Roadha Mihaaru
މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ ބާރެއް ނެތް: ޖަމީލް

މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަށް ނެތް: ޖަމީލް

06 ޖޫން 2022

މަރަން ހުކުމް ކޮށްފައި ތިބި މީހުންގެ އަދަބު ތަންފީޒުނުކޮށް ތިބުމުގެ ބާރު ސަރުކާރަށް ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަރަން ހުކުމް ކޮށްފައި ތިބި މީހުންގެ އަދަބު ތަންފީޒުނުކޮށް ތިބުމުގެ ބާރު ސަރުކާރަށް ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު ތިއްބަސް، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާއިރު، އެ ހުކުމް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަށް ނޯންނާނެ ކަމަށެވެ. އަދި އެ ފަދަ މީހުން ޖަލުގައި ގެންގުޅެނީ ކޮން ހަމައަކުންތޯ ސުވާލު އުފެއްދެވި އެވެ.

ކުރީގެ ރައީސް އަދި އިިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ހާއްސަ މުޝީރު ޖަމީލް ވިދާޅުވީ، އިސްލާމްދީނަށް ވުރެ ހޯމް މިނިސްޓަރު އިމްރާނަށް މުހިންމުވީ މަގާމު ކަމަށެވެ. އަދި މާތްﷲ ގެ ހުކުމަށް އިމްރާން ގޮންޖެއްސެވީތޯ ވެސް ޖަމީލް ސުވާލު އުފެއްދެވި އެވެ.

ރާއްޖޭގައި ގިނަ ބަޔަކަށް މަރުގެ ހުކުމް އިއްވާފައި އެބަތިއްބެވެ. އޭގެ ތެރެއިން އިސްތިއުނާފް މަރުހަލާ ނިމިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތާއި އަދި މަޖީދީމަގުގައި މީހަކު މަރާލި ގ. ރީފް މުހައްމަދު ނަބީލްގެ މައްސަލަ އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ 1953 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ. ޔާމީންގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހަދައި، ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމި އެވެ. ނަމަވެސް މިހާތަނަށް ތަންފީޒެއް ނުކުރެ އެވެ.