއެވެ. ބަދަލު ކުޅުންތެރިޔާ ބްރޭނަން ޖޯންސަން ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ. ޔޫކްރޭނުން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް ވުލްވްސް އާއި ކްރިސްޓަލް ޕެލަސް އަށް ކުރިން ކުޅުނު ކީޕަރު، ވޭން ހެނެސީ ވަނީ ވޭލްސްގެ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ޓޮޓެންހަމް ޑިފެންޑަރު ބެން ޑޭވިސް ވެސް ވަނީ ވޭލްސްގެ ފަހަތުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ޔޫކްރޭނުން ފޮނުވާލި ހަމަލާއެއް ވޭލްސްގެ ކީޕަރު ހެނެސީ ދިފާއު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔޫކްރޭނުން ފޮނުވާލި ހަމަލާއެއް ވޭލްސްގެ ކީޕަރު ހެނެސީ ދިފާއު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއީ ވޭލްސް ވޯލްޑް ކަޕަށް ކޮލިފައިވި ދެވަނަ ފަހަރެވެ. މެޗަށް ފަހު ޓީމުގެ ކެޕްޓަން ބޭލް ބުނީ، މިއީ ވޭލްސްގެ ފުޓުބޯޅަ ތާރީހުގައި ވެސް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، މިއީ އޭނާ ގައުމީ ޓީމަށް ކުޅެން ފެށީއްސުރެން ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

"މެޗުގެ ނަތީޖާއަކީ ވޭލްސްގެ ފުޓުބޯޅަ ތާރީހުގެ އެންމެ ބޮޑު ކާމިޔާބީ. އަހަރެމެން މިދަނީ ވޯލްޑް ކަޕަށް. އެއީ އަބަދުވެސް އަހަރެން (ގައުމީ ޓީމުގައި) ކުޅެން ފެށިއްސުރެން މަސައްކަތް ކުރީ މި ހުވަފެން ހަގީގަތަކަށް ހަދަން،" ބޭލް ބުންޏެވެ.

ވޯލްޑް ކަޕަށް ކޮލިފައި ނުވެއްޖެ ނަމަ ވޭލްސް ގައުމީ ޓީމުން ރިޓަޔާ ކުރާނެ ކަމަށް ބޭލް ބުނެފައި ވީ ނަމަވެސް، ވޯލްޑް ކަޕުގެ ޖާގައަކާ އެކު އޭނާ ވޯލްޑް ކަޕް ނިމެންދެން ގައުމީ ޓީމަށް ކުޅޭނެ އެވެ.

މި މޮޅާ އެކު ވޭލްސް 64 އަހަރު ފަހުން ވޯލްޑް ކަޕަށް ކޮލިފައި ވެފައި ވާއިރު، ނޮވެމްބަރު މަހު ގަތަރުގައި ފަށާ މުބާރާތުގައި އެޓީމު ވާދަ ކުރަން ޖެހޭނީ އިންގްލެންޑާއި އެމެރިކާ އަދި އިރާން އާ އެކު ގުރޫޕް ބީގަ އެވެ. ވޭލްސް ފުރަތަމަ ކުޅެން ޖެހޭނީ އެމެރިކާއާ ދެކޮޅަށެވެ.

އެންމެ ފުރަތަމަ 1958 ގައި ވޭލްސް ކުޅުނު ވޯލްޑް ކަޕަކީ އެގައުމުން ކުޅުނު ފުރަތަމަ ބައިނަލްއަގުވާމީ ބޮޑު މުބާރާތެވެ. އެއަށް ފަހު ފުރަތަމަ ފަހަރަށް އެޓީމު ބޮޑު މުބާރާތެއްގައި ކުޅެފައި ވަނީ 2016 ވަނަ އަހަރު، ޔޫރޯ ފުޓުބޯޅަ މުބާރާތުގަ އެވެ. އެއީ ޔޫރޯ މުބާރާތުގައި ވެސް ވޭލްސް ކުޅުނު ފުރަތަމަ ފަހަރެވެ. އެފަހަރު ޔޫރޯގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި އިރު، މިދިޔަ އަހަރުގެ މުބާރާތުން ކެޓީ ގަދަ 16 އިންނެވެ.