Roadha Mihaaru
ތަފާތު ބޮޑު މޮޅަކުން ސްޕެއިން ކޮލިފައިން ފަށައިފި

ތަފާތު ބޮޑު މޮޅަކުން ސްޕެއިން ކޮލިފައިން ފަށައިފި

06 ސެޕްޓެމްބަރ 2016

މެޑްރިޑް (ސެޕްޓެމްބަރު 6) - އަމިއްލަ ދަނޑުގައި ރޭ ލިޗަސްޓައިން އަތުން 8-0 އިން ހޯދި ތަފާތު ބޮޑު މޮޅާ އެކު ސްޕެއިން ވޯލްޑް ކަޕް ކޮލިފައިން ކާމިޔާބުކަމާ އެކު ފަށައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ސެޕްޓެމްބަރު 6) - އަމިއްލަ ދަނޑުގައި ރޭ ލިޗަސްޓައިން އަތުން 8-0 އިން ހޯދި ތަފާތު ބޮޑު މޮޅާ އެކު ސްޕެއިން ވޯލްޑް ކަޕް ކޮލިފައިން ކާމިޔާބުކަމާ އެކު ފަށައިފި އެވެ.

އާ ކޯޗު ޖޫލެން ލޮޕެޓެގީގެ ކޯޗުކަމުގައި ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި ސްޕެއިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. މި މެޗުގައި ސްޕެއިންގެ ޑިއޭގޯ ކޮސްޓާ އާއި ޑޭވިޑް ސިލްވާ އަދި އަލްވާރޯ މޮރާޓާ ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ވިޓޯލޯ އާއި ސާޖީ ރޮބާޓޯ އެވެ. މިއީ މި ދެ ކުޅުންތެރިން ސީނިއާ ގައުމީ ޓީމަށް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

"މިއީ އަހަރެމެން ޓީމެއްގެ ގޮތުގައި ކުރާ ބުރަ މަސައްކަތް. އަހަރެން ބޭނުމެއް ނޫން ކުޅުންތެރިން ކުރާ މަސައްކަތުގެ ކްރެޑިޓް ނަގަން. މެޗު ފަސޭހަވީ ފުރަތަމަ މިނިޓުން ފެށިގެން އަހަރެމެން މެޗުގެ ކޮންޓްރޯލް ހޯދުމުން،" ލޮޕެޓެގީ ބުންޏެވެ.

އިޓަލީ ވެސް ވަނީ އާ ކޯޗު ޖިއަމްޕިއެރޯ ވެންޗޫރާގެ ކޯޗުކަމުގައި ކުޅުނު ވާދަވެރި ފުރަތަމަ މެޗުން މޮޅުވެ ފެށުން ރަނގަޅުކޮށްފަ އެވެ. ރަށުން ބޭރުގައި އިޒްރޭލް އަތުން އިޓަލީ މޮޅުވީ 3-1 އިންނެވެ. ގްރަޒިއާނޯ ޕެލާ އާއި އެންޓޯނިއޯ ކަންޑްރޭވާގެ ލަނޑުތަކުން އިޓަލީ ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ތާލް ބެންހައީމް ވަނީ ލަނޑެއް ޖަހައި އިޒްރޭލަށް މެޗުގެ އުއްމީދުއާ ކޮށްދީފަ އެވެ.

ދެ ވަނަ ހާފް ފެށިގެން އިޓަލީ އަށް އެންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިވީ 55 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާއެކު ޖިއޮޖިއޯ ކިއެލީނީ އަށް ރަތް ކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް އިޓަލީން ވަނީ އިތުރު ލަނޑެއް ޖަހައި މި މެޗުން މޮޅުވެފަ އެވެ. އިޓަލީގެ ތިން ވަނަ ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ޗީރޯ އިމޯބިލޭ އެވެ.

ރޭ ވޭލްސް ކުޅުނު މެޗުން އެ ޓީމު ވަނީ ގަރެތު ބޭލްގެ ދެ ލަނޑާ އެކު 4-0 އިން މޮލްޑޯވާ ބަލިކޮށްފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ޖޯ އެލަން އާއި ސޭމް ވޯކްސް އެވެ.